ކ. މާލެ
|
12 ފެބްރުއަރީ 2018 | ހޯމަ 15:55
ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން
ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
އިދިކޮޅު މެމްބަރުންނަށް ބޮޑެތި އަދަދުތަކުން ރިޝްވަތު ހުށަހަޅާ ކަމަށް މަހުލޫފު ތުހުމަތުކޮށްފި
ރިޝްވަތު ދޭން 100 މިލިއަންގެ ބަޖެޓެއް ވަނީ ކަނޑައަޅާފައި: މަހުލޫފު

ސަރުކާރުން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ބޮޑެތި އަދަދުތަކުން، އިދިކޮޅު މެމްބަރުންނަށް ރިޝްވަތުގެ ފައިސާ ހުށަހަޅަމުންދާ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ސްޕޯކްސްޕާސަން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މަހުލޫފު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު މެމްބަރުންނަށް ރިޝްވަތު ދެއްވުމުގައި އިސްކޮށް އުޅުއްވަނީ މަހްލޫފް ތުހްމަތުކުރެއްވި ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް އެވެ. މެމްބަރުންނަށް ރިޝްވަތު ދިނުމަށް 100 މިލިއަންގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމާއި ރައްޔިތުންގެ ހައްގުގައި ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން އެއްވެސް މެމްބަރެއް އެފަދަ ދެރައެއް ގައުމަށް ނުދޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. ރިޝްވަތުގެ ގޮތުގައި ދޭން އުޅޭ ފައިސާއަކީ ރައްޔިތުންގެ ހައްގެއް ކަމަށާއި އެ ފައިސާ ނެގުމަށް ފަހު ރައްޔިތުންނަށް ދިނުމަށް މަހުލޫފު އެދިވަޑައިގެންނެވިއެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި 12 މެމްބަރުންގެ ގޮނޑީގެ ސައްހަކަން ކަށަވަރުވުމުން، ސަރުކާރަށް ވަނީ މަޖިލީހުގެ މެޖޯރިޓީ ގެއްލިފައެވެ. 

މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން، ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުންގެ އަދަދަކީ 42 އެވެ. އެއީ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް ހިމަނައިގެންނެވެ. ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 43 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް