ކ. މާލެ
|
15 ފެބްރުއަރީ 2018 | ބުރާސްފަތި 19:02
ފައިލް ފޮޓޯ: ގުޅިފައިވާ ޕާޓީތަކުން ކުރިން ދިން ޕްރެސްއެއްގައި އިބޫ މީޑީއާ އާއި ވާހަކަފުޅު ދައްކަވަނީ
ފައިލް ފޮޓޯ: ގުޅިފައިވާ ޕާޓީތަކުން ކުރިން ދިން ޕްރެސްއެއްގައި އިބޫ މީޑީއާ އާއި ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ
ސީދާ މި ސަރުކާރާ ކުރާނެ މަޝްވަރާއެއް ނެތް: ގުޅިފައިވާ ޕާޓީތައް
މެދުވެރިއެއްގެ ރޯލު އދ އިން އަދާކުރުމަށް ވަނީ އެދިފަ
ސުޕްރީމް ކޯޓުގެ ޙުކުމް ތަންފީޒު ކުރުމަށް ޝަރުތު ކޮށްފައިވޭ
ޤާނޫނުއަސާސީގެ ތަރަހައިގެ ތެރެއަށް ސަރުކާރު ވަނުމަށްވެސް ވަނީ ޝަރުތުކޮށްފަ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރާއި ސީދާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

ޕާޓީތަކުގެ މަޝަވަރާތައް އަލުން ފެށުމަށް ދަޢުވަތުދީ، ރައީސް އޮފީހުން ޕާޓީތަކަށް ފޮނުވާފައިވާ ސިޓީތަކަކާއި ގުޅިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާޙިމް މުޙައްމަދު ޞާލިޙު (އިބޫ) ވިދާޅުވީ، ސަރުކާރުން ސުޕްރީމް ކޯޓުގެ އަމުރެއް ތަންފީޒު ކުރަން ދެކޮޅު ހަދައި، ޣައިރުޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށް، ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މިފަދަ ޙާލަތެއްގައި ސީދާ ސަރުކާރާއި ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

"ވައްކަމާ ޚިޔާނާތަކީ، އަދި ކޮރަޕްޝަނަކީ، ޠަބީޢީ ކަމެއް ގޮތުގަ ދެކޭ މީހާކާ ދޭތެރޭގަ ދައްކާނެ ވާހަކައެއް ނޯންނާނެ. އަނިޔާވެރިކަމާ އަނިޔާ ކުރުމަކީ ތިމާގެ އަމިއްލަ އުފަލެއްގެ ގޮތުގަ ދެކޭ މީހަކާ ސީދާ ދައްކާނެ ވާހަކައެއް އަޅުގަނޑުމެންނަށް ނޯންނާނެ. ޤާނޫނު އަސާސީ މުގުރާލާ، ޤާނޫނު އަސާސީއާ ޚިލާފަށް އަމުރުކުރާ ބަންޑާރަ ނައިބަކާ އެކީގަ ދައްކާނެ ވާހަކައެއް އަޅުގަނޑުމެންގެ ނޯންނާނެ. އަދި ޚާއްސަކޮށް ސުޕްރީމް ކޯޓުން ނެރެފަވާ ޙުކުމެއް ތަންފީޒުކުރުމާ ދޭތެރޭ ސިޔާސީ މީހުން ދައްކާނެ ވާހަކައެއް ނޯންނާނެ. ރައްޔިތުންގެ މަޖިލިސް ހުޅުވުމާ ދޭތެރޭގަ، ޤާނޫނު އަސާސީގަ ބުނެފަ އޮތްގޮތަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާ ދޭތެރޭގަ ދައްކާނެ ވާހަކައެއް ނޯންނާނެ. އެއީ ވަގުތުން ވަގުތަށް ތަންފީޒީ ބާރުތަކުން، ޚާއްސަކޮށް ސަރުކާރުން ކުރަން ޖެހޭނެ ކަންތައްތައް" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައީސް ޔާމީނަކީ އިތުބާރު ކުރެވޭފަދަ ބޭފުޅެއް ނޫން ކަމަށާއި، މި ސަރުކާރާއި ސީދާ ވާހަކަ ދައްކައިގެން ނުކުންނާނެ ނަތީޖާއެއް އޮތް ކަމަށް ދެކިނުލައްވާ ކަމަށެވެ. އެހެންކަމުން ޤައުމަށް މިވަގުތު ދިމާވެފައިޥާ ކަންކަމުން އަރައިގަތުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު މެދުވެރިއެއްގެ ރޯލު އަދާ ކޮށްދިނުމަށް އެދި އދ އަށް ހުށަހަޅާފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ، އދ މެދުވެރިވެގެން ވެސް ސަރުކާރާއި އެކު ވާހަކަ ދައްކާނީ ސަރުކާރުން ޝަރުތުތަކަކަށް ތަބާވުމުން ކަމަށެވެ. އެގޮތުން، ޤާނޫނު އަސާސީގެ އިމުގެ ތެރެއަށް ސަރުކާރު ވަދެ، ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ކޮށްފައިވާ ޙުކުމް މިޙާރުން މިހާރަށް ތަންފީޒުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްގެން ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް އިދިކޮޅު ފަރާތްތައް ވަނީ ޝަރުތު ކޮށްފައެވެ.

ގުޅިފައިވާ ޕާޓީތަކުން ބުނީ ސަރުކާރުން މި ޝަރުތުތައް ޤަބޫލު ކޮށްފިނަމަ، މެދުވެރިއެއްގެ ގޮތުގައި އދ ހަރަކާތްތެރިވާ މަޝްވަރާތަކަކަށް ސަރުކާރާއިއެކު ދާން ތައްޔާރު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް