ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 21:28
ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިއުމަށް ހުސެއިން ކާރަށް އަރުވަނީ
ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިއުމަށް ހުސެއިން ކާރަށް އަރުވަނީ
ރާއްޖެއެމްވީ
ނޫސްވެރިންނަށް އަނިޔާކުރުން
މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!
 
ފުލުހުން ވަނީ ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާދީފައި
 
ހުސެއިން ދެއްކީ ނޫސްވެރިކަމުގެ ނަމޫނާ
 
ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅަމުންދިޔަ ނަމަވެސް، ހުސެއިން ދިޔައީ ހައްޔަރު ކުރުމާއި ހަމަޔަށް ވަގުތުން މައުލޫމާތު ގެނެސްދެމުން

ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑު މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވަމުން ދަނިކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން ފުލުހުން ހައްޔަރު ކުރީ، މުޒާހަރާ އާ ގުޅޭ މައުލޫމާތުތައް ޓީވީ އިން ވަގުތުން ގެނެސްދެމުން ދަނިކޮށެވެ.

ހުސެއިން ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، ހުސެއިންގެ އެތެރެހައްޓަށް އަނިޔާވެފައިވާ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.

ދިއެފްއެމް ރޭޑިއޯ އިން ނޫސްވެރިކަމުގެ ތެރެއަށް ނިކުތުމަށް ފަހު، ގިނަ ދުވަސްތަކެއް ވަންދެން ސަން އޮންލައިންގައި މަސައްކަތް ކުރުމަށްފަހު ރާއްޖެޓީވީ އާ ގުޅުނު ޒުވާން އަދި ހުނަރުވެރި ނޫސްވެރިޔާ އަށް ފުލުހުންގެ ފަރާތުން ދީފައިވާ އަނިޔާތަކަކީ ރާއްޖޭގެ ނޫސްވެރިކަމަށް ފުލުހުން ދިން ހަމަލާއެއްގެ ގޮތުގައި ގަބޫލް ކުރެވެއެވެ.

ރާއްޖެޓީވީގެ ނޫސްވެރިޔެއްގެ ގޮތުގައި ހުސެއިން ފާހަގަވެފައި ވަނީ ނޫސްވެރިކަމުގެ ތަޖުރިބާގެ ގޮތުން ދޮށީ އެތަކެއް ނޫސްވެރިންނަށް ދޫނުކުރާ ހުނަރުވެރި އަދި ތަފާތު ނޫސްވެރިޔެއްގެ ގޮތުގައެވެ. ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ހިނގަމުންދާ ކަންކަމުގެ ޚަބަރުތައް ގެނެސްދިނުމާއި ބެލުންތެރިން ޝައުގުވެރިކަން އަތުލި އެތައް ރިޕޯޓަކާއެކު ހުސެއިން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ ގިނަ ބައެއްގެ އިތުބާރާއި ލޯބި ހޯދާފައެވެ. ހުސެއިން ފާހަގަވެފައިވަނީ މަސައްކަތުގައި ހިތްވަރުގަދަ، ޖެހިލުންކުޑަ ނޫސްވެރިޔެއްގެ ގޮތުގައެވެ. ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ނިއުޅެމުންދާ ޚަބަރުތައް ރާއްޖެޓީވީގެ ބެލުންތެރިންނާއި ހަމަޔަށް ވަގުތުން ގެނެސްދިނުމުގައި މެދުނުކެނޑި ހުސެއިން ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން މީގެ ކުރިންވެސް ތަފާތު ދުއްތުރާތައް ހުސެއިން އަށް ކުރިމަތިކޮށްފައިވެއެވެ. އެހުރިހާ ކަންކަމާއި ނޫސްވެރިކަމަށް ރާއްޖޭގައި މިވަގުތު އޮތް ދަތި މާހައުލުގައިވެސް ހުސެއިން ވަނީ ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ތަފާތު ހިތްވަރެއް ދައްކާފައެވެ.

ހުސެއިން ހައްޔަރު ކުރުމުގެ ކުރިން މުޒާހަރާ ކަވަރު ކުރުމަށް މަސައްކަތްކުރި ނޫސްވެރިންނަށް ފުލުހުން ދިޔައި ތަކުރާރުކޮށް ހުރަސް އަޅަމުންނެވެ.

އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ހަރަކާތްތެރިވި ފުލުހުން، މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުން ގޮސް އާޓިފިޝަލް ބީޗް ސަރަހައްދުން ބޭރު ކުރުމާއެކު މުޒާހަރާގެ ބައިވެރިން ދެން ނިކުމެފައިވަނީ މަގުމައްޗަށެވެ. މުޒާހަރާގެ ބައިވެރިން މަގުތަކަށް ނިކުތުމާއެކު، ފުލުހުން ވަނީ މަގުމަތީ ކުރިއަށް ގެންދިޔަ ހަރަކާތްތައް ކަވަރު ކުރި ނޫސްވެރިންނަށް ހުރަސް އަޅާފައެވެ. އެގޮތުން އެއްވުމުގެ ބައިވެރިން ތިބި ސަރަހައްދުތަކާއި ދުރަށް ނޫސްވެރިން ފޮނުވާލުމާއި، އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިންނަށް ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅާފައިވެއެވެ.

ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅަމުންދިޔަ ނަމަވެސް، ހުސެއިން ދިޔައީ މުޒާހަރާ އާ ގުޅޭ މައުލޫމާތު އާއްމުންނަށް ވަގުތުން ފޯރުކޮށްދެމުންނެވެ. މުޒާހަރާގެ މަންޒަރުތައް ޓީވީ އިން ވަގުތުން ގެނެސްދެމުންދިޔައިރު، މުޒާހަރާގެ ޚަބަރުތައް ރިޕޯޓްކުރި ނޫސްވެރިޔާ ހުސެއިން އާ، މަންޒަރުތައް ގެނެސްދިނުމަށް ހަރަކާތްތެރިވި ކެމެރާމަނާއި ދެމެދަށް ފުލުހުން ވަދެ، ނޫސްވެރިޔާ އާ ކެމެރާމަން ވަކި ކުރުމަށް މަސައްކަތް ކުރި މަންޒަރު ފެނިގެންދިޔައެވެ.

ފުލުހުންގެ ފަރާތުން ފެނިގެންދިޔަ އެފަދަ މައުލޫމާތުތައް ހުސެއިން ގެނެސްދީފައިވެއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުންކޮށްގެން، ނޫސްވެރިކަމުގެ ވާޖިބު އަދާކުރަމުންދިޔަ ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅަމުންދާކަން ތަކުރާރުކޮށް ހުސެއިން ފާހަގަ ކުރަމުން ގެންދިޔަ އެވެ. މުޒާހަރާގެ ބައިވެރިން މަޖީދީ މަގާއި ޗާނދަނީމަގު ގުޅޭ ކަންމައްޗަށް އެއްވުމާއެކު، އެއްވުން ކަވަރު ކުރި ނޫސްވެރިން ފަހަތަށް ޖައްސަމުން ގޮސް ފުލުހުން އަމުރު ކުރަމުންދިޔައީ، ނޫސްވެރިން ފަހަތައް ޖެހުމަށެވެ. ފުލުހުންގެ އަމަލުތައް ފެންނަ ގޮތަށް ނޫސްވެރިން ފަހަތަށް ޖެހެމުންދަނިކޮށް، ފުލުހުން ދެން އަންގާފައިވަނީ ނޫސްވެރިން ފަހަތަށް އެނބުރި ކުރިއަށް ހިނގައިގަތުމަށެވެ. ފުލުހުންގެ އެންގުންތައް ޓީވީ މެދުވެރިކޮށް މަންޒަރާއެކު ހުސެއިން ގެނެސްދެމުންދަނިކޮށް، ލައިވް ކަނޑާލުމަށް ފުލުހުން އެންގި ކަމަށް ހުސެއިން ރިޕޯޓްކޮށްފައިވެއެވެ. ޓީވީ މެދުވެރިކޮށް މައުލޫމާތު ގެނެސްދެމުންދަނިކޮށް، ހުސެއިންގެ އަޑު ކެނޑުނެވެ. ލައިވް މަންޒަރުތަކާއެކު އަޑު ލިބެމުންދިޔަ ގޮތުން ސާފުވީ، ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމަށް ހުސެއިން އަށް ހުރަސް އަޅަމުންދިޔަ ކަމެވެ. އެގޮތުން، އެއްވުން ރިޕޯޓް ކުރުމަށް ހުސެއިން ބޭނުން ކުރި ރާއްޖެޓީވީގެ މައިކް ފުލުހުންނަށް އަތު ނުލެވޭނެ ކަމަށް ބުނެ، ހުސެއިން ތަކުރާރުކޮށް ފުލުހުންނަށް ދަންނަވާ އަޑު ލައިވްގެ ތެރެއިން އިވިގެންދިޔަ އެވެ. ހުސެއިންގެ އަތުން މައިކް އަތުލައި، ފުލުހުންގެ ހައްޔަރަށް ފުލުހުން ގެންދިޔުމާއި ހަމަޔަށް ހުސެއިން ދިޔައީ ނޫސްވެރިއެއްގެ ވާޖިބު އަދާކުރުމުގައި އާދަޔާ ޚިލާފް ހިތްވަރެއް ދައްކަމުންނެވެ. ހައްޔަރު ކުރުމާއި ހަމަޔަށް ވެސް ހުސެއިން ދިޔައީ ފުލުހުންގެ އެންގުންތަކަށް ފުރިހަމައަށް ކިޔަމަންވެ، ފުލުހުން އަންގާ ގޮތަށް އަމަލު ކުރަމުންދާ ކަމަށް ރިޕޯޓް ކުރަމުންނެވެ. އެމަންޒަރުތައް ޓީވީ މެދުވެރިކޮށް ވަގުތުން ގެނެސްދެމުންނެވެ.

ހުސެއިން ހައްޔަރު ކުރި މަންޒަރު ދުށް ފަރާތްތަކުން ވަނީ، ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

އެގޮތުން ހައްޔަރުކުރުމުގެ ތެރޭގައި ހުސައިންގެ މޫނަށް ޕެޕަރ ސުޕްރޭ ޖެހުމަށް ފަހު ފުލުހުންގެ ވެހިކަލް (އާންމު ބަހުން އައިސް ކްރީމް ލޮރީ) އަށް އެރުވުމުން އޭނާ ނޭވާ ހާސްވެގެން އެ ވާހަކަ ބުނުމުން ވެސް، ފަރުވާ ދިނުމަށް އަވަސްވުމުގެ ބަދަލުގައި "މަރުވެއްޖިއްޔާ ކަށުނަމާދު ކުރާނެ މީހުން ތިބޭނެ" ކަމަށް އެތަނުގައި ތިބި ފުލުހުން ބުނެފައިވެއެވެ. އަދި ވެހިކަލަށް އެރުވުމުގެ ތެރޭގައި ވެސް އެކި ވަރުގެ އަނިޔާ ދީފައިވެއެވެ.

ހުސެއިން ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތައް ސާފުވީ، އަވަސް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދިއުމުންނެވެ. ހުސެއިން ހައްޔަރު ކުރުމަށްފަހު، ހުސެއިންގެ ހާލު ދެރަވަމުންދިޔަ ނަމަވެސް ހުސެއިން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުންގެ ހެޑްކުއާޓަރަށް ގެންދިއުމަށްފަހުއެވެ. ފުލުހުންގެ ހެޑްކުއާޓަރަށް ހުސެއިން ވައްދާފައިވަނީވެސް އަތްދަނޑިމައްޗަށް ލައި އުފުލާލައިގެންނެވެ. ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިޔައިރު ހުސެއިންގެ ހޭވެރިކަމެއް ނެތެވެ. ހޮސްޕިޓަލަށް ގެންދިޔައިރު، ހުސެއިން އަށް ހުސެއިންގެ ހަށިގަނޑުގެ އެތައް މިތަނުގައި އަނިޔާގެ ނިޝާންތައް ފެންނަށް ހުއްޓެވެ. ހުސެއިންގެ އެތެރެ ހައްޓަށް އަނިޔާ ލިބިފައިވާކަން، ހޮސްޕިޓަލްގައި ހެދި ޓެސްޓުތަކުން ސާފުވެފައިވެއެވެ.

ހުސެއިންގެ އިތުރުން މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ރާއްޖެޓީވީ އާއި އެހެން މީޑިއާތަކުގެ ނޫސްވެރިން ހިމެނޭ ގޮތަށް، ފުލުހުންގެ އަމަލުތަކުގެ ސަބަބުން ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހިފައިވެއެވެ.  ހުކުރު ދުވަހު ހަވީރާއި ރޭގަނޑު މާލޭގައި ކުރިޔަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމުގެ ބަދަލުގައި މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ނޫސްވެރިން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމަކީ ފުލުހުންގެ ފަރާތުން މީގެ ކުރިން ފެނިފައިވާ މަންޒަރެއް ނޫނެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
9%
9%
55%
5%
23%
ކޮމެންޓް