އުތުރު ކޮރެއާގެ ނިއުކްލިއަރ އަދި މިސައިލް ޓެސްޓް ވަގުތުން ހުއްޓާލައްވަން ނިންމަވާފައިވާކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮން އުން އިއުލާނުކުރައްވައިފިކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފިއެވެ.
ހޮނިހިރު ދުވަހު މިވާހަކަ އިއުލާނުކޮށް އަދި އަންނަ ހަފްތަގާއި ދެކުނުކޮރެއާއާއި އުތުރު ކޮރެއާއާއި ދެމެދު އަންނަ ހަފްތާގައި ވާހަކަތައް ބޭއްވުމަށް ނިންމާފައިވާއިރު ދެކޮރެއާ ގުޅޭ ކޮރެއަން ޕެނިންސިއުލާގެ މަސްރަހުވަނީ ފިނިވާން ފަށާފައެވެ.
ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުނީ ޕިޔޯންގްޔަންގއިންވަނީ އިގްތިސާދީ ކުރިއެރުމާއި ސަރަހައްދުގެ ސުލްހައަށްޓަކައި ނިއުކްލިއަރޓެސްޓް ސައިޓްތައްވެސް ބަންދުކުރަން ނިންމާފައިވާކަމަށެވެ.
"މިހާރު އަޅުގަނޑުމެން އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ ނިއުކްލިއަރ ޓެސްޓް ނޫނީ މެދުރާސްތާ އަދި އެއްބައްރުން އަނެއް ބައްރަށް ފޮނުވާލެވޭ މިސައިލްތައް ޓެސްޓްކުރާކަށް، އެއާއިއެކު މިހާރު އުތުރުގެ ނިއުކްލިއަރ ޓެސްޓް ސައިޓްތަކުގެ މިޝަން ވަނީ ނިމިފައި" ވެރިކަން ކުރާ ޕާޓީގެ ސެންޓްރަލް ކޮމިޓީގައި ވާހަކަދައްކަވަމުން ކިމް ވިދާޅުވިކަމަށް އެ އޭޖެންސީން ރިޕޯޓްކޮށްފައިވެއެވެ.
ކޭސީއެންއޭއިން ބުނި ގޮތުގައި އުތުރު ކޮރެއާއިންވަނީ ނިއުކްލިއަރ ޓެސްޓާއި ދެކޮޅަށް ހިންގާ ބައިނަލްއަގްވާމީ ހަރަކާތްތަކާއި ގުޅުމަށް ނިންމައި އެ ގައުމަށް ނިއުކްލިއަތް ހަތިޔާރެއްގެ ބިރުވެރިކަން ނެތް ހިނދެއްގައި ނިއުކްލިއަރ ހަތިޔާރު އެއްވެސް ގޮތަކަށް ބޭނުން ނުކުރުމަށް ވައުދުވެފައެވެ.
އުތުރު ކޮރެއާއިންވަނީ އެގައުމުން މިހާތަނަށްކުރި އެންމެ ބާރުގަދަ ނިއުކްލިއަރ ޓެސްޓް އަދި އެގައުމުން މިހާތަނަށް އުފެއްދި އެންމެ ދުރު ރާސްތާގެ ބެލަސްޓިކް މިސައިލް އުފައްދާފައެވެ.
ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިންއާއިއެކު ބާއްވާ ބައްދަލުވުން މި މަހުގެ 27 ވަނަ ދުވަހު ދެ ގައުމުގެ ސަރަހައްދީ ރޮނގުގައި އޮންނަ ވިލެޖެއްގައި ބޭއްވުމަށް ނިންމާފައި ވާއިރު ޖެހިގެން އަންނަ މަހު ނުވަތަ ޖޫން މަހުގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕްއާއިއެކު އުތުރު ކޮރެއާލީޑަގެ ބައްދަލުވުން ބާއްވަވާނެއެވެ.
ދެ ކޮރެއާގެ ލީޑަރުން އަންނަ ހަފްތާގައި ބައްދަލުކުރާއިރު މިއީ 2007 ވަނައަހަރަށްފަހު ދެ ގައުމުގެ ލީޑަރުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. އަދި 1950 އާއި 1953 އާއި ދެމެދު ކުރި ކޮރެއާ ހަނގުރާމައަށްފަހު ދެ ގައުމުގެ ލީޑަރުން ބައްދަލުކުރައްވާ ތިންވަނަ ފަހަރެވެ.
ރައީސް ޓްރަމްޕް ވަނީ ކިމްގެ އެ ފިޔަވަޅަށް ހޮނިހިރު ދުވަހުގެ ފަހުގެ ވަގުތެއްގައި މަރުހަބާ ވިދާޅުވެފައެވެ.
"އުތުރު ކޮރެއާއިން ވަނީ ނިއުކްލިއަރ ހުރިހާ ޓެސްޓްތަކެއް ހުއްޓާލައި މައި ނިއުކްލިއަރ ސައިޓްތައް ބަންދުކުރަން ވައުދުވެ ވަޑައިގެންފައި. މިއީ އުތުރު ކޮރެއާއަށާއި މުޅިދުނިޔެއަށްވެސް ރަނގަޅު ޚަބަރެއް-ބޮޑު ކުރިއެރުމެއް! ޓްވިޓަރގައި ޓްރަމްޕް ވިދާޅުވެފައިވެއެވެ.