ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 16:02
މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން
މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީން
ގޫގުލް
ޒައިދުލް އަމީން
ޝަރީއަތް ކުރިއަށް ދަނިކޮށް ޒައިދުގެ ދައުވާ އަނބުރައި ގެންގޮސްފި
ޒައިދުގެ މައްޗަށް ތިން ދައުވާއެއް އުފުލާފަވޭ
ޒައިދު ވަނީ ރައީސް މައުމޫނާއި ދެކޮޅަށް ބަޔާނެން ދީފައި
ދައުވާ އަނބުރާ ގެންދިޔަކަން އަންގާފައި ވަނީ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވުމުން

ފަނޑިޔާރަކު ބްލެކްމެއިލް ކުރިމަކުގެ ތުހުމަތުގައި މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެމްބަރު ޒައިދުލް އަމީނަށް ކުރި ދައުވާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އިން އަނބުރާ ގޮންގޮސްފިއެވެ.

ޒައިދުއަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިޔަކަން އޭނާ އަށް އަންގާފައި ވަނީ ހޯމަ ދުވަހު މެންދުރު 1:00 ގައި ތާވަލްކޮށްފައިވާ ޝަރީއަތަށް އޭނާ ހާޒިރުވުމުންނެވެ. އެހެން ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިކަމާ ގުޅިގެން ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ފަނޑިޔާރަކު ބްލެކްމެއިލް ކުރި ކަމަށް ތުޙުމަތުކޮށް، ޒައިދު ހައްޔަރުކޮށް، އޭނާގެ މައްޗަށް ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ ކޮށްފައިވެއެވެ.

ޒައިދުގެ މައްޗަށް ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާ ކޮށްފައި ވަނީ ފަނޑިޔާރަކު ދެއްކެވި ވާހަކަތަކެއް ރެކޯޑްކޮށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެއެވެ. ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ ކޮށްފައިވަނީ ފަނޑިޔާރަކު ދިރިއުޅުއްވާ އެޕާޓްމެންޓަށް ގޮސް، ފަނޑިޔާރު ދެއްކެވި ވާހަކަތަކެއް ސިއްރުން ރެކޯޑް ކުރި ކަމަށް ބުނެއެވެ. ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރަން އުޅުމުގެ ދައުވާ ކޮށްފައި ވަނީ ފަނޑިޔާރު ދެއްކެވި ވާހަކަތަކުގެ ރެކޯޑިންގ ވިއްކަން އުޅުނު ކަމަށް ބުނެއެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުގެ ރޭ ޒައިދު ހައްޔަރުކޮށް، ޖަލުގައި ބެހެއްޓުމަށްފަހު ކުޑަ ދުވަސްކޮޅަކަށް ގޭބަންދަށް ބަދަލުކުރި ނަމަވެސް، ޝަރީޢަތް ނިމެންދެން އޭނާ ގޭބަންދުގައި ބަހައްޓަން ނިންމާފައިވަނީ މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު، މާލެއިން ބޭރަށް ނުދިއުމަށް، 30 ދުވަހުގެ މުއްދަތަށް ޝަރުތުކޮށް، އޭނާ ގޭބަންދުންވެސް ދޫކޮށްލުމަށް ޝަރީޢަތުން ވަނީ ނިންމާފައެވެ.

އޭގެ ފަހުން ރައީސް މައުމޫނަން ޒައިދު ކުރެއްވި ތާއިދު އަނބުރާ ގެންގޮސް، ރައީސް ޔާމީނަން ތާއިދުކުރާކަން އޭނާ އިއުލާންކޮށް، މިހާރު އަންނަނީ ޕީޕީއެމްގެ އެކި ހަރަކާތްތަކުގައި ބައިވެރިވަމުނެވެ. ޒައިދުއަށް ކުރި ދައުވާ އަނބުރާ ގެންގޮސްފައި މި ވަނީ، ރައީސް މައުމޫން ފަނޑިޔާރުންނަށް ރިޝްވަތު ދެއްވާ ކަމަށް ވިދާޅުވެ ބަޔާނެއް އޭނާ ދެއްވާފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް