ސީރިޔާގެ ވެރިރަށް ދިމިޝްގުގެ ކައިރީގައި އޮންނަ ދޫމާގައި ދިން ކަމަށް ތުހުމަތު ކުރެވޭ ކެމިކަލް ހަމަލާގެ ތަހުގީގު ކުރުމަށް އެ ގައުމަށް ދިޔަ ކެމިކަލް ހަތިޔާރާއި ބެހޭ ތަޖުރިބާކާރުންގެ ޓީމް، ހަމަލާ ދިން ކަމަށް ބުނެވޭ ސަރަހައްދަށް އެންމެފަހުން ވައްދައިފިއެވެ.
އޯގަނައިޒޭޝަން ފޮރ ދި ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް(އޯޕީސީޑަބްލިއު)ގެ ޓީމެއް ވަނީ ދޫމާއަށް ދަތުރުކޮށް ސާމްޕަލް ނަގާފައެވެ.
މި ސާމްޕަލް ފޮނުވޭނީ ދަ ހޭގަށެވެ.
އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ދިން ކަމަށް ތުހުމަތުކުރެވޭ ކެމިކަލް ހަމަލާއާއި ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު ހުޅަނގެ ގައުމުތަކުން ވަނީ އެކަމުގެ ރައްދުގައި ސީރިޔާއަށް ބޮން އަޅާފައެވެ.
ކެމިކަލް ހަމަލާއެއް ދީފައިވާ ކަމަށް ބުނާ ވާހަކަތައް، ދޫމާގެ ކޮންޓްރޯލް މިހާރު އޮންނަ ސީރިޔާއާއި ރަޝިއާއިން ދޮގު ކުރެއެވެ.
އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ދިން ކަމަށް ބުނާ ކެމިކަލް ހަމަލާގައި 40 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ބުނެވެއެވެ. މި ހަމަލާގެ ރައްދު އެމެރިކާއާއި އިނގިރޭސި ވިލާތާއި ފްރާންސްއިން ގުޅިގެން ސީރިޔާއަށް ދީފައިވަނީ ސިރިޔާގެ އެންމެ ގާތް ބައިވެރިޔާ، ރަޝިއާއާއިއެކު ބަހުގެ ހަމަލާތައް ބަދަލު ކުރުމަށް ފަހުއެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
