ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށް އިތުރު 30 ދުވަސް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ކަމަށް ބުނެ، ހާއްސަ ޖަލްސާއެއް ހޯމަ ދުވަހު ބާއްވާ މި ޖަލްސާގައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަޖިލީހަށް ހުށަހަޅުއްވާފައިވާ ސިޓީ އިއްވާ ދެއްވާފައިއެވެ.
މާދަމާ އަށް ހަމަވާ 15 ދުވަހުގެ މުއްދަތަށް 30 ދުވަސް އިތުރުކުރުމަށް ރައީސް ޔަމީން ހުށަހެޅުއްވި ހުށަހެޅުއްވުމާ އެކު ފާސްވެއްޖެނަމަ ކުއްލި ހާލަތު ޖުލްމަ 45 ދުވަަަހަށް ދެމިގެންދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުން ނުވައްދައި ޖަލްސާ ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކުން ވަނީ ޖަލްސާ ބޮއިކޮޓްކޮށްފައެވެ. ޖަލްސާގައި ތިއްބެވީ ސަރުކާރަށް ތާއިދުކުރާ 39 މެންބަރުންނެވެ.
ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު އޮތް ހާލަތު އަދިވެސް އެބައޮތް ކަމަށާއި އެހެންކަމުން މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށް އިތުރު 30 ދުވަހުގެ މުއްދަތު އިތުރު ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާ ކަމަށެވެ.
ގާނޫނުއަސާސީގެ ބޭނުން ކެނޑިގެންދާނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ވިދާޅުވެ، މުޅި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައި ވަނީ މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.
ރައީސް ޔާމީން މަޖިލީހަށް ފޮނުއްވި މިމައްސަލަ ހޯމަ ދުވަހުގެ ޖަލްސާގައި އެ މައްސަލައަށް ބަހުސް ކުރުމަށް ފަހު، އެމައްސަލަ މިވަނީ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވާފައެވެ.
ގައުމީ ސަލާމަތުގެ ކޮމެޓީއަށް އެމައްސަލަ ދިރާސާ ކުރުމަށް ފޮނުވުމަށް ފާސްކޮށްފައި ވަނީ 38 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރު ވަނީ މަޖިލީހުގެ މިޖަލްސާ ބޮއިކޮޓް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ގާނޫނުއަސާސީގެ 20 މާއްދާއަކުން ރައްޔިތުންނަށް ކަށަވަރުކޮށް ދޭ ހައްގުތަކާއި މުއައްސަސާތަކަށް ލިބިގެންވާ ބާރުތައް ވަނީ ހިފަހައްޓާފައެވެ. ހިފަހައްޓާފައިވާ ހައްގުތަކުގެ ތެރޭގައި ޒާތީ ދިރިއުޅުމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި އެއްވެ އުޅުމުގެ ހައްގާއި ސުޕްރީމް ކޯޓުގެ ބާރުތައް ހިފެހެއްޓުން ހިމެނެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށްފަހު ވަނީ ސުޕްރީމް ކޯޓުގެ ބާރުތައް އެކޯޓަށް ދޫކޮށްލާފައެވެ.
ކުއްލި ނުރައްކަލުގެ ގަރާރުން ހިފެހެއްޓި މާއްދާތައް:
މާއްދާ 24: ޒާތީ ދިރިއުޅުން
 މާއްދާ 29: މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން
 މާއްދާ 31: ހަޅުތާލުކުރުމުގެ ހައްގު
 މާއްދާ 32: އެއްވެއުޅުމުގެ މިނިވަންކަން
 މާއްދާ 43: އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައްއެޅުން
 މާއްދާ 44: ޝަހްސީ ޒިންމާ
 މާއްދާ 45: ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން
 މާއްދާ 46: ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު
 މާއްދާ 47: ހިފެހެއްޓުމާއި ފާސްކުރުމާއި މުދާ އަތުލުން
 މާއްދާ 49: ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން
 މާއްދާ 50: އަވަހަށް މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުން
 މާއްދާ 56: އިސްތިއުނާފުކުރުމުގެ ހައްގު
 މާއްދާ 58: ބަދަލު ލިބިދިނުން
 މާއްދާ 65: ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގު
 މާއްދާ 99: ރައްޔިތުން މަޖިލީހަށް މީހުން ހާޒިރުކުރުން
 މާއްދާ 100: ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން
 މާއްދާ 101: ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓް
 މާއްދާ 113: ސުޕްރީމްކޯޓުގެ ނިންމުން
 މާއްދާ 228: ޕްރޮސިކިއުޓާ ޖެނެރަލް މަގާމުން ވަކިކުރުން
 145ވަނަ މާއްދާގެ (ނ): ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން
މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ދެ ވަނަ ފަހަރެވެ.
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ އެކު 48 ގަޑިއިރުގެ ތެރޭގައި އެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. ނަމަވެސް އެ މުއްދަތުގައި މަޖިލީހަށް ހުށަހެޅުމެއް ނެތި ރައީސް ޔާމީން މިވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތު އިތުރު ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ގާނޫނުއަސާސީގެ 257 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ވަގުތަކީ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ވެސް ހިމަނައިގެން 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.