ކ. މާލެ
|
19 ފެބްރުއަރީ 2018 | ހޯމަ 19:54
ަމަޝްހޫރު ޤާނޫނީ ވަކީލް ޝާހީން ހަމީދު
ަމަޝްހޫރު ޤާނޫނީ ވަކީލް ޝާހީން ހަމީދު
އަވަސް
ކުއްލި ނުރައްކަލުގެ ހާލަތު
ފަނޑިޔާރުން ރަހީނުކޮށް ކޯޓުތައް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އޮތް ހާލަތެއްގައި ފަނޑިޔާރުގެތައް މިނިވަންވާނެ ކަމަށް ޤަބޫލެއްނުކުރަން: ޝާހީން ހަމީދު
ރާއްޖޭގައި ޝަރުއީ މިނިވަން ނިޒާމެއް ގާއިމުކުރަން ޖެހޭނެ
މިނިވަން ޝަރުއީ ނިޒާމެއް ހޯދުމަށް އެހެން ވަކީލުންވެސް މަސައްކަތް ފެއްޓެވުމަށް ގޮވާލަން
އުއްތަމަފަނޑިޔާރުގެ އިތުރުން އިތުރު ފަނޑިޔާރެއް ރަހީނުކުރެވިފައި

އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރުން ރަހީނުކޮށް ކޯޓުތައް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އޮތް ހާލަތެއްގައި ފަނޑިޔާރުގެތައް މިނިވަންވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް ޝާހީން ހަމީދު ވިދާޅުވެއްޖެއެވެ.

ޕްރިމިއަރ ޗެމްބާސް ޓުވިޓަރ އެކައުންޓުން ޝާހީން ހަމީދު ހޯމަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ޝަރުއީ މިނިވަން ނިޒާމެއް ގާއިމުކުރަން ޖެހޭނެ ކަމަށާއި މިނިވަން ޝަރުއީ ނިޒާމެއް ހޯދުމަށް އެހެން ވަކީލުން ވެސް މަސައްކަތް ފެއްޓެވުމަށް ގޮވާލައްވާ ކަމަށެވެ.

މީގެ އިތުރަށް ޝާހީން ހަމީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ވަކީލް މައުމޫން ހަމީދުއާ އިބްރާހީމް ޝަމީލުއާ އައިމިނަތު އަމަތުﷲ ގެ އިތުރުން ވަކީލް ހަސަން މައާޒް ޝަރީފްއާ ޑރ. މުހައްމަދު އިބްރާހީމްއާ އާއިޝަތު ޝިފާލާ ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން، ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ނުހިމެނޭ މާއްދާތައް ކަމުގައިވާ ޤާނޫނުއަސާސީގެ 99 ވަނަ މާއްދާއާއި، 100 ވަނަ މާއްދާއާއި، 101 ވަނަ މާއްދާއާއި، 113 ވަނަ މާއްދާއާއި، 145 ވަނަ މާއްދާގެ (ނ) އާއި، 228 ވަނަ މާއްދާ ވަގުތީގޮތުން ހިފަހައްޓާފައިވުމަކީ ޤާނޫނުއަސާސީގެ 254 ވަނަ މާއްދާއާ ޚިލާފުކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީން ލިބިދީފައިވާ ބާރުތައް ޤާނޫނުއަސާސީއާ ޚިލާފަށް ނިގުޅައިގަނެވިފައިވާކަން ވެސް ބަޔާނުގައި ވަކީލުން ވަނީ ފާހަގަކުރައްވާފައެވެ.

އިތުރުން، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޤާނޫނުއަސާސީގެ 113 ވަނަ މާއްދާއާ 145 ވަނަ މާއްދާގެ (ނ) އިން ލިބިދީފައިވާ ބާރުތައް ހިފަހައްޓާފައިވަނީ ޤާނޫނުއަސާސީގެ 254 ވަނަ މާއްދާއާ ޚިލާފަށްކަން ތަކުރާރުކޮށް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ޤާނޫނުއަސާސީއާ ޤާނޫނު މާނަކުރުމާއި ޝަރީޢަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ ފަހުގެ ނިންމުންކަމަށް ބަޔާންކޮށްފައި އޮންނަ އޮތުން ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުން ހިފެހެއްޓުމަކީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުގެ ސައްޙަކަމާމެދު އުފެދޭ ޚިލާފަކާމެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރު ޤާނޫނުއަސާސީއާ ޚިލާފަށް ހިފެހެއްޓުންކަން ވެސް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން 5 ފެބްރުއަރީ 2018 ގައި ނެރުއްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރުމާގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ޢަމަލު ކޮށްފައިވާ ގޮތަށް ބަލާއިރު ޤާނޫނުއަސާސީއާ ޤާނޫނުތަކުގެ ޙުދޫދުގެ ބޭރުން ޢަމަލުތަކެއް ހިންގާފައިވާކަމުގެ ޝަކުވާތަކާއެކު އެކަމުގެ ކަންބޮޑުވުން އިންތިހާ ދަރަޖައަކަށް އޮތް ކަމަށާއި ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ބަންދުކުރެވިފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ ކަނޑައެޅިގެން ޚިލާފަށް ޣައިރު ޤާނޫނީ ގޮތުން ކަމަށްވެސްވެއެވެ.

އިސްވެ ދަންނަވާފައިވާ ސަބަބުތަކަށްޓަކައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (ނަންބަރު 2018/3) އަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 254 ވަނަ މާއްދާއާ ޚިލާފު ޤަރާރެއް ކަމަށް ވަކީލުން ދެކިވަޑައިގަންނަވާ ހިނދު، އެ ޤަރާރު ތަންފީޛުކުރެވި އޭގެ މައްޗަށް ބިނާކޮށް އަޅުއްވާފައިވާ އެންމެހާ ފިޔަވަޅުތަކަކީ ބާޠިލް ފިޔަވަޅުތަކެއްކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް ގެނައުމަށާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ނުވަތަ އެހެން ކޯޓެއްގެ ފަނޑިޔާރުންގެ މައްޗަށްވިޔަސް ޖިނާއީ އެއްވެސް ކުށެއްގެ ތުޙުމަތުކުރެވޭނަމަ ޤާނޫނުއަސާސީއާ ޤާނޫނޫތަކުގެ އިމުގެ ތެރެއިން އިޖުރާޢަތުތަކާ އެއްގޮތްވާގޮތުގެމަތީން އެ މައްސަލަތައް އިންސާފުވެރިކަމާ، ހާމަކަމާ، ހަމަހަމަކަމާއެކު އަވަސްގޮތެއްގައި ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށާއި، ޝަރުޢީ ކޯޓުތަކުގެ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށާއި އެއްވެސް ބާވަތެއްގެ ނުފޫޛެއްވިޔަސް ނުފޯރުވުމަށާ، ޤާނޫނުއަސާސީން ދިވެހި އެންމެހާ ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކަށް އިޙްތިރާމްކޮށް އެ ޙައްޤުތައް ކުރިއެރުވުމަށާއި ޤާނޫނުގެ ވެރިކަން (rule of law) ނެގެހެއްޓުމަށް ދިވެހިރާއްޖޭގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންތަކެއްގެ ޙައިސިއްޔަތުން ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

 

 

 

 

 

 

 

- ކޮމެންޓް