ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރާއި އޭނާގެ ކެމިސްޓްރީ ދިމާވެއޭ މީހުން ކިޔާތީ ވަރަށް އުފާވާކަމަށް އާލިއާ ބަޓް ބުނެފިއެވެ.
އާލިއާއާއި ރަންބީރު އެކުގައި މަސައްކަތް ކުރަމުންދަނީ ޒޯޔާ އަޚްތަރުގެ ގަލީ ބޯއިގައެވެ. އަދި މީގެ އިތުރުން އަޔާން މުކްރަޖީގެ ބްރަހްމަސްތްރާގައި ވެސް އެދެމީހުން ފެނިގެންދާނެއެވެ.
އާލިއާ އިންޑީއާގެ މުމްބާއީ މިރާއަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ އޭނާއާއި ރަންބީރުގެ ކެމިސްޓްރީ ދިމާވެއޭ މީހުން ކިޔާތީ އުފާވާކަމަށެވެ. އަންނަ އަހަރު ރިލީޒްކުރާ ފިލްމެއްގެ މަސައްކަތް އޭނާއާއި ރަންބީރާއި ދެމީހުން ކުރަމުންދާކަމަށާއި އެ ދެ މީހުން ކެމިސްޓްރީ ދިމާވެއޭ ބުނާ މީހުން އެ ފިލްމު ބަލާލުމަށް ދައުވަތު ދޭކަމަށެވެ. އާލިއާ މީގެ ކުރިން އިންޑީއާގެ ނޫހެއް ކަމަށްވާ ފިލްމު ފެއާއަށް ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ އޭނާއާއި ރަންބީރާ އެކުގައި މަސައްކަތް ކުރާތާ އަދި ވީ ކުޑަ ދުވަސްކޮޅެއްކަމަށާއި އޭނާއަކީ ވަރަށް އާދައިގެ މީހެއްކަމަށެވެ. އަދި އެއީ އޭނާ ރަންބީރު ކިބައިން އެންމެ ކަމުދާ ސިފަކަމަށް އޭނާ ބުންޏެވެ.
އާލިއާ ބަޓް މި ދާއިރާގައި އުޅޭތާ މިހާރު ވަނީ 6 އަހަރު ވެފައެވެ. 2012 ވަނަ އަހަރުގެ ސްޓޫޑެންޓް އޮފްދަ އިޔާއިން ފިލްމީ ދާއިރާއަށް ނިކުތް އާލިއާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެފައެވެ. އޭނާގެ އެންމެ ފަހުން ނިކުތް ފިލްމަކީ ރާޒީއެވެ. އާލިއާގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު ޒޯޔާ އަޚްތަރުގެ ގަލީ ބޯއި އާއި އަޔާން ކުކްރަޖީގެ ބްރަހްމަސްތްރާ ހިމެނެއެވެ. އަދި މީގެ އިތުރުން އަބީޝެކް ވަރްމާގެ ކަލްންކް އިންވެސް އޭނާ ފެނިގެންދާނެއެވެ.