މާލެސިޓީ ތޮއްޖެހުމާއި ގުޅިގެން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކޮށް ތަރައްޤީކުރަން ފެށީ ހުޅުމާލެއެވެ. އެތަން ތަރައްޤީކޮށް ފުލެޓްތައް ދޫކުރަން ފެށުމާއި ގުޅިގެން އެކި އާއިލާތަކުގެ ދިރިއުޅުން ވަނީ ހުޅުމާލެއަށް ބަދަލު ކޮށްފައެވެ. އެހެން ނަމަވެސް ހުޅުމާލެ ކިތަންމެ ރީތިކޮށް ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްފައި އޮތް ކަމުގައިވީ ނަމަވެސް ބާޒާރު ކުރުމަށާއި ކުދިން ސުކޫލަށް ދިޔުމަށާއި ވަޒީފާއަށް ދިޔުމަށްޓަކައި ހަމަ މި އަންނަން ޖެހެނީ މާލެއަށެވެ.
ބާޒާރު ކުރުމަށް މާލެ އަންނަ މީހުންނަށް ވުރެ ގިނައިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވަޒީފާގައި އުޅޭ މީހުންނާ ސުކޫލަށްދާ ކުދިން ހުޅުމާލެއިން މާލެއަށް ދަތުރު ކުރަންޖެހެއެވެ. ކޮންމެ ބޭނުމެއްގައިވިޔަސް ދަތުރުފަތުރު ކުރުމަކީ އެއްވެސް މީހަކަށް ފަސޭހަކަމެއް ނޫނެވެ. އެހެން ނަމަވެސް ހާލަތު ހުންނަ ގޮތުން އެކި ބޭނުންތަކުގައި ދަތުރު ކުރަން މަޖުބޫރު ވަނީއެވެ. ދަތުރުފަތުރު ކުރާއިރު އެތަކެއް އުނދަގޫތަކާއި އެބަ ކުރިމަތިލާންޖެހެއެވެ. އެއީ ގިނަ ފަރާތްތަކެއް އެއްފަހަރާ ދަތުރުކުރާއިރު ދިމާވާ އުނދަގޫ ކަންތައްތަކެވެ. ޓިކެޓް ނަގަން ކައުންޓަރގައި ކިޔޫ ލައިން ހަދާފައިވާއިރު ބައެއް މީހުން ކިޔޫ ލައިން ފަޅާލާ މަންޒަރު ވެސް ފެނެއެވެ. އަދި ނުކުޅެދޭ މީހުންނަށާއި މުސްކުޅިންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކުގައިވެސް އެއްވެސް ބަލާލުމެއްނެތި އިށީންނަ މަންޒަރު ވެސް ފެނިގެންދެއެވެ.
މީގެ އިތުރުން ޓާރމިނަލްގެ ދޮރު ހުޅުވުމަށްޓަކައި އެމްޓީސީސީގެ މުވައްޒަފު އައުމުގެ މާ ކުރިން މީހުން ކޮޅަށް ތެދުވެ ކުރިން ގޮސް ފެރީއަށް އެރުމަށްޓަކައި މަސައްކަތް ކުރެއެވެ. މި ފެންނަނީ ރިވެތި އުސޫލުތަކާއި ހިލާފު ކަންތައްތަކެވެ. ފެރީއަށް އަރާއިރުވެސް މުސްކުޅިންނަށާއި ކުޑަކުދިންނަށާއި އަދި ނުކުޅެދޭ މީހުންނަށް ހާއްސަ ކުރެވިފައިވާ ގޮޑިތަކުގައި އެއިން އެއްވެސް ކެޓަގަރީއަކަށް ނުފެތޭ މީހުން ގޮސް އިށީންނަ މަންޒަރުވެސް ފެނިގެންދެއެވެ. އަދި މަދު ބައެއް ފިޔަވައި އެހެން ހުރިހާ އެންމެންވެސް އެފަދަ މީހުންނަށް ފުރުސަތު ނުދޭތަން ވެސް ފެނިގެންދެއެވެ.
މިއީ ޓާރމިނަލް ސަރަހައްދުގައި ކަން ހިނގާ ގޮތުގެ ބައެއް މިސާލުތަކެވެ. މިގޮތަށް ކަންތައްތައްވާތަން ފެނުމުން ހިތުގައި އުފެދެނީ ސުވާލުތަކެކެވެ. ޒަމާނުއްސުރު ކާބަފައިން ދަސްކޮށްދެމުން އައި ދިރިއުޅުމުގެ ރިވެތި އުސޫލުތަކާއި ރިވެތި އަހުލާގުތަކަށްވީ ކިހެނެއްބާއޭ؟ ދިވެހިންގެ މެދުގައި އޮތް ރިވެތި އުސޫލުތަކާ އަހުލާގުތައް ނެތިގެންދިޔައީބާއޭ؟
މުޖުތަމައު ހެޔޮ ގޮތުގައި ބިނާކޮށް އެންމެން ވެސް ރިވެތި އުސޫލުތަކާއި އަހުލާގުތަކަށް އަހުލުވެރި ކުރުވުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ޒިންމާއެކެވެ. މިއީ ދިވެހިން ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ.