ކ. މާލެ
|
28 ފެބްރުއަރީ 2018 | ބުދަ 01:10
ރައީސް ޔާމީން އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރައީސް ޔާމީން އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ރައީސް އޮފީސް
ރައީސް ޔާމީންގެ ވެރިކަން
ގަދަފަދަ ވިޔަސް ނިމުން އަންނާނެ!
 
އެ ބޭފުޅުންނާއި ދެކޮޅަށް ރައީސް ޔާމީން އަންނަވަނީ ބޮޑެތި ޖަރީމާތަކެއް ހިންގަވަމުން
 
ރައީސް ޔާމީންގެ އަރިހުގައި އޭރު ތިއްބެވި ބޭފުޅުން މިއަދަކު ނެތް
 
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ގިނަ ބަޔެއްގެ އެހީތެރިކަމާއެކު

ދެހާސް ތޭރަ ވަނަ އަހަރު ވެގެންދިޔައީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ފޯރިގަދަ އަހަރަކަށެވެ. ކުރީގެ ރައީސް ކެނެރީގޭ މުހައްމަދު ނަޝީދު ގިނިކަންޔާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަތުރު ކުރީ އެއް ލައްކަ އަށް ވުރެ ގިނަ ރައްޔިތުންގެ ވޯޓާއެކުއެވެ. އެހެން ނަމަވެސް އިދިކޮޅުން ކުރިމަތިލެއްވި ޔާމީން އަބްދުލް ޤައްޔޫމް، ދެން ބާކީ ތިއްބެވި ހުރިހާ ސިޔާސީ ލީޑަރުންގެ ތާއިދާއި މަދަދު ލިއްބަވައިގެން ކުޑަ ތަފާތަކާއެކީ ދެވަނަ ބުރުން އިންތިހާބު ކާމިޔާބު ކުރެއްވިއެވެ. އަރިހުގައި ތިއްބެވި ބޭފުޅުންނަށް ވަރަށްވެސް ގިނަ ވައުދު ތަކެއް ވެލައްވައިގެންނެވެ. ރައްޔިތުން މީގެ ކުރިން ނުދެކޭފަދަ ހެޔޮ ވެރިކަމެއް ކޮށްދޭނެ ކަމުގެ ފޮނި ހުވަފެން ދައްކައިގެންނެވެ. ދިވެހިރާއްޖޭގައި ޤާނޫނަށް އެއްވެސް އިޙްތިރާމެއް ކުރުމެއް ނެތް އުސޫލާއި، ފަނޑިޔާރުންނަށް ބިރުދައްކައި ފަނޑިޔާރު ގެއަކީ ހާކިމާ ކުޅޭކުޅޭ އެއްޗަކަށް ހެދުމުގެ ވައްޓަފާޅި ހުއްޓުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި، ޕީޕީއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި އަދާލަތު ޕާޓީގެ ލީޑަރު ޝެއިހް އިމްރާން އާއި އަރިހުގައި ދެންވެސްތިއްބެވި ބޭފުޅުންގެ އެހީތެރިކަމާއެކީ ދިވެހިރާއްޖެ ނުދެކޭފަދަ ތަރައްޤީ ގެންނާނެ ކަމުގެ ހުވަފެން ދައްކަމުންނެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ވަކި ހިސާބަކުން އެ މަނިކުފާނުގެ "ސިފަ" ބަދަލުވެއްޖެ އެވެ. ކާންދިން އަތުގައި މަނިކުފާނަށް ހަމަ ރަނގަޅަށް ވެސް ދައިގަނެވިއްޖެއެވެ. ގިނަ ޔާރުން ހަތުރުންނަށް ހަދާއި "ކަނޑިއާއި ކަނޑީގެ" ހަނގުރާމައަށް މަނިކުފާނު ނުކުމެވަޑައިގަތީއެވެ. މަނިކުފާނު އެ މަޤާމަށް ގެނައުމަށް އެންމެ އަޑުހަރުކޮށް ގޮވާލި ބޭފުޅުން ޖަލުގެ ތޭރިތަކުގެ ފަހަތަށް ލެއްވީއެވެ. ހަމަ ހަގީގަތުގައިވެސް ރަހުމެއްގެ ކަންފުޅެއްވެސް ނެތީތާއެވެ.

އިދިކޮޅު ފަރާތްތުން ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ކުރަންޖެހޭނެ ކަމަށް ކުރިން ވިދާޅުވެފައިވާކަން ހަނދުމަފުޅު ނެތި، އަރިހުގައި ތިއްބެވި ބޭފުޅުންގެ ބޮލުގައި ޓެރަރިޒަމާއި ސަރުކާރު ވައްޓާލަން އުޅުމުގެ އިލްޒާމު އަޅުވައި ބޮޑެތި އަދަބު ދީފި އެވެ. މިއަދު އަޅުގަނޑުމެން މި ތަޖުރިބާ ކުރަމުން ދަނީ 2013 ވަނަ އަހަރު ދިވެހީންގެ ތެރެއިން ގިނަ ބަޔަކު ހެއްލުނު ހެއްލުމުގެ ނަތީޖާއެވެ. ވަގުތީ ފައިދާއަކަށް ފަސް އަހަރު ދުވަހުގެ ހައްގުތައް ވިއްކާލި ވިއްކާލުމުގެ ހިތި ނަތީޖާއެވެ. ވިސްނުމެއް ނެތި ދިން ވޯޓްގެ ނަތީޖާއެވެ.

ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ޤައުމެއް ޤައުމަކަށް ހަދަނީ އެ ޤައުމެއްގެ ރައްޔިތުން ކަމެވެ. ޤައުމު ދެކޭ ތަރައްޤީ އާއި ކޮންމެ ދަތިކަމެއްވެސް ތަޖުރިބާ ކުރަނީ ހަމަ އެ ރައްޔިތުންގެ ސަބަބުންނެވެ. އެކަމެއް ތަޖުރިބާ ކުރަނީ ވެސް ހަމަ އެ ރައްޔިތުންނެވެ. މިއަދު އަޅުގަނޑުމެން އަނިޔާ ތަހައްމަލު ކުރަން ޖެހިފައި މިވަނީ ހަމަ އަޅުގަނޑުމެންގެ ސަބަބުންނެވެ. އަމިއްލަ އަތުން ހެދުނު ގޯހެއްގެ ސަބަބުންނެވެ. ޔާރެއްގެ ކުލަ ދެއްކި، ބާރެއްގެ ދަހިވެތިކަމުގައި ހުންނެވި، އަނިޔާވެރިކަން އުފަލެއްގެ ގޮތުގައި ދެކޭ މީހަކު ވެރިކަމަށް ހޮވީމާ ދެން ތަޖުރިބާ ކުރަންޖެހޭނީ އަނިޔާ ނޫން ދެން ވަކި ކޯއްޗެއްތޯއެވެ؟

ރައްޔިތުންގެ ހައްގުތައް ފޭރިގަނެ، ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވެ، ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލިސް ހިސޯރުކުރުމަށް ފަހު އަނެއްކާ ވެސް ފެނިގެން މިދަނީ ރައީސް ޔާމީން ވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވާ ތަނެވެ.  ހެޔޮ ވެރިކަމެއް ކޮށްދޭނެކަމުގެ ހުވަފެން އެއްފަހަރު ދެއްކިޖެއެވެ.

ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ކަމަށް ބުނެ މީހުންގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލާއިރު، އަމިއްލަ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އިޢުތިރާފުވެ ވަޑައިގެންއިރު އެ ފައިސާ ހޯދުމަށް އެނދު ތަންމަތީގެ އަޑި ބަލާ ހޯދުމުގެ ކުޅަދާނަކަން މަނިކުފާނު ކިބައިގައި ނެތީތޯއެވެ؟ އެ މައްސަލަތައް ބެލުމުގެ ކެރުމެއް ޕޮލިހުންގެ ވެސް ނެތެވެ. ބަދަލުގައި ބޭއިންސާފު ދަނީ އާންމުވަމުންނެވެ.

ޤައްދާރު ވެރިޔެއްގެ ދަށުގައި އެއްވެސް ޤައުމެއް ތާއަބަދަށް ދެމިއެއް ނޯންނާނެކަން ހަނދާންކުރަންޖެހެ އެވެ. ފިރިއައުނުގެ ގަދަފަދަ ވެރިކަން ވެސް ނިމިދިޔަ އެވެ. ރައްޔިތުންގެ ހައްގުތަކަށް ހަރާންކޯރުވަމުންދާއިރު، މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން މިކަން ހަދާންކުރަންޖެހެ އެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
50%
0%
0%
50%
0%
ކޮމެންޓް