ކ. މާލެ
|
20 ފެބްރުއަރީ 2018 | އަންގާރަ 17:18
އިލެކްޝަންސް ކަމިޝަނުގެ ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އިލެކްޝަންސް ކަމިޝަނުގެ ބޭފުޅުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެ އެމްވީ
އިލެކްޝަންސް ކަމިޝަން
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި
 
އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދަނީ ސެޕްޓެމްބަރުމަހުގެ ތެރޭގައި

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައިމަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކަމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކަމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ޖުލައިމަހުގައި ރިޔާސީ އިންތިޚާބަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދަނީ ސެޕްޓެމްބަރުމަހުގެ ތެރޭގައި ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.  

އަކްރަމް ވިދާޅުވެފައި ވަނީ މިއަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ފަށާފައި ވާކަމަށެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ހުރިހާ ތައްޔާރީތަކަކާ އެކު އިންތިޚާބު ބާއްވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 110 ވަނަ މާއްދާ ބުނާ ގޮތުން ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިހާބު ބާއްވަން ޖެހޭނެއެވެ. ރިޔާސީ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި ހިނގަމުންދާ ރިޔާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އިއުލާން ކުރަންޖެހޭނެއެވެ. ރިޔާސީ ދައުރު ގުނަން ފަށާނީ ރިޔާސީ އިންތިޚާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިއަށް 120 ދުވަހަށެވެ. ނަމަވެސް 2013 ވަނަ އަހަރު ކުރިމަތިވި މައްސަލަތަކާ އެކު މި ރިޔާސީ ދައުރު ފެށިފައި ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަސް ގުނަން ފަށާނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

އިންތިޚާބުގެ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ދައްކަމުންދާއިރު އިދިކޮޅު ފަރާތްތަކާއި ބައިނަލްއަގުވާމީ ފަރާތްތަކުން ދަނީ ރާއްޖޭގައި މިނިވަން އިންސާފުވެރި އަދި އެންމެންނަށް ބައިވެރިވެވޭ އިންތިޚާބެއް ބޭއްވުމަށް ގޮވާލަމުންނެވެ. އަދި އެންމެން ބައިވެރިވާ އިންތިޚާބެއްގެ ގޮތުގައި އެ ފަރާތްތަކުން ގަބޫލުކުރަނީ ޖަލު ހުކުމްތައް އިއްވާފައިވާ ސިޔާސީ ފަރާތްތަކަށް ބައިވެރިވެވޭ ފަދަ އިންތިޚާބެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް