ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 16:56
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ރައީސް އޮފީސް ޓްވިޓާ
ސްޕްރީމް ކޯޓު
ރައީސް ޔާމީން މަގާމުން ދުރުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމައިފި
މައްސަލަ ބޭރުކޮށްލީ ގާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހެޅިފައިވާ މައްސަލައަކަށް ނުވާތީ
މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނި 11 ފެބްރުއަރީގައި
ވަގުތީ ގޮތުން ނައިބު ރައީސްއާ ވެރިކަން ހަވާޅުކުރަން ހުށައެޅި މައްސަލައިގައި ބަޔާން ކޮށްފައިވޭ

ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އަބްދުﷲ ޔާމީން ދުރުކޮށް، ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ވެރިކަން ހަވާލު ކޮށްދިނުމަށް އެދި އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓަށް  ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

ސްޕްރީމް ކޯޓުން ހޯމަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރުން  08 ފެބުރުއަރީ 2018 ވަނަ ދުވަހު އެ ކޯޓަށް ހުށަހެޅި މައްސަލައަކީ، ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހުށަހެޅިފައިވާ މައްސަލައަކަށް ނުވާތީ، ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ ދަށުން އެ މައްސަލަ ބަލައިނުގަތުމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން 11 ފެބުރުވަރީ 2018 ވީ އާދީއްތަ ދުވަހު ނިންމަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ މަޤާމުން ވަކިވެއްޖެކަމަށް ކަނޑައަޅަދިނުމަށް އެދި މައްސަލަ ސްޕްރީމް ކޯޓަށް ހުށައެޅީ ރައީސް މުހައްމަދު ނަޝީދުއާއި، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ ފަރާތުންނެވެ.

މި މައްސަލަ ހުށަހެޅުމަށް ފަހު އިދިކޮޅު ފަރާތްތަކުން ނެރުނު ނޫސްބަޔާނުގައިވާ ގޮތުގައި، މި މައްސަަލަ ހުށަހަޅަން ޖެހުނީ ރައީސް ޔާމީންގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލިސް ހުއްޓުވައި، މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައި ވާތީ، ދިވެހިރާއްޖެ ވެއްޓިފައިވާ ފުން އަނދަވަޅުން ގައުމު ސަލާމަތްކޮށް، ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަދި ގައުމު ހަމަމަގަށް އެޅުވުމަށްޓަކައެވެ.

ރައީސް ޔާމީނު ދިވެހި ދައުލަތުގެ މުދަލާއި ފައިސާއިން ނާޖާއިޒު ގޮތުގައި ފައިދާއާއި މަންފާ ހާސިލު ކުރައްވަމުން ގެންދާ ދިއުން ހުއްޓުވުމަކީ، ރައްޔިތުންގެ މަޖިލީހުން ރުހުންދީގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އޮޑިޓަރ ޖެނެރަލަށް ނުވަތަ ޕްރޮސަކިއުޓަރ ޖެނެރަލަށް ނުވަތަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުގައިވާ ފުލުހުންގެ މުއައްސަސާއަށް ވެސް ރައީސުލްޖުމްހޫރިއްޔާ ދައްކަވާފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެތިބެ ކުރެވިދާނެ ކަމެއް ކަމަށް ބެލެވެން ނެތް ކަމަށް އެ ބަޔާނުގައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ހުރިހާ ކޮރަޕްޝަނުގެ އަމަލުތައް ތަހުގީގުކުރުމަށްޓަކައި ހާއްސަ ތަހުގީގު ކޮމެޓީއެއް އެކުލަވާލައި، ގާނޫނު އަސާސީގެ 127 ވަނަ މާއްދާގައިވާ ގޮތަށް ރައީސް ޔާމީން ޖަވާބުދާރީ ކުރުވުމަށެވެ. އަދި އެ ތަހުގީގު ނިންމުމާ ހަމައަށް ގާނޫނުއަސާސީގެ 117 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރުމުން ރައީސް ޔާމީން އުޒުރުވެރިވެއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ. އަދި ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް