ކުރިއަށް ފުޓުބޯޅަ ސީޒަނުގައި ގުޅޭނެ ޓީމެއް އަދި މިހާތަނަށް ނިންމާފައި ނުވާ ކަމަށާއި އެހެން ނަމަވެސް ކުރިއަށް އޮތް ހަފްތާ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް ފާއިތުވި ދެ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގެ ގޯލް ބެލެހެއްޓި އެޓީމުގެ ކުރީގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ބުނެފި އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އިންމަ ބުނީ ޓީސީ ދޫކޮށްލުމަށް ފަހު މިވީ މުއްދަތުގެ ތެރޭގައި މާލޭގެ ގިނަ ކްލަބުތަކަކުން އޭނާއާ މަޝްވަރާކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ކޮންމެ ކްލަބަކުން ވެސް އޭނާ ބޭނުން ކުރަން ނިންމާފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކަމަށެވެ.
ރާއްޖޭގެ އެއް ނަމްބަރު ގޯލް ކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމުން ރިޓަޔާ ކުރި ފަހުން ގައުމީ ޓީމުގެ ގޯލުގެ ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައި ވަނީ މުހައްމަދު އިމްރާން (ކުޑަ އިންމަ) އަށެވެ. އެހެން ކަމުން ކްލަބުތަކުން ބޭނުންވާ ގޮތަށް ބެންޗުގައި އިނުމަކީ މިވަރުގެ ކުޅުންތެރިއަކު ބޭނުންވާނެ ކަމެއް ނޫނެވެ.
އިންމަ ބުނީ ރާއްޖޭގައި މިވަގުތު ތިބި ކީޕަރުންގެ ތެރެއިން މައިގަނޑު ގޮތެއްގައި ކޮންމެ ކްލަބެއްގައި ވެސް ރަނގަޅު ކީޕަރުން އެބަ ތިބި ކަމަށާއި އެގޮތުން އެ ކީޕަރުން ވެސް ބޭރުގެ ކީޕަރުންނަށް އެއް ނަމްބަރު ކީޕަރުގެ މަގާމު ދޫކޮށްލާފައި ބެންޗުގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އިންމަ ބުނީ ކޮންމެ ކީޕަރަކު ވެސް މަސައްކަތް ކުރަން ޖެހޭނީ ގަވައިދުން މެޗުތައް ކުޅެވޭ ފެންވަރުގެ ތަޖުރިބާ ހުރި މޮޅު ކީޕަރަކަށް ކަމަށާއި އެ އަޒުމުގައި ނުކުމެއްޖެ ނަމަ ބޭރު ކީޕަރުންނަށް ކްލަބުތަކުން ބަރޯސާ ނުވެ މިގައުމަށް އުފަން ކީޕަރުންނަށް އެ ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.
ކުރިއަށް އޮތް ސީޒަނަށް ކްލަބުތަކުން ތައްޔާރުވަމުންދާއިރު، ގިނަ ކްލަބުތަކުން ދަނީ ބިދޭސީ ކީޕަރުން ހޯދަމުންނެވެ. އެގޮތުން މާޒިޔާ އާއި ވިކްޓްރީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބުން ވެސް އެޓީމުތަކަށް ބިދޭސީ ކީޕަރުން ގެނެސްފަ އެވެ. ދެން ބާކީ ތިބި ކްލަބުތަކުގެ ތެރެއިން މިވަގުތު ރަނގަޅު ކީޕަރެއް ނެތް ހަމައެކަނި ކްލަބަކީ މިދިޔަ ސީޒަންގައި ބޮޑެތި ކްލަބުތަކުން ސިއްސުވާލި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.
އެހެން ކަމުން ބެލެވޭ ގޮތުގައި ކުރިއަށް ސީޒަނުގައި އެޓީމުގެ ގޯލު ބެލެހެއްޓުމުގެ ޒިންމާ އެންމެ ފަހު ވަގުތު ނަގާނެ ކުޅުންތެރިއަކަށް އިންމަ ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އިންމަ ވަނީ ފާއިތުވި ދެ ސީޒަނުގައި ޓީސީ އަށް މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި އޭގެ ކުރިން އޭނާ ވަނީ މާޒިޔާ އަދި ވިކްޓްރީ އަށް ވެސް ކުޅެފަ އެވެ.