އަނިޔާގެ ސަބަބުން ތިން މަސްދުވަހު ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ޑޭވިސް ކަޕްގައި ކުޅުނު މެޗު ކާމިޔާބުކޮށް ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ރަފައޭލް ނަޑާލް ރެކޯޑެއް މުގުރާލައިފިއެވެ.
ޑޭވިސް ކަޕްގައި ސްޕެއިން އަދި ޖަރުމަނު ބައްދަލުކުރި ސިންގަލްސް މެޗުގައި ނަޑާލް ވަނީ ސީދާ ތިން ސެޓުން ޖަރުމަނުގެ ފިލިޕް ކޯލްޝްރައިބާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-2، 6-2 އަދި 6-3 އިންނެވެ. މި މެޗަށް ފަހު ވާހަކަ ދައްކަމުން ނަޑާލް ބުނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރެވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އަލުން އެނބުރި ކްލޭ ކޯޓަށް އާދެވުމުން ވަރަށް އުފާވާ ކަމަށެވެ. އޭނާ ބުނީ އަނިޔާއިން އެނބުރި އައުމަކީ އަބަދުވެސް އުނދަގޫ ކަމެއް ކަމަށާއި މިއީ ވަރަށް ތާރީހީ ދުވަހެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
މި މެޗުން މޮޅުވުމާ އެކު ނަޑާލް ވަނީ ޑޭވިސް ކަޕްގެ ޑަބަލްސް އަދި ސިންގަލްސް އިވެންޓްތައް އެއްކޮށް 23 މެޗު ބަލިނުވެ ހަމަކޮށްފައެވެ. އޭނާއާ އެއް އަދަދަކަށް އެހެން އެއްވެސް ކުޅުންތެރިޔަކަށް މި އަދަދަށް މެޗު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އޭނާ ޑޭވިސް ކަޕްގެ ސިންގަލްސް މެޗަކުން ބަލިވީ އެ މުބާރާތުގައި ކުޅުނު އެންމެ ފުރަތަމަ މެޗުގައި 2004 ވަނަ އަހަރު ޗެކް ރިޕަބްލިކްގެ ޖިރީ ނޮވާކް އަތުންނެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ ސައިޕްރަސްގެ މާކޯސް ބަގްޑާޓީސް އަތުގައެވެ.
މިދިޔަ ޖެނުއަރީ މަހު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލްގައި މެރިން ކިލިޗްއާ ދެކޮޅަށް ކުޅެނިކޮށް ލިބުނު އަނިޔާ އަށް ފަހު 31 އަހަރުގެ ނަޑާލް ވާދަވެރި މުބާރާތެއްގައި ކުޅެފައެއް ނުވެއެވެ. މިއީ އުނަގަނޑަށް ލިބުނު އަނިޔާ އިން އެނބުރި އައިސް ނަޑާލް ކުޅުނު ފުރަތަމަ މެޗެވެ.
ޖަރުމަނު އަދި ސްޕެއިންގެ މެދުގައި ކުޅެވުނު ސިންގަލްސް ދެވަނަ މެޗުގައި ޖަރުމަނުގެ ޒުވާން ޓެނިސް ކުޅުންތެރިޔާ އެލެކްޒެންޑްރާ ޒްވަރޭވް ވަނީ ސީދާ ތިން ސެޓުން ސްޕެއިންގެ ޑޭވިޑް ފެރާ ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ޒްވަރޭވް ގެންދިޔައީ 6-4، 6-2 އަދި 6-2 އިންނެވެ.
އާދިއްތަ ދުވަހު ޒްވަރޭވްއާ ދެކޮޅަށް ނަޑާލް ނުކުންނައިރު ފެރާ ނުކުންނާނީ ކޯލްޝްރައިބާއާ ދެކޮޅަށެވެ. އަދި ޑަބަލްސް މެޗުގައި ސްޕެއިންގެ ފެލީސިއާނޯ ލޮޕޭޒް އަދި މާކް ލޮޕޭޒް ނުކުންނާނީ ޖަރުމަނުގެ ޓިމް ޕުއެޓްޒް އަދި ޔެން-ލެނާޑް ސްޓްރަފްއާ ދެކޮޅަށެވެ.
މި މުބާރާތާއި ނަޑާލް ކުރިމަތިލީ އަލުން އެނބުރި އޭޓީޕީ ރޭންކިންގެ އެއްވަނަ މަގާމާ އެކުއެވެ. އޭނާއަށް އެ މަގާމު އަލުން ލިބުނީ އެ މަގާމުގައި އޭގެ ކުރިން އޮތް ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ މަޔާމީ އޯޕެންގެ ދެވަނަ ބުރުން ކެޓުމާ އެކުއެވެ. ނަޑާލްއަށް އެއްވަނަ މަގާމު ލިބުނުއިރު އޭނާގެ ޕޮއިންޓަށް ބަދަލު އައިސްފައި ނުވަނީ މިދިޔަ މަހު ބޭއްވި އަކަޕުލްކޯ އޯޕެން އަދި މަޔާމީ މާސްޓާސްގެ އިތުރުން އިންޑިއަން ވެލްސް މާސްޓާސްގައި ވާދަނުކުރުމާ ގުޅިގެންނެވެ.
ޑޭވިސް ކަޕްގެ ކުއާޓާ ފައިނަލްއިން ސްޕެއިން ޖާގަ ހޯދީ ގްރޭޓް ބްރިޓަން ކަޓުވާލުމަށް ފަހުއެވެ. ހަމައެހެންމެ ޖަރުމަނު ކުއާޓާއަށް ދަތުރުކުރީ އޮސްޓްރޭލިއާ ބަލިކުރުމަށް ފަހުއެވެ. ޑޭވިސް ކަޕްގައި ވާދަކުރާ ސްޕެއިންގެ ޓީމުގައި ނަޑާލްގެ އިތުރުން ހިމެނެނީ މާކް ލޮޕޭޒް، ފެލީސިއާނޯ ލޮޕޭޒް އަދި ޑޭވިޑް ފެރާގެ އިތުރުން ރޮބާޓޯ ބައުޓިސްޓާ އަގުޓްއެވެ.