ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 17:19
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު
ރާއްޖެއެމްވީ
ކުނޫޒް ޕްރެސް ކޮންފަރެންސް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވުން އެއީ އެންމެ ބޭނުންވާ ގޮތް: ސަމީރު
 
މިހާލަތުގައި ގައުމަށް ހައްލެއް ހޯދުމަށް އެންމެ ފަސޭހަވާނެ ބޭފުޅަކީ ގާސިމް
 
ރާއްޖޭގެ ހާލަތު ރަގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ އެއް ބޭފުޅަކީ ގާސިމް
 
ގާސިމް ނެރުމަށް ޖޭޕީން މަސައްކަތް ކުރާނަން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވުން އެއީ އެންމެ ބޭނުންވާ ގޮތް ކަަމަށް އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވުމަކީ ޖުމްހޫރީ ޕާޓީގެ ވަރަށް ބޮޑު އުންމީދެއް ކަމެއް ކަމަށާއި ގުޅިފައިވާ ޕާޓީތަކުން ނެރެން ބޭނުންވާ ކެނޑިޑޭޓް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.

"ޕާޓީތަކުގެ ލީޑަރުންގެ ތެރޭގައި މިވަގުތު ރާއްޖޭގައި ހުރި ލީޑަރު ވެސް ހުރީ ޖަލުގައި. އަޅުގަނޑުމެން އެންމެ ފުރަތަމަ ކަމަކަށް މިބަލަނީ، އެބޭފުޅުން ތިބި ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރުމުގެ މަސައްކަތް. އެމްޑީޕީން މަސައްކަތް ކުރައްވާނެ، އެބޭފުޅުންގެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނެރުމައްޓަކައި. އަޅުގަނޑުމެން މަސައްކަތް ކުރާނެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނެރުމަށްޓަކައި. އެނޫން ޕާޓީތަކުން ވެސް މިގޮތަށް މަސައްކަތް ކޮށްފާނެ،" ސަމީރު ވިދާޅުވިއެވެ.

އުންމީދު ކުރަނީ މިހާތަނަށް ތަޖުރިބާކޮށްފައި ނެތް ބޭފުޅެއް ވެރިކަމަށް އައުން ކަމަށް ސަމީރު ވިދާޅުވިއެވެ. ރާއްޖޭގެ ހާލަތު ރަގަޅު ކުރުމަށް އަބަދުވެސް މަސައްކަތްކުރާ އެއް ބޭފުޅަކީ ގާސިމް ކަަމަށާއި މިހާލަތުގައި ގައުމަށް ހައްލެއް ހޯދުމަށް އެންމެ ފަސޭހަވާނެ ބޭފުޅަކީ ގާސިމް ކަމަށް ސަމީރު ވިދާޅުވިއެވެ.

"އެމަނިކުފާނުގެ ތަޖުރިބާއާ އެކު ގިނަ ކަންކަން ހައްލު ކުރުމުގައި އެންމެންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލްކަން ގާސިމްގައިގާ އެބަހުރި. ގާނޫނު އަސާސީ އިސްލާހު ކުރުމުގައި ޑެޑްލޮކްއަކަށް ގޮސްފައި އޮއްވާ އިސްނަންގަވައިގެން މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވައިގެން ކުރި މަސައްކަތް، ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ އެ އުނދަގޫ ހާލަތުގައި ކުރެއްވި މަސައްކަތް،" ސަމީރު ވިދާޅުވިއެވެ.

ސަމީރު މިހެން ހާމަކުރައްވާފައިވާ އިރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އެޕާޓީތަކުން ނެރޭނީ އެއް ކެނޑިޑޭޓެއް ކަމަށް ހާމަކޮށްފައެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ވާދަކުރާނީ ރައީސް އަބްދުﷲ ޔާމީން ކަމުގައި ފާހަގަކޮށްފައިވާ އިރު އިދިކޮޅު ފަރާތްތަކަށް އަދިވެސް ވަނީ އެފަރާތުން ނެރޭނެ ކެނޑިޑޭޓެއް ނުނިންމިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
33%
0%
67%
ކޮމެންޓް