ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 18:02
ހުކުރު ދުވަހު ބޭއްވި އެއްވުމުގެ ތެރެއިން: އިދިކޮޅު މީހުން ވަނީ ހޫނު ރައްދެއް ދީފައި
ހުކުރު ދުވަހު ބޭއްވި އެއްވުމުގެ ތެރެއިން: އިދިކޮޅު މީހުން ވަނީ ހޫނު ރައްދެއް ދީފައި
އަޝްވާ ފަހީމް
ކުއްލި ހާލަތު އިއުލާނުކުރުން
އުފެދުމުގައި ވެސް ބާތިލް ކުއްލި ނުރައްކަލު ހާލަތަށް ރައްޔިތުން ދިނީ ހޫނު ރައްދެއް، ސަރުކާރު ލަދުގަންނުވާލައިފި!
 
ފުލުހުން ފުރުސަތު ނުދޭނެ ކަމަށް ބުނި ނަމަވެސް މުޒާހަރާ ކޮށްފައިވޭ

ކުއްލި ނުރައްކަލު ހާލަތު ގައުމުގައި އިއުލާން ކުރުމަކީ ކުޑަ ކަމެއް ނޫނެވެ. ގާނޫނު އަސާސީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނެ ސަބަބުތަކަށް ބަލާލުމުން އެކަން އެނގެއެވެ. އެ ފަދަ ނުރައްކަލުގެ ހާލަތެއް އައިސްފި ނަމަ ސިޔާސީ ހިޔާލު ތަފާތުވުން ކިތަންމެ ބޮޑު ނަމަވެސް ރައްޔިތުން އެއްބައިވެ އެ ހާލަތުން އަރައިގަތުމަށް ގުޅިގެން އެންމެން މަސައްކަތްކުރާނެ ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ސިޔާސީ ހަލަބޮލިކަން ބޮޑުވެފައިވަނިކޮށް 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހިންނަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެއްބައިވަންތަކަން ދައްކާލި ދިވެހިން އަދިވެސް ތިބީ ހަމަ މި ފަސްގަނޑުގައެވެ. ދިވެހި ފުޓުބޯޅައިގައި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން އެ އުފާ ފާޅުކުރުމުގައި ދިވެހިން ބައިވެރިވި ގޮތަކީ އިއްޔެ ފެނުނު މަންޒަރެކެވެ.

ގައުމަށް ދިމާވާ ނުރައްކަލުގެ ހާލަތުގައި ވެސް ސިޔާސީ ކަންތައްގަނޑަކަށް ހަދައި އެކަން ހަލަބޮލި ނުކުރާނެ ކަން އެއީ މީގެ ކުރިން ދިވެހިން ދައްކަދީފައި އޮތް ކަންކަމެވެ. ނަމަވެސް މިފަހަރު މިއީ ތާކުން ތާކު ނުޖެހޭ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ރައްޔިތުން ބުނެފިއެވެ. ރައީސް އަބްދުﷲ ޔާމިން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު ރައްޔިތުން ގަބޫލު ނުކުރާކަން ރައްޔިތުން ނިކުމެ ބުނެލީ ފިސާރި ކެރިގެންނެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް އައިސްފި ކަމަށް ވިދާޅުވެ ރައީސުލް ޖުމްޙޫރިއްޔާ އިއުލާން ކުރައްވަން ޖެހޭ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު އިއުލާން ކުރެއްވީ ވެސް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރެވެ. އެ ވަގުތުން ފެށިގެން މި ހާތަނަށް އައިރުވެސް ރައްޔިތުންގެ ގިނަ ބަޔަކާއި ގާނޫނީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އެއީ އުފެދުމުގައި ވެސް ބާތިލް ގަރާރެއް ކަމަށެވެ.

ކުއްލި ނުރައްކަލު ހާލަތު އިއުލާން ކުރުމަށް ފަހު ގާނޫނީ ގިނަ މާއްދާތަކެއް ހިފެހެއްޓެވިއެވެ. އޭގެ ތެރޭގައި ހަޅުތާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ހިފެހެއްޓެވިއެވެ. ނަމަވެސް އެކަން އިއުލާން ކުރެއްވުމަށް ފަހު ރައީސް ޔާމިން ކޮންމެ ރެއަކު ގެންދަވަނީ ސިޔާސީ އެއްވުންތަކާއި ޖަލްސާތައް ބާއްވަމުންނެވެ. ނަމަވެސް އިދިކޮޅު ފާރާތްތަކުން އެމްޑީޕީގެ ޖަގަހައިގައި ތިއްބަސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮވެގެން ކަމަށް ބުނެ އެތަނުގައި މީހަކު ތިބިއަކަ ނުދެއެވެ. ފުލުހުން އައިސް ބާރުގެ ބޭނުންކޮށްގެން އިދިކޮޅު ފަރާތްތައް އެތަނުން ނެރެ އަނިޔާކޮށްލާއިރު ހަމަ އެވަގުތު ވެސް ޕީޕީއެމްގެ ކުދިންކޮޅެއް މާލޭގެ އެކި ސަރައްދުތަކުގައި ސައިކަލް ބުރުތަކުގައި އަޑުގަދަ ކުރަމުންދާއިރު ފުލުހުންނަށް ކަހާލަތަން ހީރުވާލާހެން ވެސް ހިޔެއްނުވެއެވެ.

ގާނޫނު އަސާސީގެ ދަށުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އެކަމާ މެދު ގޮތެއް ނިންމުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ވެއެވެ. މިހާރު މި އިއުލާންކޮށްގެން އުޅޭ ފަދަ ތާކުން ތާކު ނުޖެހޭ ގޮތަކަށް ކުއްލި ނުކުރައްކަލުގެ ހާލަތު އިއުލާން ކޮށްފާނެ ކަން ދަނެ ގާނޫނު އަސާސީ އެކުލަވައިލި ބޭފުޅުން އެކަމަށް ފަރުވާ ހޯދަދީފައި ވެއެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ފުރަތަމަ ވެސް ހައްޔަރުކުރީ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ އެހެން ފަނޑިޔާރެކެވެ. އެހާ ހިސާބުން ސުޕްރީމް ކޯޓަށް އެ ކަމާ މެދު ގޮތެއް ކަނޑައެޅުމަށް ހުށައެޅުނީ އެވެ. ގާނޫނު އަސީސީގައި ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރު ހިމެނޭ އޮނަހިރި އަދަދެއްގެ ބެންޗެއްގެ މައްޗަށެވެ. އެހެން ކަމުން ސުޕްރީމް ކޯޓާ މެދު ސުވާލު އުފެދިގެން ދިޔައީއެވެ.  

ދެން އޮތީ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހެޅުމެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަނާޅާތާ ސިފައިންނާއި ފުލުހުން ބޭނުންގެން ރައްޔިތުންގެ މަޖިލީހާ ކައިރިވިއަކަނުދެއެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު ބާތިލް ވެގެންދާނެ ކަމާ މެދު އެއީ ގާނޫނީ ބަހުސެއް ނޫނެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު ހިފަހައްޓާފައިވާ ގާނޫނީ ބައެއް މާއްދާތައް ހިފަހައްޓާފައި ވަނީ ބައެއް މީހުނަށެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަދަ އެނޫން ވެސް ބައެއް ބޭފުޅުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމަށް ފަހު ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ނުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެ ހައްގު ހިފަހައްޓާފަވާ ކަމަށް ބުނެއެވެ. ނަމަވެސް މި ހަލާތުގައި ބައެއް މީހުން ކޯޓަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ކަނޑައަޅަމުންދާއިރު މި ހާލަތަށް ސަރުކާރުން ވެސް އަމަލު ކުރަމުންނުދާކަން އެބަ އެނގެއެވެ. ރައީސުލް ޖުމްހޫރިއްޔާ އަމިއްލަފުޅަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތަށް އެމަނިކުފާނުގެ ސަރުކާރުން ވެސް އަމަލުކުރާ ތަން ނުފެނެއެވެ.

އަނެއްކޮޅުން ކުލިއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ ވެރިކަން ދިފާއުކުރައްވަން ކަމާއި ގާނޫނުގައި ބުނާ ފަދަ ހާލަތެއް ނާންނަކަން ޚުދު ސަރުކާރުން ވެސް އެދަނީ ސާބިތުކޮށްދެމުންނެވެ. އޭގެ އެއް މިސާލަކީ ކުއްލި ހާލަތުގެ ނުރައްކަލެއް ރާއްޖޭގައި ނެތްކަން ބޭރުގެ ފަރާތްތަކަށް ދޭހަކޮށްދޭން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތެކެވެ. ރާއްޖޭގައި ރައްކާތެރިކަން އެބަ އޮތް ކަމަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެހެންކަމުން މިއި ކޮން މަގުސަދެއްގައި އިއުލާނުކޮށްގެން އުޅޭ ހާލަތެއްކަން އެނގެއެވެ.

މިކަން ކަން މިހެން ހުރުމުގެ ނަތީޖާއަކަށްވީ ގިނަ ރައްޔިތުންގެތަކެއް ނިކުމެ އެކަމަށް ރައްދު ދިނުމެވެ. ފުލުހުންނާއި ސިފައިން ފުރުސަތު ނުދޭނެ ކަމަށް ބުނި ހުކުރު ދުވަހުގެ ހަވީރު ފެށިގޮތަށް އެރޭގެ މެންދަމުން އަލިވެ 3 ޖެހުމާހަމައަށް މުޒާހަރާ ކުރީއެވެ. މާލޭގައި އެކަންޏެއް ނޫނެވެ. އައްޑޫ ފަދަ ބޮޑެތި ސަރަހައްދުތަކުން ފެށިގެން ކުދި ކުދި ރަށްތަކުގައި ވެސް އަޑު އުފުލީއެވެ. ލަދެއް ގަންނަ ބައެއް ނަމަ ލަދުން މަގެއްގެ މައްޗަށް ނިކުންނަން ނުކެރޭ ވަރަށް އާންމުން ނިކުމެ ސަރުކާރަށް ކުރުދޮށިން ދީފިއެވެ. ހުއްޓުވަން ބުނި މުޒާހަރާ ނުހުއްޓުވި ބޮލަށް ފިތިފައިވާ ތާވަޅަތަކެއް ހެން ފުލުހުން ވެސް މާލޭގެ ކޮޅު ކޮޅުމައްޗަށް ދުވިއިރު އާންމުންގެ އަޑު މަގުތަކުން ނުކެނޑެއެވެ. އެންމެ ފަހުން ދެން ހަމަލާތައް އައީ ސީދާ ނޫސްވެރިންނަށެވެ. ނޫސްވެރިން ވެސް ތިބީ އެހާ ފަސޭހައިން އެކަން ހުއްޓާލަކަށް ނޫނެވެ. ނަމަވެސް ރައްޔިތުންގެ ގިނަ ބަޔަކު ނިކުމެ ކުރި މުޒާހަރާ އިން ފެނުން މި މަންޒަރުތައް ނޫސްވެރިން ދައްކާނެ ކަމާއި ފުލުހުންނާއި ސިފައިންނާއި ޕީޕީއެމްގެ އިސްވެރިންނަށް އެނގޭތީ ނޫސްވެރިންނަށް ހަމަލާތައް އަމާޒުވި ނަމަވެސް އަދިވެސް ރައްޔިތުން ނިކުންނާނެއެވެ. އުފެދުމުގައި ވެސް ބާތިލް ކުއްލި ނުރައްކަލުގެ ހާލަތު ރައްޔިތުން ގަބޫލު ނުކުރާކަން އަދިވެސް ބުނާނެއެވެ.     

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
10%
0%
0%
5%
86%
ކޮމެންޓް