ކ. މާލެ
|
15 ފެބްރުއަރީ 2018 | ބުރާސްފަތި 10:56
ޕްރިޔާ ޕްރަކާޝް
ޕްރިޔާ ޕްރަކާޝް
ޓްވިޓަރ
ޕްރިޔާ ޕްރަކާޝް
ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
 
ރޮނާލްޑޯ އާއި ކައިލީ ޖެނާ އަށް ވުރެ އިންސްޓަގްރާމްގެ ފޮލޯވަރުން ގިނަ
 
އެއްދުވަސް ތެރޭގައި 600 ފޮލޯވާސް ފޮލޯކުރި ތިންވަނަ މީހާއަށް އޭނާ ވަނީ ވެފައި
 
މިމަހުގެ 9 ވަނަ ދުވަހު ރިލީޒްކޮށްފައިވާ މިލަވަ މިހާރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައި

އުމުރުން އެންމެ 18 އަހަރުގެ މަލަޔާލަމް އެކްޓެރެސް ކަމަށްވާ ޕްރިޔާ ޕްރަކާޝްއަކީ ފިލްމީ ދުނިޔެއަށް އާ ތަރިއެކެވެ. މިހާތަނަށް އޭނާގެ ފިލްމެއް ރިލީޒްނުވާ އިރު އޭނާ ކުޅުނު އެންމެ ފުރަތަމަ ފިލްމުގެ ލަވަ މިވަނީ މިހާރު އެންމެ ވައިރަލް ލަވައަށް ވެފައެވެ. ޕްރިޔާ ކުޅުނު ފިލްމުގެ ލަވައިން އޭނާ ވަނީ މުޅިދުނިޔެއަށް މަޝްހޫރު ވެފައެވެ.

މިހާރު ބެޗްލާސް އޮފް ކޮމާސް ކިޔަވަމުންދާ ޕްރިޔާ ކުޅެފައިވާ މަލަޔާލަމް ފިލްމު "އޮރު އަދާރް ލަވް"ގެ ލަވައެއް ކަމަށްވާ "ނިކްޔާ މަލަރަޔާ ޕޫވީ" ގައި ޕްރިޔާ އެއް ލޯ މަރާލައި މޫނަށް ގެންނަ އިޝާރާތަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ހައިސްކޫލް ލައިފް ދައްކުވައިދޭ މި ލަވައިގައި ފެނިގެން ދަނީ ފިރިހެން ކުއްޖަކު ޕްރިޔާ އަށް ބަލާލުމަށް ފަހު އެއް ބުމަ އަރުވާލުމާ އެކު ރައްދުގައި ޕްރިޔާ ދެ ބުމަ އަރުވާލާ މަންޒަރެވެ. އެއަށް ރައްދު ދިނުމުގެ ގޮތުން އެފިރިހެން ކުއްޖާ ދެ ބުމަ އަރުވާލުމުން ޕްރިޔާ އެއްލޯ މަރާލައެވެ. ދެން ފެންނަނީ ފިރިހެން ކުއްޖާ ރަކިވެ ކައިރީގައި ހުންނަ ފިރިހެންކުއްޖެއްގެ ގައިގައި ހިފައިގެން އިސްޖަހާލާ މަންޒަރެވެ.

މިލަވަ މިހާރު ވައިރަލް ވެފައިވާއިރު ޕްރިޔާ އަށް ދަނީ ސޯޝަލް މީޑިއާގައި ވެސް ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން އޭނާގެ އިންސްޓަގްރާމްގެ ފޮލޯވާސް މިހާރު ވަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި 3.2 މިލިއަނަށް އަރާފައެވެ. މި ސަމާލުކަމާ އެކު އޭނާގެ އެކައުންޓް ވެސް ވަނީ ވެރިފައިކޮށްފައެވެ. ޕްރިޔާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވަނީ އޭނާއަށް މިހާ ބޮޑު ސަޕޯޓެއް ލިބިދާނެކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

މިމަހުގެ 9 ވަނަ ދުވަހު ރިލީޒްކޮށްފައިވާ މިލަވަ މިހާރު ވަނީ 19 މިލިއަނަށް ވުރެ ގިނަ ފަހަރު ބަލާފައެވެ. ތިން މިނެޓާއި 16 ސިކުންތުގެ މި ލަވަ ކިޔާފައި ވަނީ ވިނީތު ސިރީނިވާސަންއެވެ. މިއުޒިކް ތައްޔާރުކުރީ ޝާން ރަހްމާންއެވެ. "އޮރު އަދާރް ލަވް" ރިލީޒް ކުރާނީ އަންނަ މާޗްމަހުގެ 2 ވަނަ ދުވަހުގައެވެ.

ޕްރިޔާދަނީ އަދިވެސް އެކި ރެކޯޑްތައް މުގުރަމުންނެވެ. އިންސްޓަގްރާމްގައި އެއް ދުވަހުގެ ތެރޭގައި 600 ފޮލޯވާސް ފޮލޯކުރި ތިންވަނަ މީހާއަށް  އޭނާ ވަނީ ވެފައެވެ. މިއީ އިންޑިއާގެ މީހަކަށް މިވަރުގެ ފޮލޯވާސް އެއް ދުވަހުގެ ތެރޭގައި ލިބުނު ފުރަތަމަ ފަހަރެވެ. އެއް ދުވަހުގެ ތެރޭގައި 600 ފޮލޮވާސް ހޯދި އަނެއް ދެ މީހުންނަކީ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯ "ކީޕިން އަޕް ވިތު ކާޑޭޝިއަން" ގެ އެކްޓްރެސް "ކައިލީ ޖެނާ" އާއި ފުޓުބޯޅަ ކުޅުންތެރިޔާ "ކްރިސްޓިއަނޯ ރޮނާލްޑޯ" އެވެ. މީގެ އިތުރުން ޕްރިޔާ އަށް ވަނީ އެންމެ ގިނައިން ގޫގުލް ސާޗްކުރި އިންޑިއާގެ އެކްޓްރެސްގެ މަގާމު ވެސް ލިބިފައެވެ.

ޕްރިޔާގެ ކުޅަދާނަ ކަމަށް ތައުރީފު އޮއްސަމުންދާއިރު އޭނާގެ މަންމަ ބުނެފައި ވަނީ ޕްރިޔާ ހުރީ ވަރަށް ބިރުން ކަމަށެވެ. ބިރުން ހުރި ވަރުން ސްކޫލަށް ދާން ވެސް މިހާރު ޖެހިލުންވެފައިވާ ކަމަށް ޕްރިޔާގެ މަންމަ ވަނީ ބުނެފައެވެ.

ޕްރިޔާ ބުނީ އޭނާ އަށް ފުރުސަތު ލިބިއްޖެ ނަމަ ބޮލީވުޑްގައި މަސައްކަތްކުރަން ބޭނުން ކަމަށާއި އެ ގޮތުން ޝާހްރުކް ޚާނާއި ރަންވީރު ސިންގް އަށް ވަރަށް ސަޕޯޓްކުރާ ކަމަށާއި އެ ގޮތުން ޝާހްއާ އެކު ފިލްމެއް ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
19%
6%
6%
31%
31%
6%
ކޮމެންޓް