ކ. މާލެ
|
14 ފެބްރުއަރީ 2018 | ބުދަ 22:19
ރައީސް ޔާމީން: ވެރިކަމުގެ ބާރުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުން
ރައީސް ޔާމީން: ވެރިކަމުގެ ބާރުގެ ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުން
މުހައްމަދު ޝަރުހާން
ރައީސް ޔާމީން
ކިތަންމެ ބާރެއް ލިބިފައިވީ ނަމަވެސް ތަގުދީރެއް ބަދަލެއް ނުކުރެވޭނެއެވެ!
 
އެމަނިކުފާނަކީ ގޮތް ދޫކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވި
 
ރައީސް ޔާމީން ވަނީ ބޭރު ދުނިޔެއަށް ގޮންޖައްސަވައި އަމުރު ތަންފީޒުކުރުމަށް ދެކޮޅު ހައްދަވާފައި
 
ދިވެހި ދައުލަތުގެ ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި

ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކެއް ފެށިގެން އަންނަނީ ވެސް އަދި ދެމި އޮންނަނީ ވެސް ދިވެހި ރައްޔިތުންގެ ކިބައިގައެވެ. މިއީ 2008 ވަނަ އަހަރު ދިވެހިންނަށް ލިބުނު ފެހި ގާނޫނު އަސާސީގެ ފުރަތަމަ ބާބުގެ ހަތަރު ވަނަ މާއްދާ އިން ދިވެހިންނަށް ކަށަވަރުކޮށްދޭ ކަމެކެވެ. ދިވެހި ދައުލަތް ބިނާވެފައި ވަނީ ރައްޔިތުންގެ މަޖިލީހާއި ވެރިކަން ކުރުމުގެ ބާރުގެ އިތުރުން އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ މައްޗަށެވެ. ކިތަންމެ ވަރަކަށް އޮޅުވާލައްވަން މަސައްކަތްކުރި ނަމަވެސް ސާފު ރީތި ދިވެހި ބަހުން ލިޔެވިފައިވާ އެއްޗެއް އެއްވެސް ދިވެއްސަކަށް އޮޅުވައެއްނުލެވޭނެއެވެ.

އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ބާރުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނެރުނު އަމުރާ އެކު ވެރިކަން ކުރުމުގެ ބާރާ ހަވާލުވެގެން ތިއްބެވި ބޭފުޅުން ހާސްކަމެއްގެ ތެރެއަށް ވެއްޓިވަޑައިގެން ކުރާނެ ކަމެއް ނޭނގިގެން އުޅޭ ގޮތަކަށް ކަންކަން ބައްޓަން ކުރެއްވި މަންޒަރު ފެނިގެންދިޔައެވެ. ކޮންމެއަކަސް އަމުރު ތަންފީޒު ކުރެއްވުމުގެ ބަދަލުގައި ގާނޫނު އަސާސީ ތަންނުދޭ ގޮތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ.

މި ބޭފުޅުން މިކަން ސިފަކުރައްވަމުން އަންނަނީ "ޖޫޑީޝިއަލް ކޫ" އެއްގެ ގޮތުގައެވެ. އަދުލު އިންސާފު ގާއިމު ކުރުމުގޭ ބާރު ތެރެއިން ގެންނަން އުޅުނު ބަޣާވާތެއްގެ ގޮތުގައެވެ. ވެރިކަން ވައްޓާލަން ބަޔަކު މަސައްކަތް ކުރަނީ ކަމަށެވެ. އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހޭ ތެދު ހަގީގަތަކީ މި އަމުރުގައި ވެރިކަން ވައްޓާލުމާ ގުޅޭ އެއްވެސް ކަމެއް ހިމެނިފައި ނުވުމެވެ. ވެރިކަމާ ތޮޅެން ބަޔަކަށް މަސައްކަތްކުރެވޭނެ ހާލަތެއް ވެސް އަމުރަކު ނެތެވެ. މި އަމުރަކީ ވެރިކަން ވައްޓާލަން ބަޔަކު ގަސްތުގައި ނެރުނު އަމުރެއް ކަމަށް ބުނެ ދެ ގަޑިން ދެ ގަޑިން ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ޕްރެސް ކޮންފަރެންސްދީ، ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްކުރަމުންދިޔައެވެ.

ރައީސް މީހާގެ މަގާމު ގެއްލިދާނެކަމުގެ ބިރު މިހާ ހިސާބުން އަމިއްލަފުޅަށް ހީވުމާ އެކު އުފެދުމުގައި ވެސް ބާތިލު ކުއްލި ނުރައްކަލުގެ ހާލަތުގެ ބޭނުން ކުރެއްވީ މަގާމުގެ ދިފާއުގައެވެ. އެކަމަށް އަމިއްލަފުޅަށް އިއުތިރާފު ވަޑައިގަތީއެވެ. ސުޕްރީމް ކޯޓުގެ ފުރާޅު ފަޅާލައި އެތަނަށް ވަދެ އެތަނުގެ ދޮރު ވައްޓާލައި ދެ ފަނޑިޔާރަކު ގެންދިޔައީއެވެ. ކުރީގެ ރައީސަކު ވެސް ހައްޔަރުކުރީއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވެސް ގެންދިޔައީއެވެ. ހައްތަހާ ވެސް ވެރިކަން ވައްޓާލަން އުޅުއްވުމުގެ ތުހުމަތުގައެވެ. އެހެން ނަމަވެސް އެންމެ ތުއްތު ކުއްޖާއަށް ވެސް އަސްލު މިވަނީ ކިހިނެއްކަން ވަރަށް ރަނގަޅަށް ސާފުވާނެއެވެ.

މަޖިލީހުގެ މެމްބަރުން ހައްޔަރުކުރެއްވުމުގެ އިތުރަށް ސަލާމަތީ ސަބަބުތަކަށްޓަކައި މަޖިލީހުގެ ޖަލްސާ މުއްދަތެއް ނެތް ގޮތަށް ފަސްކުރީއެވެ. ސަލާމަތީ ހިދުމަތްތަކުގެ ބޭނުން ހިއްޕަވައިގެން މަޖިލިސް ވެސް ހިސޯރުކުރީއެވެ. މަޖިލީހުގެ މެމްބަރުންނަށް މި ދުއްތުރާތަށް ކުރިމަތިކުރައްވަނީ ހަމަ އެންމެ ސަބަބަކާ ގުޅިގެންނެވެ. އިދިކޮޅު މެމްބަރުންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާތީއެވެ. މިއީ އެންމެން ވެސް ދަންނަ ތެދު ހަގީގަތެކެވެ.

ރައީސް މީހާ ބިރުފުޅު މި ގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެބޭފުޅާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކޮށްފާނެތީއެވެ. ގަނޫނޫ އަސާސީގައި ވެސް ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރުމުގެ ފުރިހަމަ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިވެއެވެ. ރައްޔިތުންގެ ތާއިދު އޮތް ނަމަ، ތިޔަ މަގާމަށް އެންމެ އެކަށޭނެ ބޭފުޅާ ކަމަށް ދެކެވަޑައިގަންނަވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުރަސް އަޅުއްވަން ވީ އެއްވެސް ސަބަބެއް ނެތެއް ނޫންތޯއެވެ.

ރައްޔިތުންގެ މަޖިލިސް ގަދަކަމުން ހުއްޓުވައިގެން ހަމަ ތިޔަ ކަނޑުވާލެއްވެނީ ދިވެހި ރައްޔިތުންގެ އަޑެވެ. މަގުތަކަށް އެއްވުމުގެ ފުރުސަތު ވެސް ވަކި ބަޔަކަށް ދީފައިވާއިރު މަޖިލީހަށް ވަނުމުގެ ފުރުސަތު ވެސް އޮންނަނީ ވަކި ކުލަޔަކަށް ނިސްބަތްވާ މެމްބަރުންނަށްތޯއެވެ. ހަމަ ގައުމުގެ އެންމެ އިސްވެރިޔާއަށް ވުމާ އެކު ސިފައިންނާއި ފުލުހުން ލައްވާ ހިތުހުރި ކަމެއް ކުރައްވާނީތޯއެވެ. ރައްޔިތުންގެ މަޖިލީހަކީ ސިފައިންގެ މަރުކަޒަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވަނީ ވަރަށް ނާތަހުޒީބީ މަސައްކަތެކެވެ.

ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތްކުރެއްވި ދުވަސްވަރު މާކެޓުވެ ވަޑައިގަތީ އެފަދަ ދެވަނައެއް ނުވާ އިކޮނޮމިސްޓެއްގެ ގޮތުގައެވެ. މިއަދު ރާއްޖޭގެ ހާލަތަކީ ކޮބައިތޯއެވެ. ވެރިކަމާއި ބަޔަކު ތޮޅެން އުޅޭ ކަމަށް އަމިއްލަފުޅަށް ދެކިވަޑައިގެން އެކަމުގެ އިއްޒަތާއި މަންފާ ގެއްލިދާނެ ކަމުގެ ބިރަށްޓަކައި ރާއްޖޭގެ އިގްތިސާދުގެ ރަން ބިސް އަޅާ ކުކުޅު ކަތިލައްވަނީއެވެ. އަމުރު ތަންފީޒުކުރުމަށް ގޮވާލާ ކަމަށް ބުނެ ނެރޭ ބަޔާންތައް ސަރުކާރަށް ފެނިވަޑައިނުގަންނަވާތީ އެކަމަށް އިޖާބަ ދިނުމަށް ސަރުކާރަށް ސިގްނަލެއް ދިނުމުގެ ގޮތުން ގައުމުތަކުން މެދުކެނޑުމެއް ނެތި ނެރެމުންދާ ޓްރެވަލް އެޑްވައިޒަރީތަކުގެ ސަބަބުން ގެއްލުންވަމުން މިދަނީ ފަތުރުވެރިކަމުގެ ދާއިރާއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަރުވާލެއް ވެސް ނެތެވެ. ރައްޔިތު މިހާގެ ޖީބަށް ބާރުވިޔަސް ރައީސް މީހާގެ ޖީބަށް އަސަރު ނުކުރާ ނަމަ އޮތީ ކޮން ގެއްލުމެއްތޯއެވެ.

މިހާ ހިސާބުން ބަލާލަން މިޖެހެނީ ދުނިޔެ ދައްކާ މިސާލުތަކަށެވެ. ތާރީހަށެވެ. ރޮބަޓް މުގާބޭ ވެސް ޒިމްބާބުވޭގައި 37 އަހަރު ވެރިކަން ކުރެއްވިއެވެ. ވެރިކަމުން ފައިބައިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދު އެމަނިކުފާނު ކޮބައިތޯއެވެ. އެމަނިކުފާނަށް ވެސް ޖެހުނީ ވަގުތު އައިސް ޖެހުމުން އެ މަގާމުން ދުރުވެވަޑައިގަންނަވަންށެވެ. ސްޕެއިންގެ ފްރޭންސިސްކޯ ފްރޭންކޯ އާއި ލީބިޔާގެ މުއައްމަރުން ގައްޒާފީ ފަދަ ބޭފުޅުންނެވެ. ޕާކިސްތާނުގެ ޕަރްވޭޒް މުޝައްރަފް އާއި ކިއުބާގެ ފިޑެލް ކާސްޓްރޯ ފަދަ ބޭފުޅުންނެވެ. ހައްތަހާ ވެސް މިސާލުތަކެވެ. އަބަދުމެ އަބަދަށް ވެރިކަމުގައި ތިއްބަވަން ބޭނުންފުޅުވި ބޭފުޅުންނެވެ. އެ ބޭފުޅެއްގެ ވެރިކަމާ ތޮޅެން ބަޔަކު މަސައްކަތްކޮށްފި ނަމަ އެ މީހަކަށް މަރުގެ އަދަބު ދެއްވި ބޭފުޅުންނެވެ.

ކިތަންމެ ވަރަކަށް ބަގުޑިބައްދައިގެން އޮތަސް އެއްޗެއް ގެއްލެން ވީމާ އެކަމެއް ވާނެއެވެ. ކިތަންމެ ވަރަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅި ކަމުގައި ވިޔަސް ވަގުތު ޖެހުމުން ވުޖޫދުން ނެތިވެ ހިނގައިދާނެއެވެ. ވެއްޓެން އޮތް އެއްޗެއް ބަޔަކު ވައްޓާލަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް ހަމަ ނުވެއްޓުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހުރިހާ ކަމެއް ވެސް ހިނގަމުންދަނީ ތަގުދީރުގައި ލިޔެވިފައިވާ ގޮތަށެވެ. ސިފައިންނާއި ފުލުހުންނާއި ތިމާއަށް ލިބިފައިވާ ބާރުގެ ބޭނުން ކިތަންމެ ވަރަކަށް ކުރި ކަމުގައި ވިޔަސް ތަގުދީރު ބަދަލެއް ނުކުރެވޭނެއެވެ.  

 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
29%
14%
14%
0%
43%
ކޮމެންޓް