ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ވިކްޓްރީ ސްޕޯޓްސް ކްލަބު ވަރުގަދަ ކުރުމަށްޓަކައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގެނެސް އެ ކްލަބާއެކު ކުރިއަށްދާން ބޭނުންވާ ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓް އާކޮށްފި އެވެ.
ވިކްޓްރީ އަށް މި ސީޒަނުގައި ގެނައި ކުޅުންތެރިންގެ ތެރެއިން މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއިލް އީސަ (މެސީ) ގެނެސްފައި ވަނީ ރެކޯޑް އަގަކަށެވެ.
ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅު ދެ މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ބަކާ އާއި އީސަގެ އިތުރުން ނިއު ރޭޑިއަންޓުގެ ވައިސް ކެޕްޓަން އަހުމަދު ނިޔާޒާއި ބީޖީ ސްޕޯޓްސްގެ ކެޕްޓަން މުހައްމަދު ސާބިގް އަދި ކްލަބް ވެލެންސިއާގެ ހަސަން އަދުހަމް (ސަޑޭ) ވެސް ވަނީ ވިކްޓަރީއާ ގުޅިފަ އެވެ.
މިދިޔަ އަހަރު ވެލެންސިއާ އަށް ކުޅެ އެ ޓީމަށް އެފްއޭ ކަޕުގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ބަކާ ވަނީ 2010 ވަނަ އަހަރު ވެސް ވިކްޓަރީ އަށް ކުޅެފަ އެވެ. އައިއެފްސީން 2004 ވަނަ އަހަރު ކެރިއަރު ފެށި ބަކާ ވަނީ ވީބީ ސްޕޯޓްސް އާއި ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް އާއި މާޒިޔާ އަދި މިޔަންބާގެ ކަންބަވްޒާ އެފްސީ އަށް ވެސް ކުޅެފަ އެވެ.
އީސަ އަކީ ވިކްޓަރީން ކެރިއަރު ފެށި ކުޅުންތެރިޔެކެވެ. ވިކްޓަރީގައި ވިދާލި އީސަ ވަނީ އޭގެ ފަހުން ވީބީ އާއި މާޒިޔާ އާއި ނިއު ރޭޑިއަންޓް އަދި އީގަލްސް އަށް ވެސް ކުޅެފަ އެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ އުފެއްދުންތެރި އެއް މިޑްފީލްޑަރަކީ ރާއްޖޭގެ ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔެކެވެ.
ވިކްޓަރީ އަށް ދެން ބަދަލުވި ނިޔާ އަކީ ރާއްޖޭގައި މިވަގުތު ކުޅޭ އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ. ވެލެންސިއާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު ވީބީ އަށް ވެސް ކުޅުމަށް ފަހު ނިޔާ ވަނީ މިދިޔަ އަހަރުތަކުގައި ނިއުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރު ވިކްޓަރީއާ ގުޅުމަށް ފަހު ސީޒަނުގެ މެދުތެރެއިން އެނބުރި ނިއު އަށް ބަދަލުވީ އެވެ.
ވެލެންސިއާގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އަދުހަމްގެ އިތުރުން މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ބީޖީގެ ކެޕްޓަން ސާގިބް ވެސް ފެންނާނީ ވިކްޓަރީންނެވެ.
މި ކުޅުންތެރިންގެ އިތުރުން މިދިޔަ ސީޒަންގައި ވިކްޓަރީގެ ކެޕްޓަންކަން ކުރި ޑިފެންޑަރު ރިލުވާން ވަހީދު (ރިލޭ) މިއަހަރު ވެސް އެ ކުލަބުގައި މަޑުކުރަން ނިންމައި ޓީމުގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ.
ރިލޭ ކޮންޓްރެކްޓް އާ ކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.
މިދިޔަ ސީޒަން ނިއުރޭޑިއަންޓުން ފެށި ރިލޭ ވިކްޓަރީއާ ގުޅުނީ ސިޒަންގެ މެދުތެރެއިން ނެވެ. އޭރު ވިކްޓަރީގެ ކޯޗް ކަމާ ހަންގޭރީގެ ލާސްލޯ ކިސް ހަވާލުވެ ޓީމުގެ ކެޕްޓަން ބޭންޑް ރިލޭއަށް ދިނެވެ.
ދެހާސް ހަ ވަނަ އަހަރު ވެލެންސިއާ އިން ސީނިއާ ކެރިއާ ފެށި ރިލޭ ވަނީ 2012 ވަނަ އަހަރު ވެސް ވިކްޓަރީ އަށް ބަދަލުވެފަ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ނިއު އިން ސީޒަންގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރިއިރު، އޭނާ ވަނީ ޓީމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.
އަލަށް ގުޅުނު ކުޅުންތެރިންނާއެކު ވަރުގަދަ ސްކޮޑެއް މިހާރު ވިކްޓަރީގައި އެބައޮތެވެ. އަދި މިދިޔަ ސީޒަންގައި އެހެން ޓީމުތަކުން ފާހަގަ ކުރެވުނު ބިދޭސީ ކުޅުންތެރިން އެޓީމަށް ގެނެސް ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތް އެޓީމުގެ މެނޭޖްމެންޓުން ދަނީ ކުރަމުންނެވެ.
މީގެ އިތުރުން އެ ކްލަބުން ވަނީ މިދިޔަ ސީޒަންގައި އީގަލްސް އަށް ކުޅުނު މުސްތަފާ ސެޑިކްގެ ސޮއިވެސް ހޯދާފަ އެވެ. ސެޑިކްވަނީ އީގަލްސްގައި މޮޅު ކުޅުމެއް ދައްކާ މުހިންމު ގޯލްތަކެއް ޖަހާފައެވެ. ހަމަ އެއާއެކު އެ ކްލަބުން ވަނީ މިދިޔަ ސީޒަންގައި ޔޫވީ އަށް ކުޅުނު ކީޕަރު މަހުމޫދު ވެސް އެކްލަބަށް ގެންނަން ނިންމާފަ އެވެ.
ބީޖީގެ ކުރީގެ ކޯޗު އަދި ވިކްޓަރީގެ ކުޅުންތެރިޔާ މުހައްމަދު ޝާޒްލީ ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސާފައިވައިރު އެ ޓީމުން އަންނަނީ އަންނަ ހަފުތާގައި ޕްރެކްޓިސް ފަށަން މަސައްކަތްކުރަމުންނެވެ.