ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 18:56
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
ގޫގުލް
ކުއްލި ނުރައްަލުގެ ހާލަތު
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރާކަށް 43 މެމްބަރުން ބޭނުމެއް ނުވޭ: މަސީހު
 
މަސީހު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާއާ ހަވާލާދެއްވައި

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރާކަށް 43 މެމްބަރުން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެއްޖެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތާ މެދު ގޮތެއް ނިންމުމަށް މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މަސީހު ވިދާޅުވީ ރައްޔިތުންގެ މައްޗަށް އަަމަލު ކުރަން ޖެހޭ އެއްޗެއް ފާސް ކުރެވޭނީ ދެބައިކުޅަ އެއްބައި މެންބަރުން ތިބި ޖަލްސާއަކުން ކަމަށް އޮތް ނަމަވެސް މަޖިލީހުގެ ގަވާއިދުގައި ކުއްލި ހާލަތުގެ ވާހަކަ ބަޔާން ކޮށްފައި ނުވާ ކަމަށެވެ. މަސީހު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާއާއި ހަވާލާދެއްވައެވެ. 

މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާ (ރައްޔިތުން އެމައްޗަށް އަމަލު ކުރަންޖެހޭ ކަންކަން)ގައި ވަނީ ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސްކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅައެއްބަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިބޭ  ވަގުތެއްގައި ކަމަށް ޤާނޫނުއަސާސީގެ87 ވަނަ މާއްދާގެ (ށ)  ބަޔާންކޮށްފައިވާހިނދު، "ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއްކަމަށް" ރައްޔިތުންގެ މަޖިލީހުގެ މި ގަވާއިދުގެ މަޤްޞަދަށްޓަކައި ބުނެފައި އެވަނީ އަންނަނިވި ކަންކަމަށެވެ:

 (ހ) ރައްޔިތުން ވަކިގޮތަކަށް ތަބާވުން ލާޒިމުކުރާ ޤާނޫނެއް ފާސްކުރުމަށް.  

(ށ) ރައްޔިތުން ވަކިގޮތަކަށް ޢަމަލުކުރުމަށް ނުވަތަ ނުކުރުމަށް ބާރުއަޅާ ޤާނޫނެއް ފާސްކުރުމަށް.

(ނ) ރައްޔިތުންގެ އަތުން ފައިސާއެއް ޚަރަދުކުރަންޖެހޭކަމެއް ހިމެނޭ ޤާނޫނެއް ފާސްކުރުމަށް.

(ރ) ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ޤާނޫނެއް ފާސްކުރުމަށް.

(ބ) ވަކިކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތަކު ކުށްވެރިވުން ހިމެނޭ ޤާނޫނެއް ފާސްކުރުމަށް.

(ޅ) ރައްޔިތަކު އުފުލަންޖެހޭ ޝަޚްޞީ ޒިންމާއެއް ހިމެނޭ ޤާނޫނެއް ފާސްކުރުމަށް.

ގާނޫނު އަސާސީގެ 87 ވަނަ މާއްދާގައި ބުނެފައި ވަނީ 86 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ޤާނޫނީ ޢަދަދަކީ މަޖިލީހުގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ 25 އިންސައްތަ ކަމުގައި ވިއަސް ރައްޔިތުން އެމައްޗަށް ޢަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެ ިތބޭ ވަގުތެއްގައި ކަމަށެވެ. 

ޖަލްސާގައި ގަރާރު ފާސްކޮށްފައި ވަނީ 86 މާއްދާގެ ދަށުންނެވެ. އިދިކޮޅު ފަރާތްތަކާއި ފުންނާބު އުސް ބައެއް ގާނޫނީ ވަކީލުން ވެސް ގެންދަވަނީ ކުއްލި ހާލަތުގެ ގަރާރު ފާސް ކުރަން ޖެހޭނީ 87 ވަނަ މާއްދާގެ ދަށުން، 43 މެންބަރުންނަށް ވުރެ ގިނަ މެންބަރުން މަޖިލީހުގައި ވަޑައިގެން ތިއްބަވާ ޖަލްސާއެއްގައި ކަމަށެވެ. 

މަޖިލީހުން ހޯމަ ދުވަހު ބޭއްވި ޖަލްސާގައި 39 މެންބަރުންގެ ވޯޓާ އެކު ފާސްކުރީ ގައުމީ ސަލާމަތު ކޮމިޓީ އަށް ފޮނުވުމަށެވެ. އަދި 43 މެންބަރުން ހަމަކުރުމަށް އެކި ގޮތްގޮތުން ސަރުކާރުން މަސައްކަތްކުރި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އެއީ ކުއްލި ހާލަތުގެ ގަރާރަކީ ރައްޔިތުން އަމަލުކުރަންޖެހޭ ކަންތައްތައް ކަމަށް ބުނާ ކަންކަމުގެ ތެރޭގައި ނުހިމެނޭ ގޮތަށް ކަނޑައަޅައި ޖަލްސާ ބާއްވާފައި ވަނީ ހަވީރު 5:45 ގައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
8%
0%
50%
25%
17%
ކޮމެންޓް