ފާސް ވިޔަސް ނުވިއަސް ގައުމުގެ ހާލަތަށް ބަދަލެއް ނާންނާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ކުރައްވަން ބޭނުންފުޅުވާ ކަމެއް ކުރައްވާނެ ކަމަށް ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޕީޕިއެމް އޮފީހުގައި ބޭއްވި ޕްރެސް ކޮންފްރެންސްގައި އަބްދުއްރަހީމް ވިދާޅުވީ، މި ގަރާރު ފާސް ކުރުމަކުން ނުވަތަ ނުކުރުމަކުން ސަރުކާރަށް ލިބޭ އެއްވެސް ގެއްލުމެއް ނެތް ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"މި ގަރާރު ފާސް ކުރުމަކުން ނުވަތަ ނުކުރުމަކުން ވެސް ހާލަތަށް އެއްވެސް ބަދަލަށް އަންނާނެ ކަމެއް ނޫން. މި ގަރާރު ފާސް ނުކޮށްގެން މާދަމާ މުއްދަތު ހަމަވެއްޖެ ނަމަ، މިހާލަތު ދަމަހައްޓަން ބޭނުންވާ ކަމުގައިވާ ނަމަ ރައީސުލްޖުމްހޫރިއްޔާއަށް އެބަ އޮތް އަނެއް ފަރަނަ ދުވަސް ކުއްލި ހާލަތު އަނެއްކާ އިއުލާނު ކުރުން. ނުވަތަ 15 ދުވަހަށް ވެސް އިއުލާނު ކުރެވޭނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ގަރާރު ފާސް ވުމާއި ނުވުން މިއީ، ރައީސުލްޖުމްހޫރިއްޔާއަށް ގޮތް ހުސްވެވަޑައިގަތުން ކަމަށް އިދިކޮޅު ފަރާތްތަކުން ހީ ނުކުރުމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ފާސް ވުމާ ނުވުން މިއީ ހަމަހަމަ ހައްލެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ކުރައްވަން ބޭނުންފުޅުވާ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ގަރާރުގެ ސައްހަކަމެއް ވެސް ނުގެއްލޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް މިހެން ހާމަކޮށްފައިވާ އިރު ކުއްލި ނުރައްކަލުގެ ހާލަތު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ބަޔާންކޮށް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި މައްސަލަ ކޮމެޓީން ފާސްކުރި ނަމަވެސް އެމައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކުރުމަށް ފަހު ނޫނީ އެއަށް އަމަލެއް ނުކުރެވޭނެއެވެ.