ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 23:47
ސިފައިންނާއި ފުލުހުންގެ ބައެއް އޮފިސަރުން ޖުމްހޫރީ މައިދާނުގައި
ސިފައިންނާއި ފުލުހުންގެ ބައެއް އޮފިސަރުން ޖުމްހޫރީ މައިދާނުގައި
ރާއްޖެއެމްވީ
ސުޕްރީމް ކޯޓު އަމުރު
ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް
 
ގާނޫނު ނެގެހެއްޓުމަކީ ފުލުހުންނާއި ސިފައިންގެ ޒިންމާ
 
ރައްޔިތުންގެ މެދުގައި އޮތް އިހުތިރާމާއި އިތުބާރު އެއްކޮށް ވަނީ ގެއްލިގެން ގޮސްފައި
 
ކޯޓު އަމުރު ތަންފީޒުކުރުމަށް މި ދެ މުއައްސަސާއިން އަދިވެސް ފަށާފައެއް ނުވޭ

ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ނެރުނު އަމުރާއެކު ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައި މަންޒަރު ފެނިގެންދިޔައެވެ. ފަސް ފަނޑިޔާރުންގެ ސޮޔާއެކު އެ އަމުރު ނެރެފައިވަނީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް އަމުރު ތަންފީޒު ކުރުން ލާޒިމް ކުރަމުންނެވެ. އަމުރު ތަންފީޒު ނުކޮށްފިނަމަ  ނުވަތަ އަމުރު ތަންފީޒުކުރުމުގައި ފަރުވާ ކުޑަކޮށްފިނަމަ ވަކިވަކި ފަރުދުންގެ މައްޗަށް ތަހުގީގު ހިންގައި ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މައްޗަށް އަމުރުކޮށްފައިވެއެވެ.

ސަރުކާރުން އަމުރު ތަންފީޒުކުރުމުގެ ބަދަލުގައި ކޮންމެ 12 ގަޑިއިރަކުން ރައްޔިތުން ސާބިތު ކަމާއެކު ތިއްބެވުމަށާއި އަމުރު ދިރާސާ ކުރެވެމުންދާ ކަމަށް ބުނަމުންދިޔައެވެ. ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރެޔެވެ. ދައުލަތުގެ ބަންޑާރަ ނައިބާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ފުރަމުން އަންނަ "ފުންނާބު އުސް" ގާނޫނީ ވަކީލަކު ދައުލަތުގެ ޓީވީ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނެއް އިއްވައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިއެވެ.

ޖެހިގެން އައި ދުވަހު ފުލުހުންނާއި ސިފައިން އެއްކޮށް ތިބެ ސިފައިންގެ އަޒުމް ކިޔާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ދައުލަތުގެ މީޑިއާއިން މެދުކެނޑުމެއްނެތި ދައްކަމުންދިޔައެވެ. މިއީ ކޮން ގަވާއިދެއްގެ ދަށުން ކޮން ގާނޫނެއްގެ ދަށުން ކުރެވިގެންދިޔަ ކަމެއްތޯއެވެ. ފުލުހުންގެ އޮންނާނީ ވަކި އަޒުމެކެވެ. ސިފައިންގެ އޮންނާނީ ވަކި އަޒުމެކެވެ. ދެ ބައި މީހުންނާ ހަވާލުކުރެވިފައިވަނީ ދެ މަސައްކަތެކެވެ. އެހެން ނަމަވެސް ސިފައިންގެ އެންމެ އިސް ކޮމާންޑަރެއްގެ ގޮތުގައި ހުންނެވި ބޭފުޅާ ބައެއް ފުލުހުންނާއި ސިފައިން އެއްކޮށްގެން އަޒުމް ވިދާޅުވަމުންދިޔައިރު އެ ދެ ކަނޑާލެވުނީ އެ ދެ މުއައްސަސާގެ ހުރުމަތެވެ.

އޭގެ ފަހުން ވޭތުވެދިޔަ ގަޑިއިރުތަކުގައި ދެ ބައި މީހުން އެއްކޮށް ޕްރެސް ކޮންފަރެންސްދީ ގާނޫނީ ސަރުކާރު ދަމަހައްޓަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ބުނަމުންދިޔައެވެ. ހިތާމަޔާއެކު ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ދެ މުއައްސަސާގެ އިސްވެރިންނަށް ވެސް ރާއްޖޭގައި ވެގެން މިއުޅޭ ގޮތެއް އެއްވެސް ވަރަކަށް ސާފުވެފައި ނެތުމެވެ. މި އުޅެނީ ދައުލަތުގެ އެންމެ މަތީ ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށްގެންނެވެ. އެއްވެސް ހާލެއްގައި ރައީސް ޔާމީންގެ ވެރިކަމާއި ތޮޅެން ބަޔަކު ނޫޅެއެވެ. ފަހަރެއްގައި އެ ބޭފޫޅުންނަށް ރައީސް ޔާމީން އެފަދަ ގޮތަކަށް ވިސްނަވައިދެއްވުމަކީ އެކަށީގެންވާ ކަމެކެވެ.

ސިފައިންގެ ވާހަކަ އިހަށް ބާއްވަމާތޯއެވެ. ގަބޫލުކުރަން ޖެހޭ ތެދު ހަގީގަތަކީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުގެ ރެޔަށް ފަހު ދިވެހި ފުލުހުންނަށް މީހުން ދެމުންދިޔަ ލޯތްބާއި ކުރަމުންދިޔަ އިހުތިރާމު އެއްކޮށް ނެތިގޮސްފައިވުމެވެ. އޭރު ކުރީ "ބަޣާވާތެކެވެ". އޭރު އެ "ބަޣާވާތް" ކުރީ ރައީސް ކަމުގައި ހުންނެވި ބޭފުޅަކު ކުރެއްވި ޣައިރު ގާނޫނީ އަމުރުތަކެއްގެ ސަބަބުން ކަމަށް، ބަހަނާއެއްގެ ގޮތުގައި ބުނެ އެވެ. މިއަދު އަޅުގަނޑު އެ ބޭފުޅުންނާ ކޮށްލަން ބޭނުންވާ ސުވާލަކީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ޢައުލަބިއްޔަތުން ނެރުނު އަމުރެއް ތަންފީޒުކުރަން ދެކޮޅު ހެދުމަކީ ކޮންކަހަލަ ކަމެއްތޯއެވެ. އެއީ ހަމަ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ޣައިރު ގާނޫނީ އަމުރަށް ތަބާވުން ނޫން ވަކި ކޮންކަމެއްތޯއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވުމަށްފަހު ދެން ފާއިތުވެގެންދިޔަ ވަގުތުކޮޅުތަކަކީ ގައުމެއްގެ ހަޔާތުގައި ފެންނާނެ ހިތްދަތި މަންޒަރެކެވެ. އެ އެއްޗެއްގެ ހިމާޔަތުގައި ފުރާނަ ދޭން ތައްޔާރަށް ތިބި ކަމަށް ފުލުހުންނާއި ސިފައިން މާތް ﷲ ގަންދީ ހުވާކޮށްގެން ތިބެ ގާނޫނު އަސާސީގައި ވީދައިލި އެވެ. ފުޓްބޯޅައެއްގައި ޖަހާ އުސޫލުން ގާނޫނު އަސާސީގައި ކޮޅުފައިން ޖެހި މަންޒަރެވެ. ގާނޫނޫ އަސާސީ ވީދާ ކުދިކޮށްލި މަންޒަރެވެ.

އެންމެ ފުރަތަމަ ސުޕްރީމް ކޯޓު ހިމެނޭ ސަރަހައްދު ބަންދުކުރީއެވެ. އެ ސަރަހައްދަށް އެއްވި އާންމުންނަށް އަނިޔާކޮށް ފައްސާލީއެވެ. ރައްޔިތުންގެ ފައިސާއިން ފަހާފައިވާ ޔުނީފޯމާއި ހަތިޔާރު ހިފައިން ދެން އެރީ ދައުލަތުގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގެ ފުރާޅަށެވެ. ސުޕްރީމް ކޯޓުގެ ދޮރު ވައްޓާލިއިރު ފަސްޖެހުމެއް ނެތެވެ. ސުޕްރީމް ކޯޓުގެ ފްލޯރގައި އުއްތަމަ ފަނޑިޔާރު ދަމާ ކޫއްތާފަ ގެންދިޔައިރު ލަދެއް ހަޔާތެއް ނެތީތޯއެވެ. ތިޔަ ގެންދެވެނީ ދައުލަތެއްގެ އެންމެ އިހުތިރާމު ލިބެންޖެހޭ ފަރާތްކަން ހަމަ އެނގިވަޑައި ނުގަންނަވަނީތޯއެވެ. ނުވަތަ ހަމަ ވަކި ފަރާތެއްގެ ޣައިރު ގާނޫނީ އަމުރަށް އެނގިތިބެ ކިޔަމަންވީތޯއެވެ. ނޫނީ ކޮންމެވެސް ސަބަބަކާހުރެ ކިޔަމަންވާނެ ޖެހުނީތޯއެވެ.

ދެ ފަނޑިޔާރަކު ހައްޔަރުކުރީއެވެ. ޖޫޑިޝިއާރީގެ ކަންކަން ބަލަހައްޓާ އެންމެ އިސް އިދާރީ މުވައްޒަފު ވެސް ގެންދިޔައީއެވެ. ދެން ފެނިގެންދިޔައީ ދިވެހި ތާރީހުގައި ދުވަހަކުވެސް ފެންނާނެ ކަމަށް ބަޔަކު ދެކުނު މަންޒަރެއް ނޫނެވެ. މި ގައުމުގެ ވެރިކަން 30 އަހަރު ކުރައްވައި ގައުމަށް އެތަކެއް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ރައީސް މައުމޫން ދިރިއުޅުއްވި ގެކޮޅުގެ ދޮރުވައްޓާލައި އެމަނިކުފާނު ހައްޔަރުކުރެވިގެންދިޔަ މަންޒަރެއްވެ.

ހައްތަހާވެސް ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ބޭފުޅުންނެވެ. އެހެން ނަމަވެސް ވެރިކަން ވައްޓާލަނެ ކަމަށް ބަޔަކު ބުނި އަޑެއް ވެސް އިވިފައެއް ނެތެވެ. އެފަދަ މަންޒަރެއް ވެސް ނުފެނެއެވެ. މަގުމައްޗަށް ނުކުންނެވި ރައްޔިތުންގެ އާދޭހަކީ ވެސް ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމެވެ. އެ ގޮވާލެއްވުން އަމާޒުކުރެއްވީ ގާނޫނު ތަންފީޒުކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރައްވާ ބޭފުޅުން ކަމަށްވާ ސިފައިންނާއި ފުލުހުންނަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ އާދޭހުގެ އަޑު ނައައްސަވާ އެ ބޭފުޅުން ދެމިތިއްބެވީ ޣައިރު ގާނޫނީ އަމުރު ތަންފީޒުކުރެއްވުމުގައެވެ.

ދެންއޮތީ އަދި މާ ޖޯކު ވާހަކައެކެވެ. ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުންނާ ދެކޮޅަށް ފެންނަ ހެކީގެ ވާހަކައެވެ. ތިން ވަޒަނާއި ފިސްތޯލަކާއި ބުރުގަލެކެވެ. ކަޅު ފޮއްޓަކާއި އަތްދަބަހަކާއި ކަޅު ކޮތަޅެކެވެ. ދަބަހެއްގެ ތެރެއިން ފެނުނު ލާރިއާ ނިދަން އޮޝޯންނަ ކާލޯން ގޮދަޑި ދަށުން ފެނުނު ފައިސާތަކެކެވެ. ބައްލަވާ މިއީ 1800 ގެ އަހަރުތަކެއް ނޫނެވެ. މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. ކާލޯން ގޮދަޑިއެއް ދަށުން ފެންނަ ފައިސާއަކުން ވެރިކަމާ ތޮޅެވެންޔާ ދެން ވެރިކަމުގައި ހުންނަ މީހާއަކީ ޖޯކެއް ނޫންތޯއެވެ.

އެޔަށްފަހު އޮތީ އިންޓެލިޖެންސް ރިޕޯޓުތަކުގެ ވާހަކައެވެ. އިންޓެލިޖެންސް ރިޕޯޓުތަކަކީ އެހެން ގައުމުތަކުގައި ވަރަށް ކްރެޑިބަލް އެއްޗެއްގެ ގޮތުގައި މީހުން ދެކޭ އެއްޗެކެވެ. ރާއްޖޭގެ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުތަކަކީ ބޭނުން އިރަކު ބޭނުން ގޮތަކަށް އަނބުރާލެވޭ އެއްޗެކެވެ. އިންޓެލިޖެންސް ޑިޕާޓްމެންޓަކީ ކަމެއް ހިނގުމުގެ ކުރިން އެކަމެއް ހިނގަން އުޅޭކަމުގެ މައުލޫމާތު ލިބެން ޖެހޭ ތަނެކެވެ. ދިވެހި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ކަންކަން ކުރިޔަށްދަނީ މުޅިން އިދިކޮޅަށެވެ. ކަމެއް ވެ ނިމުމުން އެކަމުގެ އިންޓެލިޖެންސް ރިޕޯޓު އާންމުކުރާ މަންޒަރު ފެންނަނީ މަދަކުން ނޫނެވެ. ބައެއް ހާލަތުތަކުގައި ބޭރުގެ މީޑިއާގައި ދެ ދުވަސްކުރިން ޝާއިއުކުރާ ހަބަރުތައް ވެސް އިންޓެލިޖެންސް ރިޕޯޓުތަކަށް ވާ މަންޒަރު ފެންނަނީ މަދަކުންނެއް ނޫނެވެ.

ދަންނަވަން މި އުޅޭ ވާހަކައަކީ ނުލާއި ފެހީގެ ޔުނީފޯމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ރައްޔިތުންގެ ތެރޭގައި އޮތް އިތުބާރަކީ ކުޑަ އެއްޗެއް ކަމެވެ. އެއްވެސް މިންވަރެއްގެ އިތުބާރެއް ނެތޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. އިތުބާރަކީ ހޯދީމަ ލިބޭ އެއްޗެކެވެ. އިހުތިރާމަކީ ވެސް ހޯދީމާ ލިބޭ އެއްޗެކެވެ. އެތަކެއް އަހަރުތަކެއް ވަންދެން ރައްޔިތުންގެ މެދުގައި އެ ބޭފުޅުން ހޯއްދެވި އިހުތިރާމާއި އިތުބާރު ވޭތުވެދިޔަ ހަ  އަހަރު ތެރޭ އެއްކޮށް ވަނީ ނެތިގެން ގޮސްފައެވެ.

ގާނޫނީ ގޮތުން ތަންނުދޭ ކުއްލި ނުރައްކަލުގެ ހާލަތެއް ކޮންމެ ރައީސަކު އިއުލާނުކުރި ނަމަވެސް އެކަމެއް ދެމެހެއްޓުމުގައި ފުލުހުންނާއި ސިފައިން ބައިވެރިވެގެން ނުވާނެއެވެ. ގާނޫނު އަސާސީގައި ވަރަށް ސާފު ދިވެހި ބަހުން ލިޔެވިފައި ވަނީ ވެރިކަން ކުރެއްވުމުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ވެސް އަދި ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ސަރުކާރު ހިންގަން ރައްޔިތުން އިންތިހާބުކުރާ ފަރާތެކެވެ. އެ ފަރާތަކުން ގާނޫނު މުގުރާލައިފިނަމަ އެ މީހެއްގެ ޣައިރު ގާނޫނީ އަމުރަށް ފުލުހުންނާއި ސިފައިން ތަބާވެގެން ނުވާނެއެވެ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ކޮންމެ ފުލުހަކަށް ވެސް އަދި ކޮންމެ ސިފައިންގެ އޮފިސަރަކަށް ވެސް އެ އަމުރުތަކަށް ތަބާނުވުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު ލިބެގެން ވެއެވެ.

ގާނޫނުގެ މަގަށް ރުޖޫއަވެވަޑައިގެން ރައްޔިތުންގެ އެދުމަށް އިޖާބަ ދެއްވާށެވެ. ގައުމެއްގެ ކުރިމަގު ފުނޑާނުލައްވާށެވެ. ގާނޫނު އަސާސީގެ ބާރު ކަނޑުއްވާ ނުލައްވާށެވެ. ތިބޭފުޅުންނަކީ ރައްޔިތުންގެ ހިދުމަތުގައި ތިއްބެވި ބޭފުޅުންނެވެ. ވަކި މީހެއްގެ އޯޑަރަށް ރައްޔިތުންނަށް އަނިޔާކޮށް ހަފުސް އަރުވާލަން ތިއްބެވި ބޭފުޅުންނެއް ނޫނެވެ. މިކަމާ މެދު ފުންކޮށް ވިސްނާލައްވާ ހެދިފައިވާ ގޯސް ރަނގަޅު ކުރައްވާށެވެ. އެހެން ނޫންނަމަ ކޮންމެވެސް ދުވަހަކުން އިންސާފު ތިއިން ކޮންމެ ބޭފުޅަކާ ވެސް އަރާ ހަމަކުރާނެ ކަން މިއީ ތާރީހު ދައްކާ ހެއްކެކެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
17%
50%
0%
0%
33%
ކޮމެންޓް