ކ. މާލެ
|
16 ފެބްރުއަރީ 2018 | ހުކުރު 14:34
ކިންގް ސަލްމާން މިސްކިތުގެ ކޮންސެޕްޓް ކުރެހުމެއް
ކިންގް ސަލްމާން މިސްކިތުގެ ކޮންސެޕްޓް ކުރެހުމެއް
ހައުސިންގް މިނިސްޓްރީ
ކިންގް ސަލްމާން މިސްކިތް
ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް: ޑރ. މުޢިއްޒު
މިސްކިތް އިމާރާތް ކުރަނީ 6 ފަންގިފިލާއަށް
މަސައްކަތް ހަވާލުކޮށްފައިވަނީ ތުރުކީގެ ކުންފުންޏަކާ
މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު

ސައުދީ އަރަބިއާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލް އަޒީޒް އަލް ސައުދަށް ނިސްބަތްކޮށް، މާލޭގައި ބިނާކުރާ ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މުޢިއްޒުގެ ޓްވީތްގައި ވިދާޅުވީ، ކިންގް ސަލްމާން މިސްކިތަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން ސައުދި އަރަބިއާ އާއި ދެމެދު އުފެދިފައިޥާ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ މިސްކިތެއް ކަމަށެވެ. އަދި އެ މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސައުދީ ހިލޭ އެހީގައި، ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލުކޮށްގެން އަޅާ މި މިސްކިތް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ނަމާދު ކުރާނެ ޖާގައިގެ އިތުރުންވެސް ބައެއް ބައިތައް ހިމަނައިގެން 6 ފަންގިފިލާއަށެވެ. 24 މިލިއަން އެމެރިކާ ޑޮލަރު (370 މިލިއަން ރުފިޔާ) ޚަރަދުކޮށްގެން ބިނާކުރުމަށް ނިންމާފައިވާ މި މިސްކިތުގައި މަލްޓި ޕާޕަސް ހޯލަކާއި، އޮޑިޓޯރިއަމަކާއި، ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއެއްގެ އިތުރުން ސެމިނާ އަދި ކްލާސްރޫމްތައް ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން މިސްކިތް ބިނާކޮށް ނިމުމުން، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުވެސް މިސްކިތަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މަސައްކަތް ފަށާތާ 500 ދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުތުކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ނިމުމުން، މިސްކިތުގެ އެތެރޭގައި ހަހާސް މީހުންނަށް، އަދި މިސްކިތް ބޭރުގައި ވަށައިގެން މާބަލް ޖަހާފައިވާ ސަރަޙައްދުގަ އާއި އެއްކޮށް ޖުމްލަ ދިހަހާސް މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް