ދެކުނު އެފްރިކާގެ އެންމެ ކުޑަ އެއްގައުމު ކަމަށްވާ ސްވާޒިލަންޑްގެ ރަސްމީ ނަން "ކިންގްޑަމް އޮފް އީސްވާތީނީ" އަށް އެގައުމުގެ ރަސްގެފާނު ސްވާތީ 3 ބަދަލު ކުރައްވައިފިއެވެ.
ސްވާތީ 3 އެބަދަލު ރަސްމީކޮށް އިއުލާނުކުރެއްވީ އީސްވާތީނީގެ ރަން ޔޫބިލްގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
ދައުލަތުގެ ހުރިހާ ބާރެއް ލިބިފައިވާ ސްވާތީ 3 ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ ނަން ބަދަލުވުމުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމަށާއި އީސްވަތީނީގެ ރައްޔިތުން ބޭރު ގައުމުތަކަށް ދާއިރު ސްވާޒިލަންޑް ގޮތުގައި ނަން އޮތުމުން އުތުރު ޔޫރްޕްގެ ގައުމު ސްވިޒަލެންޑާ އޮޅޭ ކަމަށެވެ.
އުފެއްދުން ތެރިކަން ދަށް، އަދި ގިނަ ރައްޔިތުން ދަނޑުވެރިކަން ކުރާ އީސްވަތީނީގެ ނަން ބަދަލު ކުރުމުން އެއީ މުހިންމު މައްސަލަތައް އޮއްބާލަން ކުރި ސިޔާސީ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ. ނަމަވެސް ރަސްގެފާނުގެ ނިންމެވުމަށް ތަރުހީބު ވެސް ލިބެމުން ދެއެވެ. މުޅި ދުނިޔޭގައި އެޗް.އައި.ވީ ވައިރަސް ނިސްބަތުން އެންމެ ގިނަ ގައުމަކީ އީސްވަތީނީއެވެ.
'އީސްވަތީނީ'، ގެ މާނައަކީ ސްވާޒީންގެ ބިމެވެ. އެގައުމުގެ ނަން އައިސްފައި ވަނީ ސަގާފީ އެކި ދަރިކޮޅުގެ މީހުން އަހްކޮށްދެއްވާ އެފްރިކާ ބައްރުގައި އެގައުމުގެ ބޯޑަރު ފުޅާ ކޮށްދެއްވި ރަސްގެފާނުގެ ސްވާތީ 2ގެ ނަންފުޅުންނެވެ.
މީގެ ކުރިން ވެސް އެގައުމުގެ ރަސްމީ ހަފްލާތަކާއި ބައްދަލުވުންތަކުގައި ސްވާތީ 3 ވަނީ އެގައުމަށް ނިސްބަތްކޮށް 'އީސްވާތީނީ' ބޭނުން ކުރައްވާފައެވެ. އެގޮތުން 2014 ވަނަ އަހަރު އެގައުމުގެ ގާނޫނު ހަދާ މަޖްލީހުގެ ދައުރު ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި އާއި 2017 ވަނަ އަހަރު އދ. ގެ އާނމު މަޖްލީހުގައި ވެސް ރަސްގެފާނު ވަނީ އެގައުމަށް އެ ނަމުން ނިސްބަތްކުރައްވާފައެވެ.
އީސްވާތީނީގެ ނަން ބަދަލުކުރުމުން ދައުލަތުގެ މުއަސަސާތަކާއި ގާނޫނު ތަންފީޒުކުރާ ބާރުތަކުގެ ރަސްމީ ނަން ވެސް ބަދަލު ކުރަން ޖެހޭނެއެވެ. އަދި އެގައުމަގައި ދައުރުވާ ފައިސާގެ ނޫޓްތައް ވެސް ބަދަލު ކުރަންޖެހޭނެއެވެ.
އީސްވާތީނީ ސަރުކާރުގެ ވެބްސައިޓްތަކުގައި އަދި އެގައުމުގެ ނަން ބަދަލެއް ނުވެއެވެ. އަދި ސަރުކާރުން ކުރިން ދޫކޮށްފައިވާ ޕާސްޕޯޓުތަކުގައި 'ސްވާޒިލަންޑް' އިނގިރޭސިންނާއި ފަރަންސޭސިން ޖަހާފައިވާ ނަމަވެސް 'އީސްވަތީނީ' އެ ނަން ބޭނުން ކޮށްފައިވެއެވެ.
އެފްރިކާގެ ބައެއް ގައުމުތަކަކީ ކުރިން ޔޫރަޕްގެ ގައުމުތަކުން ހިފައި، ވެރިކަން ކޮށްފައިވާ ތަންތަނަށް ވުމުން އެ ގައުމުތަކަށް ދެވިފައި ވަނީ އެގައުމުގެ ރައްޔިތުންގެ ބަހުރުވަ އާއި ސަގާފަތާ ނުބައްދަލު ނަންތަކެވެ. ނަމަވެސް މިފަދަ ގިނަ ގައުމުތަކުން ވަނީ މިނިވަން ވުމުން ނަން ބަދަލު ކޮށްފައެވެ.