ކ. މާލެ
|
22 ފެބްރުއަރީ 2018 | ބުރާސްފަތި 17:03
ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓް
މުހައްމަދު ޝަރުހާން
މެމްބަރުންގެ ގޮނޑީގެ މައްސަލަ
މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހު ބާއްވަނީ
ބަންޑާރަނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ތާވަލްކޮށްފައި ވަނީ އަންގާރަ ދުވަހު 11.00 އަށް

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށާއި އިންތިހާބުވި ޕާޓީ ބަދަލުކުރިއަސް މެމްބަރުކަން ނުގެއްލޭނެ ކަމަށް 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ނިންމުން ބާތިލް ކުރުމަށް ބަންޑާރަނައިބު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށްފިއެވެ.

 ބަންޑާރަނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ތާވަލްކޮށްފައި ވަނީ އަންގާރަ ދުވަހު 11.00 ގައި ބޭއްވުމަށެވެ.

ބަންޑާރަނައިބު ހުށަހަޅުއްވާއި ވަނީ މި މަހުގެ 1 ވަނަ ދުވަހު ސުޕްރީނމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާ ނިންމުމުގެ ތިން ބައެއް ބާތިލްކޮށްދިނުމަށެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ހުށަހަޅުއްވާފައި އޮތީ ފްލޯކްރޮސް ކުރުމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލް ކޮށްފައިވާތީ އެ އަމުރު އަލުން ނެރުމަށެވެ. އަދި 12 މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފެދިފައިވަނިކޮށް އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ހުރިހާ މެމްބަރުން ހިމަނައިގެން މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނެރުނު އަމުރު ބާތިލް ކަމަށް ކަނޑައަޅަން ވެސް ބަންޑާރަނައިބު ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ދިވެހި ރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކު ވިޔަސް އައްޔަން ކުރުމާ ބެހޭ ގޮތުން އެއްވެސް ކަމެއް އެހެން ފަރާތަކުން ނުކުރުމަށް ކަނޑައަޅާފައިވާ ބައި އުނިކުރުމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވެއެވެ.

އެ މައްސަލަ ހުށަހެޅުއްވައި ބަންޑަރާނައިބު ވިދާޅުވެފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ އެ ބައިތައް އުނިކުރަން ހުށަހަޅުއްވީ އަދުލު އިންސާފު ގާއިމު ކުރުމަށްޓަކައި ގާނޫނު އަސާސީގެ ހަ ވަނަ ބާބުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު ބައިތަކެއް ކަމަށް ފެންނާތީ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅުއްވީ ގާނޫނު އަސާސީގެ 33 ވަނަ މާއްދާގެ (ނ) ދަށުން ގާނޫނީ ވެރިކަން ހިމާޔަތްކޮށް ނަގަހައްޓައި، ހިމާޔަތްކޮށް، ކުރިއެރުވުމަށާއި ރައްޔިތުންގެ ސަލާމަތަށާއި ރައްޔިތުންގެ މަންފާ އާއި އާންމު މައްސޫލިއްޔަތު ދިފާއު ކުރުމަށް ބަންޑާރަނައިބުގެ މައްސޫލިއްޔަތެއް ކަމުގައި ވާތީ ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

މައްސަލަ ތާވަލުކޮށްފައިވާ އިރު ރާއްޖޭގައި ކުއްލި ހާލަތުގެ ނުރައްކާ އިއުލާނުކޮށް ސުޕްރީމް ކޯޓުގެ ފުރާޅުން އެ ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ފަހުން 1 ނޮވެމްބަރުގެ އަމުރުގައި ސޮއިކުރައްވާފައިވާ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުން ވަނީ އެ ހުކުމުގެ ބައެއް ބައިތައް އެހެން އަމުރުތަކެއް ނެރެ ބާތިލްކޮށްފައެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް