ކުރިއަށް އޮތް މެކްސިކޯގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓަކު، އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ ވައްކަން ކުރާ މީހުންގެ އަތް ކެނޑުމަށް ބިލެއް މެކްސިކޯގެ ސެނެޓަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
ޓީވީން ވަގުތުން ދުރައް ދެއްކި އާދިއްތަ ދުވަހު އޮތް ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބަށް ކުރިމަތި ލައްވާފައިވާ ޖެއިމީ ރޮޑްރިގޭޒް ވިދާޅުވީ މެކްސިކޯއިން ކަރަޕްޝަން ނައްތާލުމަށް އަޅަން އޮތް އެންމެ ރަނގަޅު އެއް ފިޔަވަޅަކީ ވައްކަން ކުރާ މީހުންގެ އަތް ކެނޑުން ކަމުގައެވެ.
އޭނާ މިހެން ވިދާޅުވުމުން ބަހުސްގެ މޮޑަރޭޓަރ ތަކުރާރުކޮށް ތިޔައީ ހަމަ ގަސްދުގައި ވިދާޅުވާ އެއްޗެއްތޯ ދެންނެވުމުންވެސް އޭނާ ވިދާޅުވީ، އެއީ ހަމަ ރަނގަޅު ވާހަކަފުޅެއް އެއް ކަމަށެވެ. އަދި އެއީ ކަރަޕްޝަން އާ ދެކޮޅަށް ބައެއް ގައުމުތަކުން އަޅާފައިވާ ފިޔަވަޅެއް ކަމަށްވެސް ބަހުސްގައި އޭނާ ފާހަގަ ކުރެއްވި އެވެ.
ސައުދީ އަރަބިއްޔާ އާއި އީރާނުގައި ވައްކަން ކުރާ މީހުންގެ އަތްކެނޑުމުގެ އަދަބު އަންނަނީ ދެމުންނެވެ.
މެކްސިކޯގެ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ކުރިއަށް ދިޔަ އިރު ޓްވިޓަރގައި ގައި ބަހުސުން ކުރި ހޯއްދެވީ ރޮޑްރިގޭޒް ކަމަށް ރޮއިޓާސް އިން ރިޕޯޓު ކޮށްފައި ވެއެވެ.
މެކްސިކޯގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ އެޖެންޑާގައި އެންމެ ކުރީގައި ހިމެނޭ މައްސަލަ ތަކުގެ ތެރޭގައި ކުށްކުރުން މަދު ކުރުމާއި ކަރަޕްޝަން ނައްތާލުން ހިމެނެއެވެ.
ކެންޑިޑޭޓުން ގެންދަނީ މި ދެ މައްސަލައިގައި ރައްޔިތުންގެ ތާއީދު ހޯދުމަށް އެކި އެކި ހުށަހަޅުންތައް ހުށަހަޅަމުންނެވެ.
ރޮއިޓާސް އިން ބުނެފައިވަނީ ވައްކަން ކުރާ މީހުންގެ އަތް ކެނޑުމަށް ގާނޫނެއް ފާސް ކުރުމަށް މެކްސިކޯގެ ސެނެޓަށް ހުށަހެޅި ނަމަވެސް ފާސްވާނެ ކަމަށް ނުބެލޭ ކަމަށެވެ.
މެކްސިކޯ އަކީ މަރުގެ އަދަބު ދިނުމާއި ލާއިންސާނީ އަނިޔާތައް ކުރުން މަނާ ކޮށްފައި އޮންނަ ގައުމެކެވެ.
ވައްކަން ކުރާ މީހުންގެ އަތްކެނޑުމަށް ތާއީދު ކުރައްވާ ރިޔާސީ ކެންޑިޑޭޓް ރޮޑްރިގޭޒް އަކީ 2015 ވަނަ އަހަރު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާ މެކްސިކޯގައި ގަވަރުނަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ފުރަތަމަ ފަރާތެވެ.
ޚިޔާލު ހޯދުމުގެ ގިނަ ވޯޓުތަކުން ފެންނަ ގޮތުގައި ރޮޑްރިގޭޒް އުޅުއްވަނީ މެކްސިކޯގެ ރިޔާސީ އިންތިޚާބުގެ ފަސް ވަނައިގައެވެ.