ށ. ފުނަދޫ މަގު ހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ބުނެފިއެވެ.
ފުނަދޫ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން އެމްޓީސީސީން ބުނީ ތާރުއެޅުމުގެ މަސައްކަތަކާ އެކު މިހާރު ކުރިއަށް ދަނީ މަގުތަކުގައި ހަރުކުރަންޖެހޭ ހޮޅިދަނޑިތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ބައެއް މަގުތަކުގެ ޕޭމަންޓް ހެދުމުގެ މަސައްކަތް ވެސް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ. އެމްޓީސީސީން ބުނީ މަގު ހެދުމުގެ މަޝްރޫއަށް ޖުމްލަ ގޮތެއްގައި ބަލާ ނަމަ އޭޕްރީލް މަހުގެ ނިޔަލަށް 83 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރާ މިމަޝްރޫއުގެ ދަށުން ފުނަދޫގައި ޖުމްލަ 3.3 ކިލޯމީޓަރުގެ ދިގުމިނުގެ 10 މަގެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަގުތައް ހެދިގެންދާނީ ދުވާރު ހިމަނައިގެން ފެންހިންދާ ނިޒާމް ވެސް ގާއިމް ކުރުމާ އެކުގައެވެ. މީގެ އިތުރަށް ކޭބަލް ޖަންކްޝަނާއި މުސްތަގުބަލުގައި ކޭބަލް އަޅަން ބޭނުންވެއްޖެ ހާލަތެއްގައި ކޭބަލް އެޅޭނެ ގޮތަށް ހޮޅި އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފުނަދޫ މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 13 ސެޕްޓެންބަރު 2015 ގައި 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް ކަނޑައެޅި ތާރީހަށް މިމަސައްކަތް ވަނީ ނިންމާ ނުލިވިފައެވެ.
މިމަޝްރޫއަށް45.6 މިލިއަން ރުފިޔާ ސަރުކާރުން ބަޖެޓުން ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.