ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މަޖިލީހަށް ލިބިގެންވާ ބާރާއި އަދުލް އިންސާފުގެ ދާއިރާއަށް ލިބިގެންވާ ބާރުތައް ހިފެހެއްޓިދާނެ ކަމުގެ ވާހަކައަކީ ގާނޫނީ ގޮތުން އެހާ ފަހޭސައިން ދެކެވޭނެ ވާހަކައެއް ނޫން ކަމަށް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކުއްޓި) ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ދައުރުން ބޭރުން ކުރިއަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން، ޕީޕީއެމްގެ މެންބަރު ނަޝީދު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ ބާރު ރައީސަކަށް ހުންނަ ފަރާތަކަށް ލިބިގެންވާ ކަމަށާއި ނަމަވެސް އެ ބާރުގެ ތެރެއިން ވެސް ލިބިވަޑައިގަންނަވަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ބައެއް ގާނޫނުތައް ހިފެހެއްޓުމުގެ ބާރު ކަމަށެވެ. އެކަމަކަށް ގާނޫނީ ގޮތުން ދެއްކޭނެ ހުއްޖަތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެން ނަމަވެސް އަޅުގަނޑު މި ހިތަށް އަރަނީ މި ގަރާރުގައި އެބަހުއްޓޭ ބައެއް މާއްދާތައް ރައްޔިތުންގެ މަޖިލީހާއި ގުޅުން ހުރި މާއްދާ އާއި އަދަލު އިންސާފުގެ ބާރާއި ގުޅުން ހުރި މާއްދާތައް. އެހެންވީމަ ކުއްލު ނުރައްކަލުގެ ހާލަތުގައި މަޖިލީހަށް ލިބިގެންވާ ބާރާއި އަދުލް އިންސާފަށް ލިބިގެންވާ ބާރުތައް ހިފެހެއްޓުން އެއީ އެހާ ފަސޭހަ އިން ދެކެވޭނެ ވާހަކައެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީގެ 99 މާއްދާ އާއި 100 އަދި 101 އެއްވަނަ މާއްދާ އާއި 113 އާއި 228 ވަނަ މާއްދާއާ މެދު ކޮމިޓީގައި ދެވަނަ ނަޒަރަކުން މަޝްވަރާ ކުރުން މުހިއްމު ކަމަށެވެ. މިކަން ކޮށްފި ނަމަ ގާނޫނީ ގޮތުން މުހިއްމު ސުވާލަކަށް ޖަވާބު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ގާރަރެއް އޮތް ގޮތަށް ފާސް ކުރުމާއި އެއިން ބައެއް ފާސް ކުރުމުގެ ބާރު ވެސް މަޖިލީހުގެ މެންބަރުންނަށް ލިބިގެންވާ ކަމަށެވެ.
ގާނޫނު އަސާސީގެ 99 ވަނަ މާއްދާއަކީ ކޯޓަށް މީހުން ހާޒިރު ކުރުމާ ގުޅޭ މާއްދާ އަށް ވާއިރު 100 ވަނަ މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކި ކުރުން ވެސް ހިފަހައްޓާފައެވެ. މީގެ އިތުރުން 101 ވަަނަ މާއްދާގައި ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމާއި ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅޭ މާއްދާއެވެ. މީގެ އިތުރުން ގާނޫނު އަސާސީގެ 228 ވަނަ މާއްދާއަކީ ޕްރޮސެކިއުޓަރ ޖެނެރަލް މަގާމުން ވަކި ކުރުމުގެ މާއްދާއެެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ރައީސް ނެރުއްވި ގަރާރަށް ސީދާ ގޮތެއްގައި ނަޝީދު ފާޑު ވިދާޅުނުވި ނަމަވެސް އޭގައި ހުރި ބައެއް ކަންކަމާ މެދު ވަނީ ސުވާލު އުފައްދަވާފައެވެ.