މި ސީޒަނަކީ ހުރިހާ ގޮތަކުން ވެސް ވާދަވެރިވާނެ ސީޒަނެއް ކަމަށާއި އެހެން ކަމުން އެންމެ ފުރަތަމަ ވެސް އަމާޒަކަށް ވާނީ މާލޭ ލީގުގެ ހަތަރެއް ކަށަވަރުކުރުން ކަމަށް ކްލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) ބުނެފި އެވެ.
ސާންތި ވަނީ މިދިޔަ އަހަރުގެ ޕްރެޒިޑެންޓް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އީގަލްސް އާއެކު ހޯދާފަ އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ސާންތި ބުނީ މިއަހަރުގެ ފުޓުބޯޅަ ލީގު ކުޅޭ ފޯމެޓަށް ގެނެސްފައިވާ ބަދަލާއެކު ލީގުގައި ކުޅެންޖެހޭ ހުރިހާ މެޗަކުން ވެސް މޮޅުވާން މަޖުބޫރު ވާނެ ކަމަށާއި އެގޮތުން މާލޭ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި އޮތުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.
ސާންތި ބުނީ މިއަހަރުގެ ސީޒަނަށް ކްލަބުތަކުން ތައްޔާރުވަމުން އަންނަ ސްޕީޑަށް ބަލާއިރު، ކޮންމެ ކްލަބެއް ވެސް މިއަހަރު ފެނިގެންދާނީ ވަރުގަދަ ސްކޮޑަކާއެކު ކަމަށާއި އެގޮތުން ނިއު ރޭޑިއަންޑާއި ވިކްޓްރީ އަދި މާޒިޔާގެ ސްކޮޑުން ވެސް އެކަން ހާމަވެގެންދާ ކަމަށެވެ.
ޒުވާން ކުޅުންތެރިންތަކެއް އުފައްދަން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ސާންތި ބުނީ ކްލަބެއްގެ މެނޭޖްމަންޓުން އަބަދުވެސް ބޭނުންވާނީ އެ އަހަރެއްގައި ކުޅޭ ކޮންމެ މުބާރާތެއްގެ ވެސް ޓްރޮފީ ކަމަށާއި އެހެން ނަމަވެސް އޭނާއަށް މުހިންމީ ޓްރޮފީ އަށް ވުރެން ބޮޑަށް ޒުވާން ފުޓުބޯޅަ ޖީލެއް ބިނާ ކުރުން ކަމަށެވެ. އަދި ޓްރޮފީއަކީ ހުރިހާ އެއްޗެއް ނޫން ކަމަށް ވެސް ސާންތި ބުންޏެވެ.
ސާންތި ވަނީ އީގަލްސް އަށް ޕްރެޒިޑެންޓް ކަޕް ހޯދައި ދިނުމަށް ފަހު ދުވަސްކޮޅަކަށް ފުޓުބޯޅަ އާއި ދުރުގައި ހުރުމަށް ބުނެފަ އެވެ. އެއާއެކު މިދިޔަ އަހަރު އޭނާގެ ކޮންޓްރެކްޓް ހަމަވުމަށްފަހު މިއަހަރު އަނެއްކާ ވެސް ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އެ ކްލަބާއެކު ސޮއިކޮށްފަ އެވެ.