ކ. މާލެ
|
15 ފެބްރުއަރީ 2018 | ބުރާސްފަތި 20:55
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ވާޖިބަށް ސިފައިން ހުރަސް އަޅަނީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގާނޫނީ ވާޖިބަށް ސިފައިން ހުރަސް އަޅަނީ
މުހައްމަދު ފަޒީން
ކުއްލި ނުރައްކަލުގެ ހާލަތު
ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!
 
ސިފައިންގެ ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރަންޖެހޭ
 
މަޖިލިސް އާއި ޖުޑިޝަރީ ހިސޯރުކޮށްފައި
 
ކުއްލި ނުރައްކަލުގެ ހާލަތު އުފެދުމުގައި ވެސް ބާތިލް

"އަޅުގަނޑުމެން އެންމެންނަކީ ޤާނޫނުއަސާސީ ދަމަހައްޓަން ތިބި ބައެއް. އެހެންވީމާ، ރާއްޖޭގައި ކުދިބޮޑު އެންމެންނަކީ، ޤާނޫނު ކުރިމަތީގައި ހަމަހަމަ ބައެއް ކަމަށް ގަބޫލުކުރުމަކީ، ސިފައިންގެ މުއައްސަސާއިން، ދައުލަތުގެ ދިފާޢުގައި މިކުރާ މަސައްކަތާއި، އަދި ޤާނޫނުއަސާސީއާއި ދައުލަތް ދިފާޢުކުރަން ކުރާ މަސައްކަތުގެ ތެރޭގައި، ޞަފްޙާތަކެއްގައި ލިޔެވެންޖެހޭ ކަންކަން. ޤައުމު ދިފާޢުކުރާނީ އަބަދުވެސް ހަތިޔާރު ހިފައިގެނެއް ނޫން،"

ދެހާސް ސޯޅަ ވަނަ އަހަރު ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި މި ވާހަކަފުޅު އަޑު އަހާލުމުން، މިހާރު ގާނޫނު އަސާސީއެއް އެބަ އޮތްތޯ ހިތަށް އަރައެވެ. ގާނޫނު އަސާސީ ދިފާއުކުރަން ބަޔަކު އެބަ އުޅޭ ހެއްޔެވެ؟ ގާނޫނުގެ ހުކޫމާތަށް ލޯބިކުރާ ބަޔަކު އެބަ ތިބި ހެއްޔެވެ؟ ހަމަބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަށް މިހާރުގެ ހާލަތު އެބަ އެނގެ އެވެ. ގާނޫނީ ވަކީލަކަށް ނުވިޔަސް، ކުއްލި ނުރައްކަލުގެ ހާލަތަކީ އުފެދުމުގައި ވެސް ބާތިލު ހާލަތެއްކަން ނޭނގޭ ވަރެއް ވެސް ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހާލަތެއް ނެތެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވޭނީ ގުދުރަތީ ކާރިސާއެއް ކުރިމަތިވުމާއި، ނުރައްކާތެރި ބަލިމަޑުކަމެއް ކުރިމަތިވުމާއި ހަނގުރާމައެއް ކުރިމަތިވުމާއި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވުން އަދި ބޭރުގެ ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވުމުންނެވެ.

 

ސިފައިން: ސިޔާސީ ވިސްނުން އިސްނުކޮށް ގާނޫނު އަސާސީ ނަގަހައްޓަންޖެހޭ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މިއިން އެއްވެސް ހާލަތެއް މެދުވެރިވެގެން ނޫންކަން ރައީސް އަބްދުﷲ ޔާމީންގެ ވާހަކަފުޅުންނާއި ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުން ވެސް އެނގެ އެވެ. ކުއްލި ހާލަތު އިއުލާނުކުރީ، ސުޕްރީމް ކޯޓް ޖަވާބުދާރީ ނުކުރެވިގެން ކަމަށް ވަނީ ވިދާޅުވެފަ އެވެ. ދައުލަތުގެ މުއައްސަސާތަކުގެ ގުޅުން ދެމެހެއްޓުމަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއްކަން ރައީސް ޔާމީންގެ ހަނދުމަފުޅަށް އައި ނަމަވެސް، ސުޕްރީމް ކޯޓް ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ހަނދުމަފުޅެއް ނެތެވެ. މި އިޖުރާއަތް ފުރިހަމަ ނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ދެއްކީ ބާތިލު ބަހަނާއެއްކަން އެނގެ އެވެ. މި ފަރުވާ ނުހޯއްދަވައި، "ހަތިޔާރު" ނެގުމަކީ ގާނޫނީ ވެރިކަމެއްގެ ސިފައެއް ނޫނެވެ. ގާނޫނީ ހުކޫމާތު ނެގެހެއްޓުމެއް ވެސް ނޫނެވެ. ދައުލަތުގެ ބާރުގަދަ ކުރުމެއް ވެސް ނޫނެވެ. ގާނޫނުއަސާސީ ނެގެހެއްޓުމެއް ވެސް ނޫނެވެ. ދައުލަތެއް ދައުލަތަކަށް ވަނީ ތިން ބާރު ފަންކްޝަންކުރުމާއެކު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު ވެސް ރަނގަޅަށް ހިނގައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވުމަށް ކުރާ ކޮންމެ ކަމަކީ ބަޣާވާތެއް ކަމަށް ދެކި އެހެން މުއައްސަސާތައް ހިސޯރުކޮށް ނުވަތަ ވެރިން ހިފައި ހައްޔަރުކޮށްގެން ކުރާ ކަމަކީ ދައުލަތް ދައުލަތުގެ ދިފާއުގައި ކުރައްވާ ކަމެއްތޯ ސުވާލު އުފެދެ އެވެ. ނުވަތަ އެ މަނިކުފާނުގެ އަމިއްލަ ފުޅު ދިފާއުގައި، ވެރިކަމުގެ ޝާނާއި ޝައުކަތަށްޓަކައި ކުރައްވާ ކަމެއްތޯ ސުވާލު އުފެދެ އެވެ. މިފަދަ ގާނޫނުން ބޭރު އަމަލުތަކުގެ ސަބަބުން ދިވެހި ދައުލަތް މިވަނީ ކޮރުވެފަ އެވެ. ރައްޔިތުންގެ މަޖިލީހެއް ނުހިނގަ އެވެ. އޮތީ އަސްކަރިއްޔާގެ ބާރުގެ ދަށުގަ އެވެ. ކޯޓްތަކަށް އިތުބާރެއް ނެތެވެ. ކޯޓުތަކަށް އިންތިހާއަށް ސިޔާސީ ނުފޫޒާއި ހިޔާނާތުގެ ލައްގަނޑު ޖެހިފައިވާ ކަމަށް ތުހްމަތު ކުރެވިފައިވަނީ ފަނޑިޔާރުން އަމިއްލަ އަށް ކުރެއްވި ކަންކަމުގެ ނަތީޖާއިންނެވެ.

ކޯޓުތަކުން އިއްވާ ހުކުމަކީ ކޮންމެ މީހަކު ވެސް އަމަލު ކުރަންޖެހޭނެ ހުކުމެއް ކަމަށާއި މި ސަރުކާރަކީ ޝަރުއީ ނިޒާމަށް "އަތްބާނާނެ" ސަރުކާރެއް ނޫން ކަމަށް ރައީސް ޔާމީން ހަރުއަޑުން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް ރައީސް ޔާމީން އަމަލުކުރެއްވީ މިގޮތަށް ތޯއެވެ؟ ސިފައިންނާއި ފުލުހުންގެ ކުރިމަތީގައި މިފަހަރު ފަހު ބަހަކަށްވީ ސުޕްރީމް ކޯޓުގެ ބަހެއް ނޫނެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ބަހެވެ. މިދަރަޖައަށް ދައުލަތް ވައްޓާލިއިރު ރައީސް ޔާމީން ކުރިން ވިދާޅުވެފައިވާ ފަދައިން ސިފައިންނާއި ފިލުހުން ވިސްނަންވީ ކަމަކީ، ރާއްޖޭގައި ކުދިބޮޑު އެންމެންނަކީ، ޤާނޫނު ކުރިމަތީގައި ހަމަހަމަ ބައެއް ކަމެކެވެ. އަދި އަބަދު ޤައުމު ދިފާޢުކުރާނީ ހަތިޔާރު ހިފައިގެން ނޫން ކަމެވެ.

 

މަޖިލީހަށް ވަޑައިގެންނެވުމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު އުފުލާލައިގެން ގެންނަނީ

ސިފައިންނަށް ރައީސް ޔާމީން ދެއްވި މި ނަސޭހަތާމެދު ފުންކޮށް ވިސްނާލާއިރު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ރިޝްވަތުގެ ތުހްމަތާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ ތުހްމަތުކޮށް އެ ތަހްގީގު ކުރިއަށް އެބަ ގެންދެ އެވެ. މީގެ ކުރިން ބައެއް ފަނޑިޔާރުންގެ މައްޗަށް ކުރި ރިޝްވަތުގެ ތުހްމަތުތައް ބަލާފައެއް ނެތެވެ. ފަނޑިޔާރުން ރިޝްވަތުގައި ޖެހިފައިވާ ކަމަށް ތުހްމަތުކުރާއިރު، ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ފަސްބައި ހިޔާނާތާއި ވައްކަމުގެ ތުހްމަތުން ވަނީ ކިލަނބުވެފަ އެވެ. ހަދިޔާ ލިބިވަޑައިގަންނަވާ ކަމަށް އިއުތިރާފުވެވަޑައިގެންނެވި ނަމަވެސް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަނީ ހަދިޔާ ކަމަށް ވެފައި، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވަނީ ރިޝްވަތު ކަމަށް ސިފައިންނާއި ފުލުހުން ދެކޭ ނަމަ ހަމަހަމަ ކަމެއް ނެތެވެ. އިންސާފެއް ނެތެވެ.

އަދި އެހެން މައްސަލައެކެވެ، ބުދަ ދުވަހުގެ ރޭ ރުމާލު 2 ޖަގަހައިގައި ރައީސް ޔާމީން އެ ވަނީ ވަރުގަދަ ވާހަކަ ފުޅެއް ދައްކަވައިފަ އެވެ. ސުޕްރީމް ކޯޓުން އެ މަނިކުފާނު އަޒުލުކުރުމާއި ބަންޑާރަ ނައިބު މަގާމުން ވަކިކުރި ނަމަ، އެކަމާ ދެކޮޅަށް ރައީސް ޔާމީންގެ ސަޕޯޓަރުން ނުކުންނާނެ ކަމަށާއި އޭރުން ލޭ އޮހޮރުވައި، ގަތުލުކުރާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް މިކަން ވެސް ބަލާނެ ފަރާތެއް ނެތީ، ގާނޫނެއް ގަވާއިދެއް ނެތުމުންނެވެ. އުސޫލެއް ނެތުމުންނެެވ.

ކުދިބޮޑު އެންމެންނަކީ، ޤާނޫނު ކުރިމަތީގައި ހަމަހަމަ ބައެއް ކަމަށް ސިފައިންނާއި ފުލުހުން ގަބޫލުކުރާނަމަ، ރައީސް ޔާމީން ވިދާޅުވެފައިވާ ފަދައިން ރައީސް ޔާމީން ވިދާޅުވި މި ވާހަކަ އަށް ވިސްނަވާށެވެ.

"ކޯޑް އޮފް ކޮންޑަކްޓަކީ އަދި ޔުނީފޯމްގެ އަސާސަކީ، މަގުން ކައްސާލައިގެންދާކަމެއް ކަމަށްވަންޏާ، ރައީސުލްޖުމްހޫރިއްޔާވެސް މަގަށް ގެންނަން އިލްތިމާސް ކުރުން. ތިކުރައްވަނީ ގޯހެކޭ ބުނަން ކެރެންވާނެ. ކޮންމެ ކަމަކަށް [ޔެސް ސަރ] އަކުން ފުއްދޭނެ ކަމެއް ނޫން،"

ރައީސް ޔާމީނަށް ވެސް ގާނޫނަށް ވުރެ މަތީގައި ހުންނެވިގެން ނުވާނެ އެވެ. އެ މަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަކީ ބަޣާވާތްކުރުން ކަމަށް ދެކި، އާންމު ރައްޔިތުންގެ ހައްގުތައް ފޭރިގަނެގެން ނުވާނެ އެވެ. ބަލަބަލައި ތިއްބައި ގައުމު ވީދައި ހުސްކުރަމުންދާއިރު އެކަމާ ދެކޮޅަށް ބަސް ބުނަންޖެހެ އެވެ. އެ އަމަލު ހިންގާ ފަރާތްތަކުގެ އަތް ގާނޫނުގެ ދިގު އަތުން މުގުރާލަން ޖެހެ އެވެ. މިކަން ކުރެވޭނީ ސިޔާސީ ބޭފުޅުންގެ އަވައިގައި ނުޖެހި ހަމަހަމަކަމާއެކު ގާނޫނު ތަންފީޒުކުރަން ލޯބިކޮށްގެންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް