ކ. މާލެ
|
19 ފެބްރުއަރީ 2018 | ހޯމަ 16:29
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިން ބައްދަލު ވުމުގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިން ބައްދަލު ވުމުގެ ތެރެއިން
މުހައްމަދު ފަޒީން
އިދިކޮޅު ކޯލިޝަން
ރައީސް ޔާމީން ހައްޔަރު ކުރުމަށް ސަލާމަތީ ހިދްމަތްތަކަށް އިބޫ ގޮވާލައްވައިފި
ސަލާމަތީ ހިދްމަތްތަކުން ފުރަތަމަ ކުރަންވީ ކަމަކީ ރައީސް ޔާމީން ހައްޔަރު ކުރަންވީ: އިބޫ
ސަލާމަތީ ހިދްމަތްތަކުގެ ވެރިން ގާނޫނުއަސާސީ ނަގަހައްޓަން ޖެހޭ
ރައީސް ޔާމީންއަކީ ގާތް ބޭފުޅުންގެ ބޭނުން ހިއްޕެވުމަށްފަހު، ލަނޑު ދެއްވާ ބޭފުޅެއް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކޮށް ތަހުގީގު ހިންގުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ގޮވާލައްވައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން އެމްޑީޕީގެ އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ ތަކުރާރުކޮށް ރައީސް ޔާމީން ގެންދަވަނީ ގާނޫނުއަސާސީއާ ހިލާފުވަމުން ކަމަށާއި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހައްދަވާ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފަ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ސަލާމަތީ ހިދްމަތަކުން ފުރަތަމަ ކުރަންވީ ކަމަކީ ރައީސް ޔާމީން ހައްޔަރުކުރައްވާ އެމަނިކުފާނުގެ މައްޗަށް ތަހުގީގު ހިންގުން ކަމަށެވެ. 

"ސުޕްރީމް ކޯޓުގެ ހުކުމެއް ތަންފީޒު ކުރުމަށް އެއްވެސް މީހަކު ހުރަސް އަޅައިގެން ނުވާނެ. އެމީހަކު ހިފާ ހައްޔަރު ކުރަންޖެހޭ. އެއީ ރައީސް ޔާމީން ކަމަށް ވިޔަސް، މިވަގުތު ސިފައިންނާއި ފުލުހުން އެންމެ އަވަހަށް ކުރަންވީ ކަމަކީ ރައީސް ޔާމީން ހިފާ ހައްޔަރު ކުރުން. ތަހުގީގުކޮށްފަ ޝަރީއަތަށް ފޮނުވަންވީ. އެނޫންކަމެއް ނޫން ކުރަންވީ. މިއަދު މިގައުމަށް ދިމާވެގެން އުޅޭ މައްސަލައަކީ ރައީސް ޔާމީން ގާނޫނީ އިމުން ބޭރަށް ނިކުމެވަޑައިގެން ހުންނެވުން. ހުކުމްތައް ތަންފީޒު ނުކުރުން،" އިބޫ ވިދާޅުވި އެވެ. 

މި މައްސަލައާ ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ފެބްރުއަރީގައި 1 ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން ކުރި އަމުރު ތަންފީޒު ކުރަން ފުލުހުން މަސައްކަތް ކުރެއްވި ކަމަށެވެ. 

"ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ރައީސް ޔާމީން ކުރައްވާ ކަންތައްތައް، ރަނގަޅު ޕްރޮފެޝަނަަލް ފުލުހުންގެ މުއައްސަސާއެއްނަމަ މިހާރު ރައީސް ޔާމީން ހައްޔަރު ކުރާނެ. ރައީސް ޔާމީން ހައްޔަރުކޮށް، ރައީސް ޔާމީންގެ މައްސަލަ ބަލާނެ. އުއްތަމަ ފަނޑިޔާރެއް ނޫން ހައްޔަރު ކުރާނީ. ފަނޑިޔާރު އަލީ ހަމީދުއެއް ވެސް ނޫން ހުންނަވާނީ ޖަލުގައި. މިއަދު މިއުޅެނީ ތަންފީޒީ އިދާރާތަކުން އެކަން ނުކޮށްގެން. ފުލުހުންގެ ތެރެއިން އެކަން ކުރަންވެސް އުޅުނު... ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަރީފް އާއެެކު ޑެޕިއުޓީ ކޮމިޝަނަރ ސައުދީވެސް އަދި އެނގިފައި އޮތްގޮތުގައި ގާނޫނީ ވަކީލުންގެ ލަފަޔާއެކު ފުލުހުންގެ އެގްޒެކެޓިވް ބޯޑު އެއްކޮށް އުޅުނު ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން އުޅުނު،" އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އަމުރު ނެރުމާއެކު ފުލުހުންގެ ބުނެފައި ވަނީ ގާނޫނީ ލަފާގެ މަތިން އެ އަމުރު ތަންފީޒު ކުރަން އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަރީފްއާއި އޭރުގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ ނިންމައިފި ކަމަށެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ އަރީފު މަގާމުން ދުރުކޮށް ޕޮލިސް ހިންގެވުން ސައުދީއާ ހަވާލު ކުރި އެވެ. އޭގެ ފަހުން ސައުދީ ވެސް މަގާމުން ވަކިކޮށް، ޕޮލިސް ހިންގެވުމަށް އަބްދުﷲ ނަވާޒާ ހަވާލުކުރެއްވެވި އެވެ. 

ރިޔާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އުޅުއްވާ ސަލާމަތީ ހިދްމަތްތަކުގެ އޮފިޝަރުން އެކިއެކި ތަންތަނަށް ބަދަލުކޮށް މަގާމުވެސް ބަދަލު ކުރަމުންދާ ކަމަށެވެ. ނަމަވެސް ރިޔާޒު ވިދާޅުވީ ދެން އެމަގާމުތަކާ ހަވާލުވާ ފަރާތްތަކުންވެސް ވިސްނަންޖެހޭ ކަމަށާއި ރައީސް ޔާމީންއަކީ އެކިއެކި މުއައްސަސާތަކުގެ އިސްވެރިންގެ ބޭނުން ހިއްޕެވުމަށްފަހު އެ ބޭފުޅުންނަށް ލަނޑު ދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން މިހާރުވެސް އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ފަނޑިޔާރުންނާއި ސަރުކާރުގެ ކުރީގެ މިނިސްޓަރުންނާއި ސަލާމަތީ ހިދްމަތްތަކުގެ އިސް ބޭފުޅުންނާއި ގާތް ރަހުމަތްވެރިންވެސް އެ ތިއްބެވީ ޖަލުގައި ކަމަށެވެ. 

- ކޮމެންޓް