ކ. މާލެ
|
17 ފެބްރުއަރީ 2018 | ހޮނިހިރު 12:43
ހުކުރުދުވަހުގެރޭ ފުލުހުން އަނިޔާކުރުމުގެ ސަބަބުން އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ރާއްޖެޓީވީގެ ނޫސްވެރިޔާ ޙުސައިން ޙަސަން
ހުކުރުދުވަހުގެރޭ ފުލުހުން އަނިޔާކުރުމުގެ ސަބަބުން އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ ރާއްޖެޓީވީގެ ނޫސްވެރިޔާ ޙުސައިން ޙަސަން
މުހައްމަދު ޝަރުހާން
ނޫސްވެރިންނަށް ބިރު ދެއްކުން
ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
ނޫސްވެރިން ޕްރެފެޝަނަލް ވުމަށް ވަނީ ގޮވާލާފައި
މީޑިއާތަކުން ދޮގު މައުލޫމާތު ފަތުރާކަމަށް ބުނެފައިވޭ
ބައެއް ނޫސްވެރިން އެއްވުމުގެ ބައިވެރިން ފަދައިން އަމަލުކުރާ ކަމަށް ވަނީ ބުނެފައި

ޓީވީ ޗެނަލްތަކުން ލައިވްކޮށް ދެއްކި މަންޒަރުތައް ދޮގުކޮށް، ނޫސްވެރިންގެ އަޚުލާޤީ މިންގަނޑު ހިފަހައްޓައި، ޕްރޮފެޝަނަލް ކަމާ އެކު މަސައްކަތްކުރުމަށް ފުލުހުން ގޮވާލައިފިއެވެ.

ހޮނިހިރު ދުވަހު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފުލުހުންގެ އެންގުމަކާ ޚިލާފަށް ފެބްރުއަރީ 16 ވަނަ ދުވަހު މާލޭގެ މަގުތަކަށް މީހުން އެއްވެފައިވާ ކަމަށާއި، އެކަން ކަވަރުކުރުމަށް ހަރަކާތްތެރިވަމުން ދިޔަ ބައެއް ނޫސްވެރިންގެ ފަރާތުން އެއްވުމުގެ ބައިވެރިންނާ އެއް ހަމައެއްގައި އަމަލުތައް ފެނިގެން ދިޔަ ކަމަށެވެ. ހަމަ މިއާ އެކު އެއްވުން ކަވަރުކުރުމުގައި ހަރަކާތްތެރިވި ބައެއް މީޑިއާތަކުން ކަނޑައެޅިގެން ހަޤީޤަތާ ޚިލާފު ދޮގު މަޢުލޫމާތު ފަތުރަމުން ދިޔަ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ފުލުހުންގެ ބަޔާނުގައި މިފަދައިން ބަޔާންކޮށްފައިވާއިރު، އެއްވުމުގެ ބައިވެރިންނާއި މާ ދުރުން ހަމައެކަނި ނޫސްވެރިން ވަކިން ތިއްބައި ވެސް ހުކުރު ދުވަހުގެރޭ ފުލުހުން ވަނީ ނޫސްވެރިން ފަހަތަށް ޖައްސައި، ނޫސްވެރިންނަށް އަމާޒުކޮށް ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައެވެ. މީޑިއާތަކުން ދޮގު މައުލޫމާތު ފެތުރި ކަމަށް ފުލުހުން ބުނާއިރު، މުޒާހަރާ ކަވަރުކުރި މީޑިއާތަކުން ވަނީ މުޒާހަރާގެ މަންޒަރުތަކާއި، ފުލުހުން އަމަލުކުރަމުންދިޔަ ގޮތް ވަގުތުން ޓީވީ އިން ދައްކާފައެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މިފަދަ ހަރަކާތްތައް ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިން، ނޫސްވެރިންގެ އަޚުލާޤީ މިންގަނޑުތައް ހިފަހައްޓައި، ޕްރޮފެޝަނަލް ކަމާ އެކު މަސައްކަތްކުރުމަށް ވެސް މި ފުރުޞަތުގައި އިލްތިމާސް ކުރާ ކަމަށެވެ.

ފުލުހުން މިފަދައިން ބުނެފައިވާއިރު، ހުކުރުދުވަހު ބައެއް ފުލުހުންގެ ފަރާތުން އަޚުލާޤީ ފެންވަރުދަށް މަންޒަރުތައް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ވަގުތުން ޓީވީ އިން ދައްކަމުންދިޔަ މަންޒަރުތަކުގައި އެކި ފަހަރުމަތިން، ހަޑިހުތުރު ބަހުން މީޑިއާތަކާއި، އާންމުންނާ މުޚާތަބު ކުރުމާއި، މީޑިއާތަކުގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިންގެ ގަޔަށް އަތްލައި، ލަދުވެތި ގުނަވަންތައް ވެސް ހިމެނޭ ގޮތަށް އެ ފަރާތްތަކުގެ ހަށިގަނޑުގެ އެކި ތަންތަނުގައި ބައެއް ފުލުހުން ހިފާފައިވާ ކަމަށް އެ ނޫސްވެރިން ވަނީ ބުނެފައެވެ. އަދި އިއްޔެ އާއި ރޭގެ އެއްވުމުގައި އާންމުން ދުރަށް ޖެއްސުމަށް ވުރެ އެ މަންޒަރުތައް ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ވަނީ އަހްލާގީ ދަށް ފެންވަރުގެ އަމަލުތައް ހިންގާފައެވެ. އެ މަންޒަރުތައް ލައިވްކޮށް ޓީވީތަކުން ދައްކާފައި ވެއެވެ. 

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ފެބްރުއަރީ 16 ވަނަ ދުވަހު މާލެ އާއި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މީހުން އެއްވެ، ހަމަނުޖެހުން ހިންގައި، ސަލާމަތީ ބާރުތަކާއި (ޤާނޫނުތަކުގައި ބުނަނީ ސަލާމަތީ ޚިދުމަތްތައް ކަމަށް) ކުރިމަތިލައި ޤައުމު ހަލަބޮލިކޮށްލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމާއި، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރެވި އެކަން ތަންފީޒުކުރެވެމުންދާ މި ދަނޑިވަޅުގައި އަދި ޤާނޫނު އަސާސީގެ 31 ވަނަ މާއްދާ، ހަޅުތާލު ކުރުމުގެ ޙައްޤު އަދި ޤާނޫނު އަސާސީގެ 32 ވަނަ މާއްދާ، އެއްވެ އުޅުމުގެ މިނިވަންކަން ސަސްޕެންޑް ކުރެވިފައިވާ ދުވަސްވަރެއްގައި، އެ އެއްވުން ކުރިއަށް ގެންދަން ފުލުހުން ފުރުޞަތު ނުދޭނެ ކަމަށް ކުރިން އަންގާފައިވާނެ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި އެއްވެ އުޅުން ސަސްޕެންޑްކޮށްފައިވާކަން ފާހަގަކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ފަހުން ސަރުކާރު ހިންގާ ޕާޓީ އިން، ސިފައިންނާއި ފުލުހުންގެ އެހިތެރިކަމާއި، އެއްބާރުލުމާ އެކު އެކިއެކި އެއްވުންތަކާއި، އުޅަނދުބުރުތައް ވަނީ ބާއްވާފައެވެ. އަދި އެ އެއްވުންތަކުގެ ސަލާމަތާއި ރައްކާތެރިކަން ފުލުހުން ބަލަހައްޓައިދީފައި ވެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ފުލުހުން މިފަދަ ބަޔާނެއް ނެރެފައިވާ އިރު، މި ބަޔާނުގައި ހިމެނޭ ގިނަ ވާހަކަތަކަކީ ހުކުރު ދުވަހުގެރޭ ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނާއިބު ރައީސް، ޢަބްދުރަޙީމް ޢަބްދުﷲ ދެއްކެވި ވާހަކަތަކާއި ދާދި އެއް ވާހަކަތަކެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް