ކ. މާލެ
|
24 ފެބްރުއަރީ 2018 | ހޮނިހިރު 09:51
ގުޅިފައިވާ ޕާޓީތަކުގެ މުޒާހަރާގެ ތެރެއިން
ގުޅިފައިވާ ޕާޓީތަކުގެ މުޒާހަރާގެ ތެރެއިން
މުހައްމަދު ޝަރުހާން
ސިލްސިލާ މުޒާހަރާ
ހަމަ އަޖައިބެއް ފަދަ ބައެއް....!
 
ފުލުހަކު ވެއްޓުނަސް ނަގަނީ ހަމަ އެމީހުން
 
އަނިޔާވިޔަސް ފުލުހުންނާ ކުރިމައްޗެއް ނުލާ
 
ކޮންމެ ރެއަކުވެސް މުޒާހަރާގެ ތެރެއިން އެތައް ބައެއްގެ ލޮލަށް ޕެޕަރ ސްޕރޭގެ އަސަރު ކުރޭ

އުތީމު ތިންބެއިންގެ ވާހަކައާއި ދޮންބަންޑާރައިންގެ ވާހަކަ ދައްކަނީ އެބޭފުޅުން ޤައުމަށްޓަކައި ކުރެއްވި އަގުހުރި މަސައްކަތްތަކެއްގެ ސަބަބުންނެވެ. އާކުރާން ޖެހޭ ފަޚުރުވެރި ޙިކުމަތު ޢަމަލީއެއް ބޭނުން ކުރައްވައިގެން ޤައުމު ސަލާމަތްކޮށް ދެއްވީތީއެވެ. އެކަމަށްޓަކައި އުފުލި ބުރަޔާއި ކުރިމަތިވި ގޮންޖެހުންތަކަށް ފަސްޖެހުމެއް ނެތި ކުރެއްވި އަގުހުރި ޖިހާދުގެ ސަބަބުންނެވެ. އެތައް ރެއެއްގެ ހަމަ ނިދި ނަގާލާ އަނގަމަތި މަސްއޮޑިއެއްގައި އެކުރެއްވި މިންނަތް މަސައްކަތުގެ ބުރަކަމުންނެވެ.

ރާއްޖެ މިވަނީ އަނެއްކާވެސް ނުބައި ފައްތަރެއްގައެވެ. ކޮރަޕްޝަނުން މުޅި ޤައުމު ފޯވެއްޖެއެވެ. ހައްލުކުރަން ދަތިވާހާ މިންވަރަށް ފަސާދަ ޢާއްމުވެއްޖެއެވެ. ދައުލަތް ބެހިފައިވާ ތިންބާރު އެއްބައެއްގެ އަތްމައްޗަށް އަރާ މުޅި ޤައުމު އަޅުވެތިވެއްޖެއެވެ. ހަމަޔާ އިންސާފް ނެތިގޮސް އަނިޔާވެރިކަން އިންތިހާއަށް ހިނގައްޖެއެވެ. ކުރުކޮށް ފޮނިކޮށް ބުނަންޏާ މުޅި ދުސްތޫރަކީ ވަކިބަޔަކު ހިތުހުރިހާ ގޮތަކަށް މޮޑެން އޮތް ފުށްގަނޑަކަށްވެ ޤާނޫނުގެ ވެރިކަމާމެދު ސުވާލު އުފެދިއްޖެއެވެ.

މިހާލަތައް އައިއިރު ހިތްވަރުކޮށްފައި ޤައުމު ހަމަޔަކަށް އެޅުވޭތޯ ނުކުމެ އުޅޭ ފަހުލަވާނުންކޮޅެއް އަނެއްކާ ވެސް ފެންނަން ފަށައިފިއެވެ. މިއީކީ އާދައިގެ ބައެއް ނޫނެވެ. ހިތްވަރުގަދަ ބައެކެވެ. އަޖައިބުން ފުރިގެންވާ ބައެކެވެ.

ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރެފައިވާ އަމުރު ތަންފީޒް ކުރުމަށް ގޮވާލާ ޝުޢޫރު ފާޅުކޮށް އިހުތިޖާޖަށް ނުކުމެ ދުލެއް ނުދީ އެއްވާމެއްގައި އެކަން ކުރާތާ މިހާރު ބަރާބަރު މަހަކާ ގާތްވީއެވެ. ކޮންމެރެއަކުވެސް އެވެރިން ނުކުންނަނީ އުފާވެރި މޫނަކައިގެންނެވެ. ހިނިތުންވުމާއެކުގައެވެ. ޖަހަމުންދާ ލަވަޔަށް ހެޔޮވަރު ވަރަކަށް ފައިހަމަކޮށް ހިސާބަކަށް ފަރި ހަރަކާތްތަކަކާވެސް އެކުގައެވެ. ދެމުންދާ ސްޕީޗްތަކުން ލިބޭ ހިތްވަރަށް މުޅި ހިސާބު ގުގުމާލާވަރަށް އަތްތިލަބަޑިވެސް ޖަހަމުންނެވެ.

ކިޔަމަންތެރިކަމާއެކު މަގުގެ ދެފަރާތާއި އެމްޑީޕީ ޖަގަހައިގެ ތެރޭގައި ތިބެގެން އެއަޑު އުފުލަމުން ދަނީ ސުލްހަވެރިކަމާއެކުގައެވެ. އިސާހިތަކު މަތިން އަންނަ އޯޑަރަށް އެވެރިންނާ ކުރިމަތިވަނީ އޮހެމުންދާ ވާރޭހެން ބުރުވާލެވޭ ލޯހުޅުވާލަން ނުކެރޭވަރުގެ ޕެޕަރ ސްޕްރޭއިންނެވެ. ދަރިންފަދަ ޒުވާން ކުދިންކޮޅެއްގެ އަނގައިން ބޭރުވާނެ ކަމަށް ހީވެސް ނުކުރާވަރުގެ ބަސްމަގަކާއެކު އެދައްކާލާ ގަދަބަދަވި ކަމަކާއެވެ. ހަރުކަށިކަމާއެކު ކޮއްޕާ ގަޅުވަމުން އަދި ނުވިތާކަށް އަތްއިސްކުރަމުން ހަމައެއް ލަމައެއް ނެތި ދެމުންދާ އަނިޔާތަކާއެވެ.

އެކަމަކު ރީތިވަނީ ދެން އެފެންނަ މަންޒަރުތަކުންނެވެ. ހިތްގައިމީ އެދައްކާލާ ކުލަވަރުތަކުންނެވެ. އެއިން ފުލުހަކާ ދެކޮޅަށް އަތްވެސް މަޅާ ނުލާތީއެވެ.  ކޮންމެ ރެއަކުމެ އެއްގޮތަކަށް އެއަނިޔާ ލިބެމުންދާއިރުވެސް އެއިން ފުލުހަކަށް ހަމަލާދީ މާރާމާރީއެއް ހިންގާން ހިތަށް ވެސް ނާރާތީއެވެ. ހިސާބަކަށް ރުޅިގަދަވާ ކުދި ސޮރުމެންނާ ލޭމައްޗަށް ދާވަރުގެ ދުވަސްވީ މީހުންވެސް ކޮންޓްރޯލްކޮށް އަތްއިސްކުރިއަނުދީ ތަރުތީބު ދެމުން ދާތީއެވެ. މުޒާހަރާ ނިމުމާއެކު ވަކިވަކިން އޭގެ ފުލުހަކު ފެނުނަސް ހިތްބުރަ ކަމެއް ނުބާއްވާތީއެވެ. އަމުދުން އެހާޖާނުގެ ތެރޭގައި އުޅޭ ފުލުހަކު ވެއްޓި ކަމެއް ވިއަސް އެމީހުން ނަގާ ހޭހަން ކުރާ ބަޔަކަށް  ހަމައެމުޒާހަރާކުރާމީހުން ވާތީއެވެ.

އަޖައިބުވެ އަންތަރީސް ވަނީ އަދި މުޅިން އެހެންކަމަކާ ހެދިއެވެ. ކޮންމެ ރެއަކުވެސް އުފަލުން ނަށަމުން އަންނަ މީހުން އެނބުރި އެދަނީ ކަރުނައިން ފޯވެގެންނެވެ. އެކަމަކު ދިމާވި ހިތްދަތިކަމަކުން ފައިބާ ކަރުނައަކުން ނޫނެވެ. ހައިކޮށްލުމެއް ނެތި ޖެހި ކަރުނަ ގޭހުގެ އަސަރުކޮށްގެންނެވެ. އެއްބަޔަކު ހޮސްޕިޓަލަށް ގޮސް ފަރުވާވެސް ލިބިގެން ނޫނީ ގެއަކަށް ނުދެވެއެވެ. އަތާފައި ބިނދި ބޮލުން ތަންގަނޑެއްވެސް ފަޅައިގެން ދަނީކީވެސް މަދެއްކަ ފަހަރަކު ނޫނެވެ.

އެކަމަކު ނިކަން ބައްލަވާށެވެ. ޖެހިގެން އަންނަރޭ އަނެއްކާވެސް ހަމަ އެނުކުންނަނީ އެމީހުންނެވެ. ހަމަ އެ ޖޯޝުގައެވެ. ނުގުޑާފަދަ އަޒުމާ އެހިތްވަރުގައެވެ. ހިސާބަކަށް މޭކަޕް ކޮށްލައިގެން ނުކުމެ އެދައްކާލާ ރީތި ހިނިތުންވުމާއެކުގައެވެ. ކުރީ ރޭ ހިނގައިދިޔަ އެއްވެސް ކަމެއްގެ ކުޑަވެސް އަސަރެއް އެއިން މީހެއްގެ މޫނުމަތިން ފާޅުވެސް ކޮށްނުލާ ތިބެގެންނެވެ.

ނޫނޭވާ މިއީކީ އާދައިގެ ބައެއް ނޫނެވެ. އަޖައިބުން ފުރިފައިވާ މިސާލެއްފަދަ ބައެކެވެ. ޤައުމަށްޓަކައި ޤައުމުގެ ކުރިމަގަށްޓަކައި އަދި އަންނާން އޮތް ޖީލުތަކަށްޓަކައި ކަށިން ހިތްވަރު ނެރެގެން ފަހަށް ނުޖެހި މަސައްކަތް ކުރާ ބައެކެވެ. އެވެރިން އެބުނަނީ ހަމަ އެންމެ ވާހަކައެކެވެ. އެވެރިންގެ އެޖޯޝާއި ފޯރި ކައްކުވާލާ އެލަވައިގާ އެބުނާ ވާހަކަ ތަކެވެ.  

"ދުރަށް ދާންވީހޭ މުޅި ޤައުމު އެކީ ދީފައި. ބަލަން ތިބެންވީހޭ މިރާއްޖެ އެކީ ދީފައި"

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
73%
0%
9%
0%
18%
ކޮމެންޓް
26 ފެބްރުއަރީ 2018 | ހޯމަ 14:24
♍⛎♓♌
Adi kaamiyaabuvaane insha allah keterikamaa eku hurihaameehunves duvaa kuranvee mi aniyaaverikanum salaama kodevaatho.