ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ދެކޮޅަށް ތެދުވުމަށް ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ގޮވާލައިފިއެވެ.
ޓީމް އިން ކުރި ޓްވީޓެއްގައި ވަނީ ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ޣައިރު ގާނޫނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ބައެއް ރިސޯޓުތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށާއި މިކަމާ މެދު ވިސްނައި، އެކަމާ ދެކޮޅަށް ރިސޯޓުތަކުގައި މަސައްކަތްކުރަމުންދާ ހުރިހާ މުވައްޒަފުން ވެސް ތެދުވުމަށް ގޮވާލާ ކަމަށެވެ. މި ޓްވީޓުގައި އެ އެސޯސިއޭޝަނުން ވަނީ ދިގުފަރު އައިލެންޑް ރިސޯޓުގެ މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމަށް ދިން ނޯޓިސް އެޓޭޗްކޮށްފައެވެ.
It’s frustrating to see that companies are redundant employees, due to this illegitimate SoE impose in #Maldives, all resort workers must think and take immediate actions against this unjust now. @vfp_mv @raajjemv @IUFglobal @Europarl_EN @ilo @IndependentMV pic.twitter.com/3FFKNnhVQ3
— TEAM (@TEAMmaldives) February 25, 2018
އެ ނޯޓިސްގައި ވަނީ ކުރިޔަށް އޮތް މަސްތަކުގައި އެ ރިސޯޓް އޮޕަރޭޓް ކުރުމަށް ބޭނުންވާ މިންވަރަށް ކަންކަން ފުރިހަމަ ނުވެދާނެތީ އާއި މި އަހަރުގެ މާޗް މަހާއި އެޕްރީލް މަހުގައި އޮކިއުޕެންސީ ރޭޓް ދަށްވާނެ ކަމަށް ގަބޫލުކުރެވޭތީ އެފް އެންޑް ބީ ޑިޕާޓްމެންޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ނޯޓިސް ފޮނުވުމުން މުވައްޒިފަށް ނިސްބަތްކޮށް ބުނެފައި ވަނީ މިކަމާ ގުޅިގެން އޭނާ ވަޒީފާ އިން ވަކިވާނެ ކަމަށާއި މިއީ އޭނާ ވަޒީފާގެ ޒިންމާ އަދާނުކޮށްގެން ކުރާ ކަމެއް ނޫން ކަމަށެވެ.
ބައެއް ރިސޯޓުތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ރިޕޯޓް ކުރަމުންދާއިރު ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރަމުން އަންނަ ގިނަ ފަރާތްތަކަކުން އަންނަނީ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން ވަގުތަށް އުވާލުމަށް ގޮވާލަމުންނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުން ބައެއް ގައުމުތަކުން ޓްރެވެލް އެޑްވައިޒަރީ ނެރެ ރާއްޖެ އަށް މި ވަގުތު ދަތުރުނުކުރުމަށް ވަނީ ގޮވާލާފައެވެ. ޓެރެވެލް އެޑްވައިޒަރީ ނެރެފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނައިން ޓުއަރިސްޓުން ޒިޔަރާތްކުރާ ޗައިނާ އާއި ޔޫރަޕްގެ ގައުމުތައް ހިމެނެއެވެ. އެހެންކަމުން ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ އޮކިއުޕަންސީ ރޭޓް ވަނީ ވަރަށް ބޯޑަށް ދަށަށް ގޮސްފައެވެ. އަދި ބުކިންތައް ދަނީ ކެންސަލުކުރަމުންނެވެ.