ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 18:32
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫނު
ހެކި ފޮރުވަން އުޅުއްވިކަމުގެ ތުހްމަތުގައި ރައީސް މައުމޫނުގެ ބަޔާން ނަގައިފި
 
މައުމޫނު ހައްޔަރުކޮށްފައި މިހާރު ހުންނެވީ ދޫނިދޫގައި
 
ހައްޔަރުކުރި މައްސަލައާ ގުޅޭ ގޮތުން އަދި ސުވާލެއް ނުކުރޭ

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ މައްޗަށް ތުހްމަތުކުރާ މައްސަލާގައި އެމަނިކުފާނު ހެކި ފޮރުވަން މަސައްކަތް ކުރި ކަމަށް ތުހްމަތުކޮށް ފުލުހުން ތަހްގީގީ ބަޔާނެއް ނަގައިފި އެވެ.

ފަނޑިޔާރުންނަށް ރިޝްވަތުދީ، ގާނޫނާ ހިލާފަށް ގާނޫނީ ވެރިކަން ބަދަލުކުރުމަށް މަސައްކަތްކުރިކަމުގެ ތުހްމަތުގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫނުގެ ދިފާއީ ވަކީލު މައުމޫނު ހަމީދު ހޮނިހިރު ދުވަހު އެންދެރިމާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ރައީސް މައުމޫނު ހައްޔަރު ކުރި ތުހުމަތާ ގުޅޭ ގޮތުން ތަހްގީގުގައި އަދި ސުވާލެއް ނުކުރާ ކަމަށެވެ. މައުމޫނު ހަމީދުގެ ވިދާޅުވި ގޮތުގައި ރައީސް މައުމޫނު ހެކި ފޮރުވަން މަސައްކަތްކުރެއްވި ކަމަށް ތުހްމަތު ކޮށްފައިވަނީ އެމަނިކުފާނު ހައްޔަރުކުރުމަށް އެންދެރިމާގެ އަށް ފުލުހުން ދިއުމުން އަމަލުކުރެއްވި ގޮތައް ބަލައި ކަމަށެވެ. ނަމަވެސް ތުހްމަތު ކުރެވޭ މައްސަލައާ ގުޅޭ އެކަށީގެންވާ ތަފްސީލީ މައުލޫމާތެއް ނުދޭ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން ހެކި ފޮރުވިކަމުގެ ތުހްމަތާ ގުޅިގެން ރައީސް މައުމޫނު ވަނީ އެއްވެސް ޖިނާއީ ކުށެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެ ފުލުހުންނަށް ރައްދު ދެއްވާފައިކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.  

"އޭގައި ރައީސް މައުމޫނު ދެއްވީ ވަރަށް ސާފު ސީދާ ޖަވާބެއް. ތިމަންނައާމެދު ތިޔަ ފެށުނީސުރެއް އަމަލު ކުރަމުން އަންނަނީ ގާނޫނު އަސާސީއާ ގާނޫނާ ހިލާފަށޭ. ގާނޫނު ދެކެ ބިރުން ގާނޫނުތައް ފޮރުވައި، ހައްގުތަކުގެ ބިރުން ހައްގުތައް ކަފުންކޮށްފައި، ތިމަންނައާމެދު ޓޯޗަރގެ އަމަލުތައް ހިންގާކަމަށް ސިފަ ކުރެވޭ ގޮތަށް، އެ އިހްސާސްތަކެއް ވާގޮތަށް ކަން ކުރައްވާފައި ދެން މިއީ ގާނޫނީ ހަމަތަކުން ހިނގާ ތަހްގީގެއް ކަމަކަށް ތި ބޭފުޅުންނަށް ވިދާޅެއް ނުވެވޭނެ އޭ. ގާނޫނީ އިމުން ބޭރުން ހިނގާ ތަހްގީގެއް ކަމަށް ރައީސް މައުމޫނު ވިދާޅުވި ސާފު ސީދާ ބަހުން،" މައުމޫނު ހަމީދު ވިދާޅުވި އެވެ.

އަދި އެހެންމެ ހެކި ފޮރުވުމާ ގުޅޭ މައްސަލައިގައި ބަޔާން ނެގުމާއި ތަހްގީގު ކުރިއަށް ގެންދާނީ މިހާރު ސަސްޕެންޑްކޮށްފައި އޮތް ޖިނާއީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ފުލުހުން ވިދާޅުވި ކަމަށްވެސް މައުމޫނު ހަމީދު ފާހަގަ ކުރެއްވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އެކި ފަރާތްތަކާ މެދު އެކި ގޮތްތަކަށް އަމަލު ކުރަމުންދާކަމަށާއި ދައުލަތުގެ ބަންޑާރަ ނައިބާއި ޕްރޮސެކިއުޓާ ޖެނަރަލް ދައްކާ ވާހަކަ ވެސް ދިމާނުވާ ކަމަށް މައުމޫނު ހަމީދު ވިދާޅުވި އެވެ.

މައުމޫނު ހަމީދު އިތުރަށް ވިދާޅުވީ ރައީސް މައުމޫނު ހައްޔަރުކޮށް ދޫނިދޫ އާއި މާފުށީގައި ހައްޔަރުކޮށް ބަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ރައީސް މައުމޫނާމެދު ގާނޫނާ ހިލާފަށް އަމަލު ކުރަމުންދަނީ އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ބަލިކަށިކޮށްލުމަށް ކަމަށާއި އެހެން ނަމަވެސް ރައީސް މައުމޫނު ހުންނެވީ ސާބިތުކަމާއެކު ކަމަށެވެ.  

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރުކޮށްގެން އުޅޭ މިފަދަ ހާލަތެއްގައި އެމަނިކުފާނުގެ މައްޗަށް ތުހްމަތުކުރެވޭ މައްސަލާގައި ޝަރީއަތް ހިންގަފާނެ ކަމަށް ރައީސް މައުމޫނު ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް މައުމޫނު ހަމީދު ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
13%
0%
0%
75%
0%
13%
ކޮމެންޓް