ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 20:10
އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ އުޅަނދުތަކެއް ހަރަކާތްތެރިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައި
އިންޑިއާގެ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ އުޅަނދުތަކެއް ހަރަކާތްތެރިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ބުނެފައި
ގޫގުލް
އެމްއެންޑީއެފް ބަޔާން
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ޤައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރިއެއް ނުވޭ: އެމްއެންޑީއެފް
 
އިންޑިއާ ކަނޑުގައި ޗައިނާގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރިވާ ކަމަށް ޗައިނާ އާއި އޮސްޓްރޭލިއާގެ ބައެއް މީޑިއާތަކުން ބުނެފައި
 
ޗައިނާގެ ހަނގުރާމަމަތީ މަނަވަރުތަކެއް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން ނުދާ ކަމަށް އިންޑިއާ އިން ބުނެފައިވޭ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ޤައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް މިވަގުތު ހަރަކާތްތެރިނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އިންޑިއާ ކަނޑުގައި ރާއްޖެއާ ވީ ސަރަހައްދުގައި ޗައިނާގެ އަސްކަރީ އުޅަނދުތަކެއް ހަރަކާތްތެރިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ވާހަކަތަކަށް ރައްދުދީ އެމްޑީއެފް އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދާއި ސިޔާސީ ސަރަހައްދު ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ބަލަހައްޓަމުންދާ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ޤައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރިނުވާ ކަމަށެވެ.

ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން އުފެދިފައިވާ ދުވަސްވަރެއްގައި ޤައުމީ ސަލާމަތަށް ނުރައްކާވެ، ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާ ފަދަ ވާހަކަތައް ނުފެތުރުމަށާއި ބޭރުގެ އެއްވެސް ޤައުމެއްގެ އަސްކަރީ ބާރެއް ރާއްޖެއަށް ނުފޫޒު ފޯރުވުމަށް ހިތްވަރު ލިބޭ ފަދަ ގޮތްގޮތަށް މުއާމަލާތް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް ނޫސް ބަޔާނުގައި ވެއެވެ.

ޗައިނާގެ ހަނގުރާމަމަތީ މަނަވަރުތަކެއް އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ޗައިނާ އާއި އޮސްޓްރޭލިޔާގެ ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ވެސް ބުނެފައި ވަނީ ޗައިނާގެ އަސްކަރީ އުޅަނދުތަކެއް އިންޑިއާ ކަނޑުގައި މި ވަގުތު ހަރަކާތްތެރިވަމުން ނުދާ ކަމަށެވެ. އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރާއްޖެ އާއި އިންޑިއާގެ ސިފައިން ގުޅިގެން މީގެ ކުރިން ވެސް ގިނަ އޮޕަރޭޝަންތަކެއް ހިންގާފައި ވެއެވެ. 

ޗައިނާގެ އުޅަނދުތަކެއް އިންޑިއާ ކަނޑުގައި، ރާއްޖެއާ ކައިރިން ހަރަކާތްތެރިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި މި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ އެކަން ހައްލުކުރުމަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށް އެކި ފަރާތްތަކުން ގޮވަމުންދާ ދަނޑިވަޅެއްގައެވެ. އަނެއްކޮޅުން ޗައިނާގެ އެހީތެރިކަމަށް ސަރުކާރުން އެދިފައިވަނިކޮށެވެ. ޗައިނާ އިން ބުނެފައި ވަނީ ރާއްޖޭގެ މައްސަލައިގެ ތެރެއަށް ވަދެ އިންޑިއާގެ އަސްކަރިއްޔާ އިން ފައުޖެއް ފޮނުވައިފި ނަމަ އެކަން ޗައިނާ އިން ހުއްޓުވާނެ ކަމަށެވެ. އަދި ރާއްޖޭގެ ދާޚިލީ މައްސަލަތައް އަމިއްލަ އަށް ހައްލުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް މެދުވެރިއެއްގެ ގޮތުން މައްސަލަ ހައްލުކުރުމުގައި އެހީވާން ޗައިނާ އިން ތައްޔާރަށް އޮތް ކަމަށް ޗައިނާ އިން ބުނެފައި ވެއެވެ. ރާއްޖޭގެ މަސްރަހު ހޫނުވެފައިވާ އިރު ޗައިނާގެ ގިނަ އިންވެސްޓްމަންޓްތަކެއް ރާއްޖޭގައި ހިންގާތީ އެ އިންވެސްޓްމަންޓްތަކުގެ ރައްކާތެރިކަމަށް ޗައިނާ އިން އިސްކަން ދޭނެއެވެ. ޗައިނާ އާއި ރާއްޖެއާ މެދު ގާތް ގުޅުމެއް އުފެދި ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަވަމުން ދާތީ އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 


 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް