ކ. މާލެ
|
24 ފެބްރުއަރީ 2018 | ހޮނިހިރު 09:56
ކުއްލި ނުރައްކަލުގެ ހާލަތު ގާނޫނާ ހިލާފަށް އިތުރު ކޮށްފައިވާތީ ނުރުހުން ފާޅުކުރި ބައެއް ގާނޫނީ ވަކީލުން:-
ކުއްލި ނުރައްކަލުގެ ހާލަތު ގާނޫނާ ހިލާފަށް އިތުރު ކޮށްފައިވާތީ ނުރުހުން ފާޅުކުރި ބައެއް ގާނޫނީ ވަކީލުން:-
ރާއްޖެ އެމްވީ
އަންހެން ކަނބަލުން
ފިސާރި ކަނބަލުންގެ ސާބަސް ޤާނޫނުއަސާސީގެ ދިފާޢުގައި ނުކުތް އަންހެން ވަކީލުންނަށް!
 
ގާނޫނީ ދާއިރާގެ ބައެއް އަންހެން ކަނބަލުންވީ އެހެން މީހުންނަށް ނަމޫނާ އަކަށް
 
ހަގީގީ ފިސާރި ކަނބަލުންނަކީ މުޒާހަރާތަކުން ފެންނަ މީހުން ކަމަށް ގަބޫލުކުރޭ

16 ނޮވެމްބަރު 1962ގައި ރާއްޖޭގެ ތާރީހީ ފަތްފުށްތަކުގައި ލިޔެފައި އޮތީ އަންހެނުންގެ މުޒާހަރާއެއް ފުރަތަމަ ކުރި ދުވަހުގެ ގޮތުގަ އެވެ. އިނގިރޭސިން ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަދެ، ޚާއްސަކޮށް އައްޑޫ މައްސަލައިގައި އިނގިރޭސިން ގެންގުޅޭ ސިޔާސަތާ ދެކޮޅަށް މާލޭގައި ދިރިއުޅޭ ދިވެހި އަންހެނުން ވަރުގަދަ މުޒާހަރާއެއް ކުރިކަމީ ފިރިހެނުން ވެސް އެއްބަސްވާނެ ވާހަކަ އެކެވެ. މި މުޒާހަރާ އަންހެންވެރިން ކުރީ އިނގިރޭސި ސަފީރު ހުންނަވާ ދޫނިދޫ ކައިރިއަށް ދޯނިފަހަރުގައި ގޮސްގެންނެވެ. އެކަން އެ ހިސާބުން އޮތީ ތާރީހުގަ އެވެ. ދައްކަން މި އުޅެނީ އެދުވަހު ވާހަކައެއް ނޫނެވެ. މިއަދުގެ ވާހަކަ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީއާ ގާނޫނުތައް މުގުރާލައި ގާނޫނަކީ ރައީސް އަބްދުﷲ ޔާމިނާއި ޕީޕީއެމްގެ ނުފޫޒު ގަދަ މީހުންގެ އަމުރު ކަމަށް ވެއްޖެ އެވެ. ގާނޫނު ތަކާއި ހިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދަންމައި، ޖިނާއީ އަދުލު ނިޒާމް އޮޅުބޮޅުންގަނޑެއްގެ ތެރެއަށް ވައްޓާލައިފި އެވެ. ގާނޫނު ތަންފީޒުކުރަން ތިބި ފަރާތްތަކަށާއި ހުކުމް ކުރި ފަރާތްތަކަށް ވެސް ވެސް ނޭނގޭ ވަރަށް ގާނޫނުގެ ހައްގުތައް ހިފަހައްޓައި، ބޮޑު ހާޖާނުގަނޑަކަށް ގާނޫނު ހަދައިފި އެވެ. ގާނޫނު އަސާސީގެ ބޭރުގަނޑު ބަލާލި މީހަކަށް ވެސް މިއަދު ރާއްޖޭގައި ހިނގާ ކަންތައް ފެނިފައި ގޮތް ހުސްނުވާ މީހަކު ނުހުންނާނެ އެވެ. އެކަމާ ދެކޮޅަށް ނިކުން މީހަކަށް ވެސް ކުޑަ ގޮޅި ނޫން އެއްޗެއް ނެތެވެ. ދައުލަތުގެ އިސް މަގާމުތަކުގައި ތިބި "ބޮޑު ސިންގާ" ފިރިހެނުން ވެސް އެ ތިބީ މި ސަރުކާރު ދެކެ ބިރުން ހުން އައިސް ގޭގައި ރަޖާ އަޅައިގެންނެވެ.

ނަމަވެސް މި ރާއްޖޭގައި ހިނގާ މި ޢައިރުގާނޫނީ ކަން ބަދަލުކުރަން ނިކުމެ އުޅޭ އަންހެނުން މާ ކުޅަދާނަ އެވެ. މާލެއާއި އަތޮޅުތަކުގައި ކުރާ މުޒާހަރާތަކުގައި އަންހެނުން ފުލުހުން ޝީލްޑްތައް ކުރިމަތީ ސަފު ހަދާލީމަ ބައެއް ފަހަރު ފުލުހުންގެ ހިތްވަރު އެލޭހެން ވެސް ހީވެ އެވެ. ފިރިހެނުންނަށް ވުރެ އަންހެނުން މި ކަމުގައި ކުރި ހޯދައިފި އެެވެ. މި ހަގީގަތާއެކު ދެން ފެނުނީ ފިސާރި ކަނބަލުންގެ މަސައްކަތުގެ ހިތްވަރަކަށް އަނެއްކާވެސް އަންހެން ކަނބަލުންތަކެއްވިތަނެވެ.

މި ދައުލަތުގެ އިސް މަގާމުތަކުގައި ކިޔަވައިގެން ތިބި ކަނބަލުން މި ހާލަތު ބަދަލުކުރަން ނިކުމެއްޖެ އެވެ. ތިމަންނަމެން މީ އަންހެނުންނަކަސް ގާނޫނު "ނަގާ އޮޅާލަން" ފުރުސަތު ނުދޭނެ ކަމަށް މީހުންގެ ކުރިމަތީ ދައްކަދޭން އެ މަސައްކަތްކުރާ ކަނބަލުނަށް ޝުކުރު ހައްގެވެ. އެމީހުންގެ ވާހަކަތައް މި ދުވަސްކޮޅު ގަދަވެސް ވެއްޖެ އެވެ. އޭގެ ތެރެއިން ބައެއް ކަނބަލުންގެ ނަންތައް ފާހަގަ ކޮށްލާނަމެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް: ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެން ކަމުން މިހާރު ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް ޕީޖީ ބިޝާމް ވަނީ ނިންމަވާފައެވެ. އަދި މަޖިލީހުގެ ނިންމުން ގާނޫނާ ޚިލާފު ކަމަށާއި އެހެންވެ ކުއްލި ހާލަތުގެ ދަށުން މީހުން ބަންދުގައި ބޭތިއްބޭނެ ކަމަށް އެކަމަނާ ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ފުލުހުންނަށް ސިޓީއެއް ފޮނުއްވުމަކީ މި ވަގުތު ބިޝާމްގެ ކިބައިން ފެނުން ރީތި އަދި ތައުރީފު ހައްގު މަސައްކަތެކެވެ. އެހެން އަންހެނުންނަށް ވެސް ހިތްވަރު ލިބުނު ކަމެކެވެ. އެކަމުގެ ހެއްކަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ނިންމެވި ނިންމެވުމުން ބަދަލު ނުކުރެއްވުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ގިނަ އަދަދެއްގެ ވަކީލުންތަކެއް ޕެޓިޝަނެއްގައި ސޮއި ކުރައްވާފައިވާއިރު އޭގައި ގިނަ އަންހެނުން ސޮއި ކުރެއްވުމާއެކު ސަރުކާރަށް އުނދަގޫތައް ވި އެވެ. އެކަން އެނގެނީ ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމާއި ޕީޖީ ލީޑަރު އަހްމަދު ނިހާނު އެ އުޅުއްވި ގޮތުންނެވެ. 

ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ: ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް ދިގުދަންމާލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި މަޖިލީހުގެ ޖަލްސާއިން ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލީހުގެ ޗެމްބަރ ދޫކުރައްވައި ނިކުމެ ވަޑައިގަތުމަކީ ކުޑަ ކަމެއް ނޫނެވެ. ޖަލްސާ ލައިވް ކުރަމުންދަނިކޮށް ފިލްޒާ ޗެމްބަރ ތެރެ އިން ނިކުމެވަޑައިގެންނެވީ ޤަރާރާ ގުޅޭ ގޮތުން ވޯޓަށް އަހަން ތައްޔާރުވުމާ އެކު މަޖިލީހުގެ ރައީސް މަސީހު އަރިހަށް ވަޑައިގެންނެވުމަށް ފަހުގައެވެ. އޭނާގެ އެ އިޝާރާތްވެސް އެ ހާލަތަށް  ފުދެ އެވެ. 

އޭޖީ އޮފީހުގެ ޑެޕިއުޓީ ކައުންސެލާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަފީއާ ރިޒާ: ކުއްލި ނުރައްކަލުގެ ހާލަތު ރައްޔިތުންގެ މަޖިލީހުން އިތުރުކުރި މައްސަލައިގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަމަލު ކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ޑެޕިއުޓީ ކައުންސެލާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަފީއާ ރިޒާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އޭޖީ އަމަލުކުރައްވާ ގޮތުން، ނުރުހުންވެވަޑައިގެން އިސްތިއުފާ ދެއްވީ، އަނިލްއަށާއި ސަރުކާރަށް ރަނގަޅު ރައްދެއް ދެއްވާފަ އެވެ.

ސީނިއަރ ސްޓޭޓް އެޓަރނީ މަރިޔަމް ޝުނާނާ: ގާނޫނު އަސާސީއާ ހިލާފަށް ކުރިއަށްގެންދާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އެޓަރނީ ޖެނެރަލް އޮފީހުގެ ސީނިއަރ ސްޓޭޓް އެޓަރނީ މަރިޔަމް ޝުނާނާ ގޮވާލުމަކީ ވެސް އަންހެން ކަނބަލުންނަކީ ގައުމުގެ ހައްގުގައި ބަސްބުނާނެ ބައެއް ކަން ދައްކާލި ހެއްކެވެ. ގާނޫނު އަސާސީއާ ހިލާފަށް އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންޖެހޭ ކަމަށާއި ގާނޫނު އަސާސީގެ 255 ވަނަ މާއްދާއާ ހިލާފަށް ނުހިފެހެއްޓޭނެ ހައްގުތައް ހިފެހެއްޓުމުގެ ބޭނުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރެވޭނެ ކަމަށް ޝުނާނާ ވިދާޅުވީ ޕްރޮފެޝަނަލް ގާނޫނީ ވަކީލެއްގެ ހަސިއްޔަތުން އެހެން މީހުނަށް  ނަމޫނާ ދައްކަދީފަ އޭ ބުނެވިދާނެ އެވެ. އޭގެ އިތުރުން ޝުނާނާ ވަނީ ގާނޫނު ނަގަހައްޓަން ކުރާ މަސައްކަތުގައި ދެމި ތިބުމަށް ގޮވާލާފަ އެވެ. އެޓަރނީ ޖެނެރަލް އޮފީހުގެ ދެ ވަކީލަކު މި ހިތްވަރާއެކު އެ އޮފީހުގެ ދެން ތިބި އަންހެނުން ހިމެނޭ ގޮތަށް ގާނޫނީ ވަކީލުން ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެންމުމާ ގުޅިގެން ފެޓިޝަނެއް އެކުލަވާލައި ހުށަހަޅަން އުޅުނު ކަމީވެސް ވެސް ހަމަ އަންހެނުންގެ ވާހަކަ ދައްކާއިރު ފާހަގަ ކޮށްލަން ޖެހޭ ކަމަކެވެ.  

ގާނޫނީ ވަކީލު ހިސާން ހުސެއިން:  ހިސާން އަކީ ހަގީގީ ފިސާރި ކަނބަލެވެ. ގާނޫނީ ދާއިރާގައި ގާނޫނު ނަގަހައްޓާ ދަމެހެއްޓުމުގެ މަސައްކަތް މީގެ އެތައް އަހަރެއް ކުރިން ކުރަމުން އަންނަ ކުޅަދާނަ އަންހެންކަނބަލެކެވެ. މި ދުވަސްވަރު އޭނާ ހަމަ އެފަދަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކުރުމާއެކު އެމަނިކުފާނުގެ ގާނޫނީ ވަކީލަކަށްވެ ވަޑައިގެން ގާނޫނީ ހުރަސްތަކާ ކުރިމަތިލެއްވި ކުޅަދާނަ އަންހެން ވަކީލަކީ ހިސާން ހުސެއިންނެވެ. ރާއްޖޭގެ މި ވަގުތު އެންމެ ފުންނާބު އުސް ވަކީލުންގެ ތެރޭގައި ހިސާން ހިމެނިފައިވުމަކީ ވެސް އަދި މިފަދަ ހާލަތެއްގައި އޭނާގެ ފަރާތުން ފެންނަ ހިތްވަރަކީ އެހެން ކަނބަލުންނަށް ނަމޫނާ އެކެވެ. އަދި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ އެހެން އަންހެން ކަނބަލުންތަކެއް ފެނުމަކީ އޭނާގެ އެ މަސައްކަތަށް ވެސް ލިބޭނެ ހިތްވަރަކާ ހިތްހަމަ ޖެހުމެކެވެ. ހިސާން އާއި މުޒާހަރާތަކުން ފެންނަ ހަގީގީ ފިސާރި ކަނބަލުންނަށް ގާނޫނީ ދާއިރާގައި މަސައްކަތްކުރާ އެހެން ކަނބަލުން އެ ކުޑަ އިޝާރާތް ވެސް ފެންނަނީ ވަރަށް ބޮޑުކޮށެެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
6%
12%
0%
12%
0%
71%
ކޮމެންޓް
25 ފެބްރުއަރީ 2018 | އާދީއްތަ 10:20
އަންހެނުން
ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ އަޅުގަނޑުމެން ކަމަށް ވިދާޅުވެ ކުރެވޭ ތުހުމަތުތަކަށް ގާސިމް އިބްރާހިމް އަމިއްލަ އަށް އިއުތިރާފްވެ ވަޑައިގެންފިއެވެ!؟