ކ. މާލެ
|
22 އޭޕްރިލް 2018 | އާދީއްތަ 10:48
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން
އޭއެފްޕީ
އުތުރު ކޮރެއާ މައްސަލަ
ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމުން އުތުރު ކޮރެއާއަށް ދުނިޔެ މަރުހަބާ ކިޔަނީ
ދެކުނުކޮރެއާ އާއި އުތުރު ކޮރެއާގެ ބައްދަލުވުން އަންނަ ހަފްތާގައި ބާއްވާނެ
ރައީސް ޓްރަމްޕްއާއިއެކުބާއްވަވާ ބައްދަލުވުން ޖޫން މަހު ބާއްވާނެކަމަށްވަނީ ބެލެވިފައި

އުތުރު ކޮރެއާއިން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލިކަން އިއުލާނު ކުރުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ގައުމަށް މަރުހަބާ ކިޔައިފިއެވެ.

ލީޑަރ ކިމް ޖޮން އުން ވިދާޅުވީ އިތުރު ޓެސްޓް ތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އެ ގައުމުން ނިއުކްލިއަރ ހަތިޔާރު ހުރިކަން އެ ގައުމުން ދައްކުވައިދީފި ކަމަށެވެ.

ރައީސް ޓްރަމްޕް ވަނީ ކިމްގެ އެ ފިޔަވަޅަށް ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި މަރުހަބާ ވިދާޅުވެފައެވެ.

"އުތުރު ކޮރެއާއިން ވަނީ ނިއުކްލިއަރ ހުރިހާ ޓެސްޓްތަކެއް ހުއްޓާލައި މައި ނިއުކްލިއަރ ސައިޓްތައް ބަންދުކުރަން ވައުދުވެ ވަޑައިގެންފައި. މިއީ އުތުރު ކޮރެއާ އަށާއި މުޅިދުނިޔެއަށް ވެސް ރަނގަޅު ޚަބަރެއް-ބޮޑު ކުރިއެރުމެއް! ޓްވިޓަރގައި ޓްރަމްޕް ވިދާޅުވެފައިވެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކިމް ޖޮން އުން ވިދާޅުވެފައި ވަނީ"އޭޕްރީލް 21ން ފެށިގެން އުތުރު ކޮރެއާއިން ނިއުކްލިއަރ ޓެސްޓް އަދި އެއްބައްރުން އަނެއް ބައްރަށް ފޮނުވާލެވޭ ބެލިސްޓިކް މިސައިލްތައް ޓެސްޓްކުރުން ހުއްޓާލާނަން"

އުތުރު ކޮރެއާގެ ނިންމުމަށް މަރުހަބާ ވިދާޅުވެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އެ މަނިކުފާނު ބައްލަވަމުން ގެންދަވަނީ ކިމްއާއިއެކު ޖޫން މަހު ބާއްވާ ސީދާ ބައްދަލުވުމަށް ކަމަށެވެ.

ދެކުނުކޮރެއާގެ ރައީސް މޫން ޖެއިން އިން ވިދާޅުވީ އުތުރު ކޮރެއާގެ ނިންމުމުގެ ސަބަބުން އެ ގައުމާއިއެކު އަންނަ ހަފްތާގައި ބާއްވާ ބައްދަލުވުން ކާމިޔާބުވާނެ ފަދަ މާހައުލެއް އުފެދިގެން ހިނގައްޖެ ކަމަށެވެ.

ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ވެރިޔާ ފެޑެރިކާ މޮގަރިނީ ވިދާޅުވީ އެއީ ވަރަށް ޒަމާން ވަންދެން ދެކެމުން ގެންދެވި ކަމެއް ކަމަށެވެ. އަދި އެ ގައުމުގެ ނިންމުމަކީ އިއާދަ ކުރެވިގެންވާނެ ނިންމުމެއް ނޫންކަމަށް ވިދާވިއެވެ.

އިނގިރޭސި ވިލާތުގެ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައިވެސް ވަނީ މި ނިންމުމަކީ ހެޔޮނިޔަތެއްގައި މަޝްވަރާ ކުރުމަށް މަސައްކަތްކުރާކަމުގެ ނިޝާނަކަށް ވާނެކަމަށް އުއްމީދުކުރާކަމަށެވެ.

އުތުރު ކޮރެއާގެ އެންމެ ގާތް ބައިވެރިޔާ، ޗައިނާއިން ބުނީމި ފިޔަވަޅަކީ ކޮރެއަން ޕެނިންސިއުލާގެ މަޝްރަހު ރަނގަޅު ވެގެންދާނެ ކަމަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރާކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީއިންވެސް ވަނީ އުތުރު ކޮރެއާއަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް އެ ގައުމުން ވަނީ އެމެރިކާއާއި ދެކުނުކޮރެއާއިން އެ ސަރަހައްދުގައި ހިންގާ އަސްކަރީ ހަރަކާތްތައް މަދުކުރުމަށް ގޮވާލާފައެވެ.

 ޕިޔޯންގްޔަންގއިން ވަނީ އިގްތިސާދީ ކުރިއެރުމާއި ސަރަހައްދުގެ ސުލްހައަށްޓަކައި ނިއުކްލިއަރޓެސްޓް ސައިޓްތައްވެސް ބަންދުކުރަން ނިންމާފައިވާކަމަށް އިއުލާނުކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ.

ނިއުކްލިއަރ ހަތިޔާރު އެއްވެސް ގޮތަކަށް ބޭނުން ނުކުރުމަށް ވައުދުވެފައެވެ.

އުތުރު ކޮރެއާއިން ވަނީ އެގައުމުން މިހާތަނަށް ކުރި އެންމެ ބާރުގަދަ ނިއުކްލިއަރ ޓެސްޓް އަދި އެގައުމުން މިހާތަނަށް އުފެއްދި އެންމެ ދުރު ރާސްތާގެ ބެލަސްޓިކް މިސައިލް މިދިޔަ އަހަރު ޓެސްޓްކޮށްފައެވެ.

 

 

- ކޮމެންޓް