ތުރުކީވިލާތުގެ ރިޔާސީ އިންތިހާބާއި އާއްމު އިންތިހާބު ޖޫން މަހުގެ 24 ވަނަ ދުވަހު ބާއްވާނެކަން އެ ޤައުމުގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
ތުރުކީވިލާތުގައި އަވަސް އިންތިޚާބެއް ބާއްވާނެކަން އިއުލާނުކުރައްވައި އުރުދުޣާން ވިދާޅުވީ ތުރުކީވިލާތަށް މިހާރު ކުރިމަތިވެފައިވާ އިޤްތިސާދީ ގޮންޖެހުންތަކާ އަވަށްޓެރި ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތުރުކީވިލާތުގެ ވެރިކަމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭކަމަށެވެ.
އަވަސް އިންތިހާބަކަށް ދިއުމަށް ނިންމެވިކަން އިއުލާން ކުރައްވާ ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި އުރުދުޣާން ވަނީ އެގޮތަށް ނިންމެވީ ނެޝަނަލިސްޓް އެމްއެޗްޕީ ޕާޓީއާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް ވިދާޅުވެފައެވެ.
ތުރުކީވިލާތުގައި ރިޔާސީ އިންތިޚާބާއި ޢާއްމު އިންތިޚާބު ބާއްވާނީ އެ ޤައުމުގައި މިހާރުވެސް ޢަމަލުކުރަމުންދާ ކުއްލި ޙާލަތުގެ ތެރެއިންކަމަށް ރިޕޯޓްތައް ބުނެއެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރު މަހަށް ކުރިން ތާވަލްކޮށްފައި އޮތް އިންތިޚާބުތައް ތުރުކީވިލާތުގެ ރައީސް އަވަސްކުރައްވާފައި މިވަނީ، ހުސްވި އަހަރު ތުރުކީވިލާތުގެ ޤާނޫނު އަސާސީއަށް ގެނައި ބަދަލުތަކާ ގުޅިގެން ރިޔާސަތުގައި ހުންނަވާ ބޭފުޅަށް ލިބޭ އިތުރު އިމްތިޔާޒުތަކާއި ބާރުތައް އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނީ ރިޔާސީ އިންތިޚާބުތަކަށް ފަހުގައިކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އުރުދުޣާންވަނީ 2014 ވަނަ އަހަރު ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންނެވުމުގެ ކުރިން 11 އަހަރު ބޮޑު ވަޒީރުކަން ކުރައްވާފައެވެ.
 
                             
                        
                
    
 
                     
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
