ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 22:48
މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު
މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު
ރާއްޖެއެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަކީ އަނެއްކާ ވެސް ހެދޭ ގޯހެއް: މައުމޫން
 
ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދިފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަދަދާއި މެދު ސުވާލު އުފައްދަމުންދާތީ

ކުއްލި ނުރައްކަލުގެ ހާލަތާއި މެދު ގޮތެއް ނިންމައި އެ ހާލަތު 30 ދުވަހަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަދަދާއި މެދު ބައެއް މެމްބަރުން ސުވާލު އުފައްދަވާފައި ވާތީ، އެ މައްސަލައިގައި ގާނޫނީ ލަފަޔަކަށް ސުޕްރީމް ކޯޓުގައި އެދުމަކީ ހެދޭ ބޮޑު ގޯހެއް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަންގާރަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތާއި މެދު ގޮތެއް ނިންމިއިރު އެ ކުއްލި ނުރައްކަލުގެ ހާލަތަކީ ހަތެއް ފެބްރުއަރީގެ އަށެއް ޖެހުމާއެކު ބާތިލު ހާލަތެއް ކަމަށެވެ. މިކަމާއި ގުޅިގެން ދެ ފަނޑިޔާރަކު "ގެއްލިފައިވާ" ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަކީ ހެދިފައިވާ ގޯހުގެ މައްޗަށް އަނެއްކާ ވެސް ގޯހެއް ހެދުން ގޮތުގައި މައުމޫން ވަނީ ސިފަކުރައްވާފައެވެ. ހަމައެހެންމެ މައުމޫންގެ ޓްވީޓުގައި ވަނީ މިއީ ފެށުމުގައި ވެސް "ކައްޗަށް އެޅި ބިންގަލެއް" ގެ ގޮތުގައި ސިފަކުރައްވާފައެވެ.

މައުމޫން މިހެން ވިދާޅުވެފައިވާއިރު ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ފަސް ފަނޑިޔާރުންގެ ސޮޔާއެކު ނެރުނު އަމުރާއެކު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅުނު ނަމަވެސް އާދިއްތަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަނީ އެ އަމުރަށް އަމަލުކުރުން ވަގުތީގޮތުން ހުއްޓާލުމަށް އަމުރުކޮށް ވަގުތީ އަމުރެއް ނެރެފައެވެ. މި 12 މެމްބަރުންނަށް ދައުރުން ބޭރުގައި ބޭއްވި ޖަލްސާއަށް ދައުވަތު ފުރަތަމަ ފޮނުވި ނަމަވެސް އެ ދައުވަތު ވަނީ މި އަމުރާއެކު އަނބުރާ ގެންގޮސްފައެވެ.

އެ 12 މެމްބަރުންނާއި ނުލައި އަންގާރަ ދުވަހުގެ ރޭގެ ޖަލްސާ ކުރިޔަށް ގެންދިޔައިރު ގާނޫނާ އެއްގޮތަށް މި ގާރާރު ފާސްކުރުމަށް 43 މެމްބަރުން ވޯޓު ދޭންޖެހެއެވެ. އެހެން ނަމަވެސް އިދިކޮޅު މެމްބަރުން ޖަލްސާ ބޮއިކޮޓް ކުރުމާއި ގުޅިގެން ސަރުކާރުން މި ގާރާރު ފާސްކޮށްފައިވަނީ ގާނޫނާ ހިލާފަށް 38 މެމްބަރުންގެ ވޯޓާއެކުއެވެ.

މި ކަމާއި ގުޅިގެން ގާނޫނީ ގިނަ ބޭފުޅުން ފާޑު ވިދާޅުވަމުން އަންނައިރު ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދިވަޑައިގެންފައެވެ. މިވަގުތު ވެސް އެ ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ތިއްބެވީ ރިޝްވަތުގެ ތުހުމަތުގައެވެ. ސަރުކާރުން ޖުޑީޝިއަރީ އާއި ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް