ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރައްވާފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި އަދި އިއުލާން ކުރެއްވި ޤަރާރުވެސް މިހާރު ވަނީ ބާތިލް ވެފައި ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އެމްވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުމޫން ހަމީދު ވިދާޅުވީ މިމަހުގެ 5 ވަނަ ދުވަހު އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރައްވާފައި ވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި ޤާނޫނުއަސާސީގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެވޭނޭ ކަމަށް ބުނާ ޙާލަތެއް ސަރުކާރުން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެއްވި ސަބަބުތަކުގެ ތެރޭގައި ނުހިމެނޭ ކަމަށެވެ.
މައުމޫން ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެވޭނޭ ހާލަތްތައް ޤާނޫން އަސާސީގެ 253 ވަނަ މާއްދާގައި ވަރަށް ސާފު ސަރީޙަ އިބާރާތުން ބުނެފައިވާ ކަމަށާއި މިމަހުގެ 5 ވަނަ ދުވަހު ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރެއްވި ސަބަބު ނުހިމެނޭ ކަމަށެވެ. އެހެންކަމުން ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށެވެ.
މީގެ އިތުރުން މައުމޫން ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ޖެހޭނެ ކަމަށާއި އެކަން ކުރައްވާފައި ނުވުމަކީ ޤަރާރު ބާތިލް ވާނޭ ކަމެއް ކަމަށެވެ.
މަޖިލީހުގެ ދައުރު ނުފެށޭ ކަމަށް ސަރުކާރުން ބުނާ ބުނުމަށް ރައްދު ދެއްވައި މައުމޫން ވިދާޅުވީ މަޖިލީހުގެ ދައުރު ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ފެށިފައިވާ ކަމަށާއި މަޖިލީހުގެ ދައުރު ފެށުމުގެ ޖަލްސާ ނުބޭއްވުމަކީ މުޅިން އެހެން ކަމެއް ކަމަށެވެ.
މަޖިލީހުގެ ޖަލްސާ ނުބޭއްވުން އެއީ މަޖިލީހުގެ ދައުރު ނުފެށެންވީ ސަބަބެއް ނޫންކަމަށް ވިދާޅުވަމުން މައުމޫން ވިދާޅުވީ ހިނގަމުންދާ ދައުރުގެ މަޖިލީހަށް، ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރި ސަބަބު 48 ގަޑިއިރުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ ކަމަށާއި ހުށަހަޅާފައި ނުވާނަމަ އެ ޤަރާރު ބާތިލްވާނެ ކަމަށެވެ.
އެހެންކަމުން މިމަހުގެ 5 ވަނަ ދުވަހު އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ 48 ގަޑިއިރުގެ ފަހުން އެޤަރާރު ބާތިލް ވެފައިވާކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވި 15 ދުވަހާމެދު ގޮތެއް ނުނިންމަނީސް އެމުއްދަތު އިތުރު ކުރެއްވިދާނެތޯ ރާއްޖެ އެމްވީން ދެންނެވުމުން މައުމޫން ހަމީދު ވިދާޅުވީ ބާތިލް ޤަރާރަކަށް އިތުރު ކުރެވޭނީވެސް ބާތިލެއް ކަމަށެވެ. އެހެންކަމުން މިހާރު އިތުރު ކުރަން ހުށަހެޅުއްވި 30 ދުވަސްވެސް ބާތިލް ވާނޭ ކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ހަމީދު ވިދާޅުވީ މިކަންކަމަކީ އެވާހަކަތައް ދައްކަވާ ބޭފުޅުން ހެއްދެވި ޤާނޫނެއްގެ ބާރު ލިބިފައިވާ ޤަވާއިދެއްގެ ދަށުން ހިނގާ ކަންކަން ކަމަށެވެ. ނަމަވެސް އެ ޤާނޫނީ އިމުގެ ބޭރުން ކަންކުރެއްވުމަކީ ސައްޙަ ވާނޭ ގޮތެއް ނޫން ކަމަށައި ބާރު އޮތީތީ ކަންކަން ކުރެއްވިދާނޭ ކަމަށެވެ.