ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 19:13
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސުޕްރީމް ކޯޓުގައި
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ސުޕްރީމް ކޯޓުގައި
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީސް
ބައެއް މެމްބަރުންނަށް މަޖިލީހަށް ވަޑައިގެންނެވުމަށް ހުރަސްއަޅަމުންދާތީ މެމްބަރުން ސުޕްރީމް ކޯޓަށް
 
ކުއްލި ނުރައްކަލުގެ ހާލަތު 45 ދުވަހަށް ދައްމާލަން ސަރުކާރުން ވަނީ ހުށަހަޅާފައި
 
އަނެއް ދެ މެމްބަރުން ކަމަށްވާ އިލްހާމާއި ސިނާނު ވަނީ ފުލުހުންގެ ބަންދުގައި
 
އެ 12 މެމްބަރުންގެ ތެރެއިން 10 މެމްބަރަކަށް ސަލާމަތީ ހިދްމަތްތަކުން ދަނީ ހުރަސް އަޅަމުން

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން މަޖިލީހަށް ވެންނެވުމަށްޓަކައި ދައުލަތުގެ ސަލާމަތީ ބާރުތަކުން ހުރަސް އަޅުމުންދާތީ އެމައްސަލައަށް ހައްލެއް ހޯދުމަށް ސުޕްރީމް ކޯޓަށް ވަޑައިގަންނަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމުން، މިމަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެއީ ބާތިލް ނިންމުމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އެ 12 މެންބަރުންނާ އެކު މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް އަމުރު ކޮށްފައެވެ.

ނަމަވެސް މިމަހުގެ 18 ވަނަ ދުވަހު ދައުލަތުގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ ވަގުތީ އަމުރުގައި ވަނީ ސުޕްރީމް ކޯޓުން މިމަހުގެ އެއް ވަނަ ދުވަހު ނެރެފައިވާ އަމުރުގައި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަންޖެހޭނީ އެ 12 މެމްބަރުންނާ އެކު ކަމަށް ބުނެފައިވާ އަމުރު ތަންފީޒު ކުރުން މަޑުޖައްސާލުމަށެވެ.

އެގޮތަށް ވަގުތީ އަމުރުގައި ބުނެފައި ވާތީ ދައުރުން ބޭރުގައި ކަމަށް ބުނެ، މަޖިލީހުން މިހާރު ކުރިއަށް ގެންދާ ޖަލްސާތަކަށް އެ 12 މެމްބަރުންނަށް ވަނީ ދައުލަތުގެ ސަލާމަތީ ބާރުތަކުން ހުރަސްއަޅާފައެވެ.

އެހެންކަމުން އެ މެމްބަރުން ވަނީ މީގެ ކުރިން ވެސް އެ މެމްބަރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް އެދިލައްވާފައިވާ އެދިލެއްވުމުގެ މަތިން ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭ ގޮތް ހަމަޖައްސައިދެއްވުމަށް އެދިލައްވާފައެވެ. ނަމަވެސް އެ މެމްބަރުންނަށް މިއަދާ ހަމައަށް ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ދައުރުން ބޭރުގައި ބާއްވާ ޖަލްސާއެއް ކަމަށް ބުނެ، ހޯމަ ދުވަހު ވަނީ 15 ދުވަހަށް އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ މެދު މަޖިލީހުުން ގޮތެއް ނިންމުމަށާއި އިތުރުން 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ދައްމާލަން މަޖިލީހަށް ހުށަހަޅާފައެވެ.

ސަރުކާރުން ހުށަހެޅި އެ ހުށަހެޅުން އަންގާރަ ދުވަހު ބާއްވާ ޖަލްސާގައި ފާސްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އެ ގަރާރުތައް ފާސްކުރުމަށް ނަގާ ވޯޓުގައި މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވަން ޖެހެއެވެ. އެއީ މަދުވެގެން 43 މެމްބަރުންނެވެ. އެ އަދަދަށް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ނެތުމުން ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުލިމަތިލާން ޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް