ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ފުލުހުން އަޅަމުންދާ ހުރަސްތައް ހުއްޓާލުމަށް ގޮވާލައި ގުޅިފައިވާ ޕާޓީތަކުން އެކަން ކުށްވެރިކޮށްފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނެއްގައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ފަސް ފަނޑިޔާރުންގެ ސޮޔާއެކު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލައި އެ ޕާޓީތަކުން ހިންގަމުންދާ ސިލްސިލާ އެއްވުންތައް ކުރިއަށްދާ ދަނޑިވަޅެއްގައި ސިޔާސީ ހަރަކާތްތައް ޖަގަހަތަކުގަ އާއި މަގުތަކުގައި ރޭގަނޑު 10:30 ގެ ފަހުން ހިންގުން ކުއްލި ގޮތަކަށް މަނާކުރުން އެ ޕާޓީތަކުން ކުށްވެރިކުރާ ކަމަށެވެ.
ހަމައެހެންމެ މިގޮތަށް ފުލުހުން ނިންމުމާ ގުޅިގެން ގާނޫނު އަސާސީގެ 31 އަދި 32 ވަނަ މާއްދާތަކަކީ އަމަލުކުރުން ހިފެހެއްޓިފައިވާ ދެ ހައްގު ކަމަށް ކަނޑައަޅާފައިވުމާ އެކު ރައީސް ޔާމީން އިއުލާނުކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސައްހަކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ. ހަމައެހެންމެ މިފަދަ އެންގުންތަކަކީ ގާނޫނާ ހިލާފު އެންގުންތަކަށް ވުމާއެކު ގާނޫނުއަސާސީގެ 64 ވަނަ މާއްދާގެ ދަށުން މި އެންގުމަކީ އަމަލުކުރަން ނުޖެހޭ އެންގުމަކަށް ވުމާއެކު އެ ޕާޓީތަކުން ހިންގާ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިޔަށްދާނެ ކަމަށް ވެސް މި ބަޔާނުގައި ވެއެވެ. ހަމައެހެންމެ މި ހަރަކާތްތައް ހުއްޓުވުމަށް ސަލާމަތީ ހިދުމަތްތަކަށް އަންގާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވުމަށް އެ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.
ފުލުހުން ވަނީ ދާހިލީ އަމަން ބެލެހެއްޓުމަށް ދަތިވާ ކަމަށް ބުނެ ރޭގަނޑު 10:30 ގެ ފަހުން އެއްވެސް އެއްވުމެއް ބޭވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. ފުލުހުން މިގޮތަށް ބުނެފައިވާއިރު ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ތަރުޖަމާނެއްގެ ގޮތުގައި މިހާރު ފެންނަމުންދާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އާދިއްތަ ދުވަހު މެންދުރު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި 10:30 ގެ ފަހުން މާލޭގައި އެއްވުންތައް ބޭއްވުން ހުއްޓުވުމަށް އިލްތިމާސްކުރައްވާފައެވެ.
އެހެން ނަމަވެސް ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ވަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާއި ނުލައި ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.