ކ. މާލެ
|
21 ފެބްރުއަރީ 2018 | ބުދަ 22:04
ރައީސް ޔާމީން ދަރުބާރުގެއަށް ވަޑައިގެންނެވުމުން މަޖިލީހުގެ ރައީސް ސަލާމް ކުރައްވަނީ
ރައީސް ޔާމީން ދަރުބާރުގެއަށް ވަޑައިގެންނެވުމުން މަޖިލީހުގެ ރައީސް ސަލާމް ކުރައްވަނީ
ރައީސް އޮފީސް
ރިޔާސީ ބަޔާން
ޤައުމުގެ ޙާލަތާމެދު ބަހެއް ވިދާޅުނުވެ ރިޔާސީ ބަޔާން ނިންމަވާލައްވައިފި
 
ޤައުމު ރަނގަޅު ކުރުމުގެ މާގިނަ ވާހަކައެއް ނުދައްކަވާ
 
ޤައުމުގައި ހިނގާފައިވާ ބޮޑެތި ކަންކަމާމެދު ބަހެއް ވިދާޅެއް ނުވޭ
 
މުޅިންވެސް ވާހަކަ ދެއްކެވީ ކުރެވިފައިވާ ކަންކަމުގެ ވާހަކަ

ޤައުމުގެ މިއަދުގެ ޙާލަތާމެދު އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ރައީސް ޔާމީންގެ ރިޔާސީ ބަޔާން ކުއްލިގޮތަކަށް ނިންމަވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށުމަށާއި ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވާ މިޖަލްސާ ފައްޓަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ 36 މެންބަރުންނާއެކުގައެވެ.

މިމަހުގެ 5 ވަނަ ދުވަހު ބާއްވަން ކުރިން ތާވަލް ކުރުމަށް ފަހު މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ހަމައެކަނި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރުން ކުރެއްވި ކަންކަމުގެ ތަފާސް ހިސާބުތައް އެކަންޏެވެ. އޭގެ ތެރޭގައި ގިނައި މީގެ ކުރިންވެސް ހާމަ ކުރައްވާފައިވާ ތަފާސް ހިސާބު ތަކެކެވެ.

ޤާނޫން އަސާސީގެ 84 މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރާންޖެހޭ ކަމަށް ރައީސްުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވާން ވާނެ ކަމަށެވެ.

މިދިޔަ އަހަރަކީ ރާއްޖޭގައި ބޮޑެތި މާރާމާރީތަކެއް ހިނގާ ޤައުމު ބިރުވެރިކަމަށް ވެއްޓުނު އަހަރެކެވެ. ސިޔާސީ ގޮތުން ހިނގި ބޮޑެތި ކަންތައްތަކެއް ހިނގާ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ވަނީ ކަނޑައަޅާފައެވެ. ސިޔާސީ ގޮތުން ހަލަބޮލިވި ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރުމުގެ ވާހަކަތައް ކުރުމަށް ސަރުކާރުން ގޮވާލިއެވެ.

މިއަހަރުގެ މިހާތަނަށް އައިއިރު ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރައްވާ ކުރީގެ ރައީސް މައުމޫނާއި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ވަނީ ޖަލުގައި ހައްޔަރު ކޮށްފައެވެ. އަދި ބޭރު ދުނިޔެއިން ދިވެހިސަރުކާރުގެ ޢަމަލް ތަކާމެދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން ދާއިރު މިއިން އެއްވެސް ކަމަކާ ގުޅޭގޮތުން އަދި އެކަންކަން ހައްލު ކުރުމަށްޓަކއި ކުރައްވާނެ އެއްވެސް ކަމެއްގެ ވާހަކައެއް ރައީސް ޔާމީންގެ ރިޔާސީ ބަޔާނުގައި ވިދާޅެއް ނުވެއެވެ.

މިރޭގެ ޖަލްސާއަކީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި މަޖިލީހުގެ ދައުރު ފެށި ޖަލްސާއެއްގައި މިހާތަނަށް އެމަޖިލީހުގެ އެންމެ މަދު މެންބަރުންނާއެކު ބޭއްވެވި ޖަލްސާއެވެ. އަދި މުޅި ސަރަހައްދު ވަރަށް ބޮޑަށް ސެކިއުރިޓީ ވަރުގަދަ ކޮށްގެން ބޭއްވި މިޖަލްސާއަކީ މިހާތަނަށް އެޖަލްސާއަށް ހާޒިރުވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މޮބައިލް ފޯނު ޖަލްސާއަށް ނުވެއްދުނު ޖަލްސާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް