ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވްއާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބައްދަލުކުރައްވައި ސަލާމް ކުރެއްވި ވަގުތުގެ ފޮޓޯ ރަޝިއާގެ ދައުލަތުގެ ޓީވީއިން ދެއްކިއިރު ފޮޓޯޝޮޕުން އެޑިޓްކޮށް ކިމްގެ މޫނުފުޅަށް ހިނިތުންވުން ގެނުވާފައިވާ ކަމަށް ތުހުމަތު ކުރެވިއްޖެއެވެ.
ރަޝިއާއިން މިކަން ކޮށްފައި ވަނީ އެގައުމާއި ރަޝިއާއި އޮތް ގާތްކަން ދައްކުވައިދިނުމަށް ކަމަށްވަނީ ތުހުމަތު ކޮށްފައެވެ.
ލަވްރޯވްގެ ދަތުރުފުޅުގައި ރަޝިއާއިން ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ރަޝިއާއަށް ވަޑައިގަތުމަށް، ރައީސް ވްލެޑްމިއަރ ޕޫޓިން ފޮނުއްވި ދައުވަތު ބުރާސްފަތި ދުވަހު އަރުވާފައެވެ.
ކިމްވަނީ އެމެރިކާގެ އަތްގަދަކުރުމާއި ދެކޮޅަށް މޮސްކޯއިން ދެކޮޅު ހަދާތީ ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ޕޫޓިންގެ ހާލުކޮޅު އޮޅުންފިލުއްވާފައެވެ.
ނަމަވެސް ލަވްރޯވްއާއި ސަލާމް ކުރައްވައި ކެމެރާއަށް އެބުރިވަޑައިގެންނެވިއިރު ހުންނެވީ ހިތްޕުޅު ހަމަޖެހިވަޑައިނުގެން ރުޅިމޫނުފުޅެއްގައެވެ.
ހަފްތާ ނިންމުމަށް ފަހު ހަފްތާގެ ޚަބަރުތަކަށް ބަލާލައި ރަޝިއާގެ ދައުލަތުގެ ޓީވީ، ރަޝިއާ-1 ން ގެނެސްދިން ޕްރޮގްރާމްގައި ކިމްގެ މޫނުފުޅަށް ވަނީ ބަދަލުގެނެސް ހިނިތުންވުން ގެނުވާފައިފައި ކަމަށް ދުނިޔޭގެ މީޑިއާތަކުންވަނީ ރިޕޯޓްކޮށްފައެވެ.
މީގެ އިތުރުން އެ ޕްރޮގްރާމް ހުށަހަޅައިދެމުންގެން ދިޔަ ޕްރެޒެންޓަރުވެސް ވަނީ އުތުރު ކޮރެއާއާއި ރަޝިއާގެ ގުޅުން އެމެރިކާއަށް ފެންނާނެ ކަމަށް ބުނެފައެވެ.