ދިވެހި ރާއްޖެ މި ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި ކަމަށާއި މިއަދު ގާނޫނު އޮތީ އެމީހަކު ދަމާނެ ދިމާލަކަށް ދަމަން އޮތް "ރަބަރެއްގެ" ގޮތުގައި ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ދައުރުން ބޭރުން ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިލެކްޝަން ކޮމިޝަނުން ގޮނޑިގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެމްބަރުންނަން މަޖިލީހުގެ ޖަލްސާގައި ބައިވެރިވަޑައިނުގެންނެވުމުން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ސައުދުﷲ ވިދާޅުވީ ގާނޫނު ނަގަހައްޓަން ތިބި ފަރާތްތަށް އަމަލުކުރަން ޖެހޭނީ ރައީސް ޔާމީންގެ ސަރުކާރުން އަންގާ އެންގުންތައް ތަންފީޒުކުރުމަށް ނޫން ކަމަށެވެ. ސްޕްރީމް ކޯޓުގެ އެއްވެސް އަމުރެއްގައި އަދި ގާނޫނަކުން ވެސް އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ގޮނޑިގެއްލުނުކަން ކަނަޑައަޅާފައި ނެތްކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވީ ގޮނޑިގެއްލިއްޖެ ކަމަށް ބުނާ 12 މެމްބަރުންނަން މަޖިލީހަށް ވަދެވަޑައިގެންނެވެންޖެހޭނެ ކަމަށެވެ.
"މިހާރު ގާނޫނު މި އޮތީ ރަބަރަކަށްވަފައި، އެމީހަކު ދަމާނެ ދިމާލަކަށް ދަމަން. ދަމާނެ ގޮތަކަށް ދަމަން ހެދިފައި އޮތް އެއްޗަކަށް ގާނުނުވެފައި މި ވަނީ. އެހެންވީމަ ގާނޫނު ނަގަހައްޓައި ދަމަހައްޓަން ތިބި ބައެއްގެ ކިބައިން އަޅުގަނޑު އެދެން، މިކަން ހައްލުކޮށްދިނުމަށް،" ސައުދުﷲ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ނެރުނު ވަގުތީ ކޯޓު އަމުރުގައި ބުނެފައި ވަނީ ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވާ ބަޔަށް އަމަލުކުރުން މަޑުޖައްސާލުމަށެވެ. ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފައި ވަނީ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަން، ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުން ސާފު ކަމަށެވެ.
"ސްޕްރީމް ކޯޓުގެ އަމުރެއް ކަމަށް ބެލެވޭ އެއްޗެއް ނުކުމެފައި މި އޮތީ، އެއީ އެބޭފުޅުންގެ ސޮއެއް ވެސް ނެތް، ގާބޫލެއް ނުކުރެވޭ އެއީ އެންމެ ފުރިހަމަ އެއްޗެއް (އަމުރެއް) ކަމަށް، އަޅުގަނޑުމެންގެ ވަކީލުން ، ނުވަތަ ޕާޓީތަކުގެ ބޭފުޅުން އެކަމާ އެބަ އުޅުއްވާ، ގާބޫލުކުރައްވަންޖެހޭނެ 1 ފެބްރިއަރީގައި ނެރުއްވި އަމުރުގައި ވެސް ފަސް ފަނޑިޔާރުގެ އިއްތިފާގުން ސޮއިކުރައްވާފައި ވަނީ، މިހާރު ސްޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުން ވެސް އެބަ އޮތް އޭގައި ސޮއިކޮށްފައި،" ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެހެން ކަމަށް ވާނަމަ އެ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވަން ޖެހޭ ކަމަށާއި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވާ ނަމަ މަޖިލީހުގެ ޖަލްސާއަށް ހާޒިރުނުވީ ކީއްވެގެންތޯ ސުވާލު ކުރާނެ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރު ކުރުމަށް ރައްޔިތުންގެ ދައުރުން ބޭރުން ބޭއްވި ޖަލްސާ އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓްކޮށްފައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރަންޖެހޭ ކަމެއް ކަމުން، މަޖިލީހުން މިކަމަށް ވޯޓަށް އަހާއިރު ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުން 43 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބަވަން ޖެހޭ ކަމަށެވެ. ހޯމަ ދުވަހު ބޭއްވި ޖަލްސާއަށް ހާޒިރުވެވަޑައިގެންފައި ވަނީ ސަރުކާރަށް ތާއިދު ކުރައްވާ 39 މެމްބަރުންކަން ކަމަށް ވުމުން އެ ޖަލްސާއަކީ ޢައިރު ގާނޫނީ ޖަލްސާއެއް ކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ.