މޮރޮކޯއާއި އިރާންގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުން މިހަފްތާ ތެރޭގައި އިތުރަށް ގޯސްވެ، ދެ ގައުމުގެ ގުޅުން ކަނޑާލުމާއެކު މޮރޮކޯގެ ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާއިން ދީފިއެވެ.
ސައުދީ ސަރުކާރުގެ ހާރިޖީ ވުޒާރާއިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިރާނުން މޮރޮކޯގެ ދާހިލީ ކަންކަމަށް ވަނުން ކުށްވެރިކުރާކަމަށާއި މޮރޮކޯއިން ނިންމާ ހުރިހާ ނިންމުމެއްގައިވެސް އެގައުމާ އެކުގައި އޮންނާނެ ކަމަށެވެ.
އެފްރިކާގެ ހުޅަނގު ސަހަރާގައި އޮންނަ މޮރޮކޯގެ ބިމުގެ ދިފާއުގައި ކުރަމުންދާ ހަނގުރާމައިގައި އެގައުމާ ދެކޮޅަށް އެބިމަށް ނިސްބަތްވާ ކަމަށް ދައުވާކުރާ ހަނގުރާމަވެރިންނަށް ފައިސާއާއީ ހަތިޔާރުގެ އެހީ ދެމުންދާ ކަމަށް ބުނެ، މޮރޮކޯއިންވަނީ އަންގާރަ ދުވަހު އިރާނާ ސިޔާސީ ގުޅުން ކަނޑާލާފައެވެ.
މިފަދަ ހަނގުރާމަވެރިންގެ ޖަމާއަތެއް ކަމަށްވާ 'ޕޮލިސާރިއޯ' އަށް އިރާނުން އެހީ ދީފައިވާކަމުގެ ހެކި މޮރޮކޯގެ އިންޓެލިޖެންސް އިދާރާތަކަށް ލިބިފައިވާ ކަމަށް މޮރޮކޯއިން ބުނެ އެވެ. ޒަމާނުއްސުރެން ނުތަނަވަސް ގުޅުމެއް އޮންނަ މިދެގައުމުންވަނީ ކުރިން ވެސް އެކި ފަހަރު މަތިން ގުޅުން ކަނޑާލާފައެވެ.
ސައުދީ ސަރުކާރުން މޮރޮކޯގެ ދިފާއުގައި އޮންނާނެކަމުގެ ޔަގީންކަން ދީފައިވާއިރު ބަޚްރެއިންނާއި ޔޫއޭއީ އަދި މިސްރު ފަދަ އެހެން ގައުމުތަކަށްވެސް މޮރޮކޯއަށް ވަނީ އެއްބާރުލުން ދީފަ އެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
