"އޮފީހަކީ ވެސް މިއީތޯ؟ ސްކޫލަކީ ވެސް މިއީތޯ؟ ކޯޓަކީ ވެސް މިއީތޯ؟" މިއީ 1978 ވަނަ ރާއްޖޭގެ ރައީސްގެ މަގާމަށް ވަޑައިގެންނެވުމަށް ފަހު މައުމޫނު އަބްދުލް ގައްޔޫމް މާލެ އަތޮޅު ގާފަރަށް ވަޑައިގެން ކުޑަ ޖިފްޓިއެއް ކަހަލަ ތަނެއްގައި ހުންނަވައި އެރަށުގެ އޭރުގެ އިސްވެރިންނާ ކުރެއްވި ސުވާލެކެވެ. އެ ސުވާލުގެ ޖަވާބުގައި އޭރު ދަންނަވަން ޖެހުނީ އާދޭހެވެ. އޮފީހަކީ ވެސް، ކޯޓަކީ ވެސް، ސްކޫލަކީ ވެސް، އަދި ސިއްހީ މަރުކަޒަކީ ވެސް ހަމަ އެ ކުޑަ ގެގަނޑު ކަމުގައެވެ.
އެ ވާހަކަ އަޅުގަނޑަށް ދާދި ފަހުން ކިޔާދިނީ އެ މަންޒަރު ދުށް އަދި އެ އަޑު އެހި އެރަށުގެ މީހެކެވެ. އޭގެ ފަހުން ރައީސް މައުމޫނު ވެރިކަމުގެ އެންމެ ފަހު ން 2008 ވަނަ އަހަރު ގާފަރަށް ދަތުރު ކުރެއްވިއިރު އަޅުގަނޑު ވެސް ހުރީ އެ ރަށުގަ އެވެ. އޯލެވެލް ފެންވަރަށް ކިޔަވަދޭ ރަށު ސްކޫލާއި މައްސަލަތައް ބަލާ މެޖިސްޓްރޭޓް ކޯޓާއި ރަށު އޮފީހާއި ރަށު ފެންވަރުގައި ފަރުވާ ކުރެވޭނެ ސިއްހީ މަރުކަޒެއް ވަކި އިމާރާތެއްގެ ގޮތުގައި ހުއްޓެވެ. އޭގެ ކުރިން ކުޑަ ބޮއްކުރާ ގަނޑެއްގައި އެރަށަށް ރައީސް މައުމޫނު އަރާ ވަޑައިގެންނެވި ނަމަވެސް އެންމެ ފަހުން އެމަނިކުފާނުގެ އެރަށަށް ވަޑައިގަތީ ބޮޑު ބަނދަރެއް ހައްދަވައި ދެއްވާފައެވެ. ދައްކަން މިއުޅެނީ ރައީސް މައުމޫނު ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމު އޮތް ނިކަމެތި ހާލަތާއި އެމަނިކުފާނު ގެންނެވި ތަރައްގީގެ ވާހަކައެއް ނޫނެވެ.
ދައްކަން މި އުޅެނީ މި ގައުމުގެ ޗާޓް ހުދާ ކަޅުން ކުރަހާފައި އޮއްވައި، އޭގައި އެކި ކުލަތައް ޖައްސަވައި ދެއްވައި ހަގީގަތަކަށް ހައްދަވައި ދެއްވި ތަރައްގީގެ ބާނީ މިއަދު އޮންނެވި ހިސާބުގެ ވާހަކައެވެ. އެކަނިމާއެކު ގިނިކަންޏާ ޝަރިއަތަކާ ނުލައި އެ އޮންނެވީ ދޫނިދޫގައެވެ. ކުރީގެ ރައީސަކު ވިއަސް އަދި މިހާރުގެ ރައީސަކު ވިއަސް ކުށެއް ކޮށްފި ނަމަ އަދަބު ދިނުމަކީ އެކަން ކުރަން ޖެހޭނެ ގޮތެވެ. އަދި އެކަމަކީ ބަހުސެއް ވެސް ނޫނެވެ. ނަމަވެސް އެއްވެސް ޝަރީއަތަކާ ނުލައި ބޭ އިންސާފުން ޖަލުގައި މީހަކު ބަންދުގައި ބެހެއްޓުމަކީ އަނިޔާވެރިކަމެވެ. ދުވަސްވީ މުސްކުޅިއަކު ހުކުމަކާ ނުލައި ޖަލުގައި ބާއްވާފައި އޮންނައިރު އެ ގައުމުގެ ވެރިމީހާއަކީ ހެޔޮލަފާ ވެރިއެއް ކަމަށް ގަބޫލުކުރާނެ މީހަކު ނުހުންނާނެއެވެ. އަދި އެ އަނިޔާވެރި ވަނީ ދައުލަތައް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވި އިއްޒަތްތެރިއަކަށް ވާނަމަ ގާނޫނު ތަންފީޒު ކުރަން ތިބި ފަރާތްތަކުގެ އަހްލާގިއްޔަތާ މެދު ވިސްނާލަންޖެހެއެވެ.
ރައީސް މައުމޫނަކީ މިއަދު އުމުރުންފުޅުން 80 އަހަރުން މައްޗަށް ގޮސްފައިވާ ގައިބާރު ދެރަ ބޭފުޅެކެވެ. އެކަނި ހާލުގައި ހިނގާބިނގާވެ އުޅެން ދަތި ބޭފުޅެކެވެ. އެ އުމުރުގެ އެހެނިހެން ބޭފުޅުންނަށް ހުކުމް ތަންފީޒުކުރަމުންދާއިރު ވެސް ލުއިތަކެއް ހުރެއެވެ. ދިގު މުއްދަތަކަށް ޖަލަށް ލާފައި ތިބޭ މީހުން ގޭބަންދަށް ބަދަލުކޮށްފައި ވެސް އެބަ ހުއްޓެވެ. އަދި އެ ފަރާތްތަކަށް ހާއްސަ ލުއި ޖަލެއް އެބަ ހުއްޓެވެ. އަދި ހުކުމުގެ ބާކީ ބައި މައާފްކޮށްދިނުމާއި އެ ނޫން ވެސް ތަފާތު ލުއި ގޮތްތައް ހަމަޖައްސައިދެއެވެ. އެއީ ޖަލު ހުކުމް ސާބިތުވެފައި ތިބޭ މީހުންނާ މެދު ވެސް އަމަލު ކުރެވޭ ގޮތެވެ. އެހެން ނަމަވެސް ރައީސް މައުމޫނަށް އެވަރު ވެސް ހައްގުވާ ކަމަށް ގަބޫލު ނުކުރާ ބަޔަކު ތިބިކަން މިދަނީ ހާމަވަމުންނެވެ.
ރައީސް މައުމޫނު ހުކުމަކާ ނުލައި ބަންދުކޮށްގެން ގެންގުޅޭ ގެންގުޅުމަކީ ދައުލަތް ލަދު ގަންނަން ޖެހޭނެ ކަންކަމެވެ. އެމަނިކުފާނު ބަންދުގައި ބަހައްޓަދިނުމަށާއި އެމަނިކުފާނު ބަންދުން ދޫކޮށްލަން އާދޭސްކުރާއިރު އެކަމަށް ބަހެއް ނުބުނެ ތިބި ގާނޫނު ނަގަހައްޓާ މީހުން ކަމަށް ބުނާ މީހުންގެ ފެންވަރާ މެދު ލަދުގަންނަން ޖެހެއެވެ. ސަބަބަކީ އެމަނިކުފާނު ހައްޔަރުކޮށް ގެންގުޅެން ޖެހޭނެ އެއްވެސް ސަބަބެއް ނެތީތީއެވެ. ރައީސް މައުމޫނު ހައްޔަރުކޮށްފައި ބަހައްޓާފައި އެ ހުންނެވީ އުފުލިފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކަމަށް ބުނެ އެ ޖުމްލަ ނުނިމި އުޅެނިކޮށް ޓެރަރިޒަމްގެ ދައުވާ އުފުލައި ދޫކޮށްލާފައި ތިބި މީހުންގެ ލިސްޓެއް އަނެއް ކޮޅުން ކިޔާނަމެވެ. އެއީ ކޮންމެ ދާއިރާއެއްގެ މީހަކަށް ވިއަސްމެއެވެ.
ރައީސް މައުމޫނާ ސިޔާސީ އެއް ވިސްނުމެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ގަލޮޅުދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއާ އެކު ރައީސް މައުމޫނަށް ވުރެ ގިނަ ދައުވާ އުފުލިފައިވާއިރު ވެސް މަހްލޫފު އެ ހުންނެވީ ގޭގައެވެ. ރިލްވާން ވަގަށް ނަގައި ފޮރުވި މީހުން ކަމަށް ބުނެ ދައުލަތުން ދައުވާ ކުރި "ނުރައްކާތެރި" މީހުން ވެސް އެ ތިބީ ދޫކޮށްލާފައެވެ. ފަހަރެއްގައި އެމީހުން ދޫކޮށްލާފައި އެ ތިބެނީ އަދި ގޭ ބަންދުގައި ތިބޭ މީހުން އެ ތިބެނީ އެމީހުން ހައްޔަރުކޮށް ޖަލުގައި ބަހައްޓަން ޖެހޭ ފަދަ ސަބަބެއް ނެތުމުން ކަމަށް ވެދާނެ އެވެ. އެހެން ކަމަށްވާއިރު ރައީސް މައުމޫނު ފަދަ ބޭފުޅަކު ހައްޔަރުކޮށްގެން ގެންގެޅެން ޖެހޭނެ ފަދަ ސަބަބެއް ނެތެވެ.
ކިތަންމެ ކިތާބީ ހެއްކާއި ގަރީނާ ފުލުހުން އަތުގައި ހުރި ނަމަވެސް އެމީހަކު ދޫކޮށްލާފައި ހުރުމުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމުގެ ހެއްކެއް ނެތި އަދި ފިލާފާނެ ކަމަށް ގަބޫލު ނުކުރާހާ ހިނދު އެމީހަކު ބަންދުގައި ބަހައްޓާކަށް ނުޖެހެއެވެ. ރައީސް މައުމޫނު ހައްޔަރުކޮށް ހޯދުނު ހެއްކެތްއް ހޯދައި އެވަނީ ދައުވާކޮށްފައެވެ. ލިބުނު ހެއްކެއް ނަމަ އެވަނީ ފުލުސް އޮފީހާއި ޕްރޮސެކިއުޓާ ޖެނަރަލް އޮފީހާ ކޯޓުތަކުގައެވެ. އެހެން ކަމަށްވާއިރު އެ ހެކި ނައްތާލަން ދެން ރައީސް މައުމޫނަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ.
ބުއްދި ގަބޫލު ނުކުރާ، އަދި ހަމަތަކާއި އުސޫލުތައް ދޫކޮށްލައި، ހައްޔަރުކޮށްގެން ތިޔަ އުޅެނީ މުޅި ރާއްޖޭގެ އެންމެނަކީ ލިޔަންކިޔަން ދަންނަ ބައެއް ކަމަށް ހެދުމަށް ބޮޑު މަޝްރޫއުއެއް ފައްޓަވައި ކާމިޔާބު ކުރެއްވި މި ގައުމުގެ މުދައްރިސެވެ. ދުނިޔެއަށް ލޯ ހުޅުވާލަދިން ގައުމުގެ 30 އަހަރު ބާނީ އެވެ. އެމަނިކުފާނަށް މިއަދު އެދޭ އަނިޔާ ހައްގެއް ނޫނެވެ.