ކުއްލި ނުރައްކަލުގެ ހާލަތު ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ފާސްކޮށްފިއެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހަށް އިއުލާން ކުރުމާއި މުއްދަތު 30 ދުވަހަށް އިތުރުކުރުމަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ދިރާސާ ކުރުމަށް ފަހު ފާސްކޮށްފައި ވަނީ ކޮމެޓީގެ އެ ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުން ކަމަށެވެ.
Kulli Nurakkaluge Haalathu Bayaan Koh Raeesul Jumhooriyyaa Majlis ah Fonnuvvi Massala Majileehuge Qaumee Salaamathee Committee ge Aulabiyyathun Faasa Kohffi!
— Ahmed Nihan (@ahmed_nihan) February 19, 2018
ގައުމީ ސަލާމަތުގެ އެ ކޮމެޓީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް އެ މެމްބަރުން ވާހަކަދައްކަވާފައި ވަނީ ރައީސް ޔާމީން ހުށަހެޅުއްވި ހުށަހެޅުއްވުމާ ދެކޮޅަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ބަޔާންކޮށް ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި މައްސަލަ ކޮމެޓީން ފާސްކުރި ނަމަވެސް އެމައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ފާސްކުރުމަށް ފަހު ނޫނީ އެއަށް އަމަލެއް ނުކުރެވޭނެއެވެ.
ސަރުކާރުން އިއުލާން ކޮށްފައިވާ މި ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުންގެ އަސާސީ ހައްގުތަކެއް އެކުލެވޭ ގޮތަށް ގާނޫނުއަސާސީގެ ގިނަ މާއްދާތަކެއް ވެސް ސަސްޕެންޑް ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެކެވެ. އަދި މިއީ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމްވާ ކަމެއް ކަމަށްވާއިރު، މިފަދަ އެއްވެސް އެއްޗެއް ރައްޔިތުންގެ މަޖިލީހުން ފާސްވާނީ މުޅި މަޖިލީހުގެ މެޖޯރިޓީ މެމްބަރުންނަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަކުންނެވެ. މާނައަކީ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 85 މެމްބަރުންނެވެ. އެހެންކަމުން މިފަދަ މައްސަލައަކަށް ވޯޓަށް އަހާއިރު މަދުވެގެން 43 މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބަވަން ޖެހެއެވެ.
މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އަތްމަތީގައެވެ.